އީގަލްސް ބަލިކޮށް ޗެމްޕިއަން މާޒިޔާ އަށް ރަނގަޅު ފެށުމެއް
އީގަލްސް ބަލިކޮށް ޗެމްޕިއަން މާޒިޔާ އަށް ރަނގަޅު ފެށުމެއް

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން 1-0 އިން ހޯދި އުނދަގޫ މޮޅާ އެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ފެށުން ރަނގަޅުކޮށްފި އެވެ.

މިއީ ބިދޭސީ ކޯޗަކާ އެކު މާޒިޔާ އިން ލީގު މެޗަކަށް ނުކުތް ފުރަތަމަ ފަހަރެވެ. މި އަހަރު އެ ޓީމުގެ ކޯޗަކީ މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އެވެ.

މާޒިޔާ އިން އީގަލްސް އަށް ބަދަލުވި މިޑްފީލްޑަރު އަހުމަދު ނާޝިދު (ނައްޓޭ) އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެ އެވެ. އަދި އާއިލީ ކަމެއްގެ ސަބަބުން މި ވަގުތު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ވެސް ހުރީ ޓީމާ ދުރުގަ އެވެ.

ޗެރިޓީ ޝީލްޑް މެޗުގައި ލިބުނު އަނިޔާއިން ރަނގަޅު ނުވާތީ މި މެޗުގައި މާޒިޔާގެ މިޑްފީލްޑަރު މޫސާ ޔާމިން (ޔާމްބެ) ވެސް ނުކުޅެ އެވެ.

ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް މާ އެދެވޭ ކުޅުމެއް ނުފެެނެ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްނުކުރެވިދިޔައިރު، ދެ ޓީމުގެ ފަރާތުން ވެސް ގިނަ ގޯސްތަކެއް ފެނުނެވެ.

މެޗުގެ 18 ވަނަ މިނިޓްގައި އީގަލްސް އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރަކު އަތުގައި ބޯޅަ ޖެހުމުން މާޒިޔާ ކުޅުންތެރިންނާއި އެ ޓީމުގެ ކޯޗު ސެކުލޮސްކީ ވަނީ ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ. އެހެން ނަމަވެސް މެޗުގެ ރެފްރީ ޝިފާން އަބްދުލް ރަހީމް އެއީ ޕެނަލްޓީއެއް ކަމަށް ނުނިންމަ އެވެ. މީގެ އިތުރުން ވެސް ޝިފާންގެ ބައެއް ނިންމުންތަކާ މާޒިޔާ ސެކުލޮސްކީ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މިއަދުގެ މެޗުގައި އީގަލްސްގެ އުއްމީދީ މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އީގަލްސް ފުރަތަމަ އެގާރައިގައި މުޅިން އަލަށް ކުޅުނު ބޮބީ ވަނީ މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ. މިއަދުގެ މެޗުގެ ކުރިން އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަނީ މިއީ ރިހާމަށް އުއްމީދީ އަހަރަކަށް ވާނެ ކަމަށް ބުނެފަ އެވެ.

ފުރަތަމަ ހާފްގައި މާޒިޔާ އިން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ އެ ޓީމުގެ ސާބިއާ ފޯވާޑް އަލެކްސަންޑަ ރަކިޗް އަށެވެ. މެޗުގެ 34 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އީގަލްސް އޭރިއާ ބޭރު ރޮނގު ކައިރިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މާޒިޔާ އިން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. އަހުމަދު އިމާޒް (އާއްކޮ)ގެ ބަދަލުގައި ސަމޫހް އަލީ (ސަމުއްޓޭ) ވަނީ ކުޅެން އަރުވައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ ޓީމުން ވެސް ފުރަަތަމަ ހާފަށް ވުރެ ކުޅުން ރަނގަޅުކުރި އެވެ. ދެ ވަނަ ހާފްގައި ފުރަތަމަ ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އީގަލްސްގެ އަންކޮ އަށެވެ.

މެޗުގެ 51 ވަނަ މިނިޓްގައި އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) ހުސްކޮށްލާފައި މާޒިޔާ އޭރިއާ ތެރެއިން އަންކޮ އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އީގަލްސް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު އޭގެ މިނިޓެއް ފަހުން މާޒިޔާ އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

އީގަލްސް ހާފްގެ ތެރެއިން އުމެއިރު ބޯޅަ ހިފައިގެން އައިސް އޭރިއާ ތެރެއިން ހުސްކޮށްލާފައި އަސަދުﷲ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މާޒިޔާ އިން ލީޑުނެގުމާ އެކު އީގަލްސް އިން ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކް ގިނަކުރި އެވެ. އެ ޓީމުން ވަނީ މެޗުގެ 54 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލައިފަ އެވެ. މާޒިޔާ އޭރިއާ ތެރެއިން މުއްކި ދިން ބޯޅަ ޑީކްމަން ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ ފަހުން މުއްކި އާއި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ހަސަން ރާއިފް (ހަންނަ) ފޮނުވާލި ބޯޅަތައް މާޒިޔާގެ ކިރްގިސްތާން ކީޕަރު ޕަވެލް މަޓިއާޝް ވަނީ މަތަކޮށްފަ އެވެ. އީގަލްސްގެ އެޓޭކް ވަރުގަދަވެ ފަހު 20 ވަރަަކަށް މިނިޓްގައި މާޒިޔާ ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ.

ކައުންޓައެޓޭކްގައި ލީޑުފުޅާކުރަން މެޗުގެ 67 ވަނަ މިނިޓްގައި މާޒިޔާގެ އަސަދުﷲ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ހާފް މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަސަދުﷲ ފޮނުވާލި ބޯޅަ އީގަލްސް ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހު މިނިޓްގައި ވެސް އަސަދުﷲ ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އީގަލްސް އޭރިއާ ބޭރު ރޮނގު ކައިރިން އަސަދުﷲ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

އީގަލްސް އިން ވަނީ މެޗުގެ ފަހު ވަގުތު މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު ކުޅެން އަރުވައިފަ އެވެ. އެހެން ނަމަވެސް އީގަލްސް އިން މިއަދު މަހޫމޫދު ބޭނުންކުރީ ފޯވާޑެއްގެ ގޮތުގަ އެވެ. މެޗުގެ އިތުރު ވަގުތުގައި އޭނާ ވަނީ ނަތީޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ޖެހިލައިފަ އެވެ.

އީގަލްސްގެ މުޖުތާޒް މުހައްމަދު (މުޖޭ) ނަގައިދިން ހުރަހަކުން މާޒިޔާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި މަހުމޫދު ބޮލުން ފޮނުވާލި ބޯޅަ ފެނުގައި ޖެހިފައި އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މި މެޗު ބެލުމަށް މިދިޔަ އަހަރުގެ ލީގުގެ މެޗުތައް ބަލަން ދިޔަ އަދަދަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ދަނޑަށް ގޮސްފަ އެވެ. އެގޮތުން ގޮނޑިބަރީ އޮތީ ގާތްގަނޑަކަށް ފުރިފަ އެވެ.