10 ޖުލައި 2024 - 12:48

ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ކުރިއަރުވައި ފުޅާކުރުމަށް އެ ގައުމުގެ ވިޔަފާރިންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިވަގުތު އެމެރިކާއަށް ކުރައްވާ ދަތުރުގެ ތެރެއިން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ބެހޭ މައުލޫމާތު އެ ގައުމުގެ ވިޔަފާރިވެރިންނާ ހިއްސާކުރައްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެމެރިކާގެ ވިޔަފާރިވެރިންނާ އެކު މި ބައްދަލުވުން އިންތިޒާމު ކޮށްފައިވަނީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސައީދުގެ މި ދަތުރަކީ ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮންނަ ވިޔަފާރި އާއި އިންވެސްޓުމަންޓުގެ ގުޅުން ފުޅާކުރުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
ރާއްޖެއަށް އިންވެސްޓުމަންޓުތައް ގެނައުމަށް އިކޮނޮމިކް މިނިސްޓްރީން އިސްވެ އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިފަހުން، މިނިސްޓަރު ސައީދު ވަނީ ސައުދީ އަރަބިއްޔާ އާއި ޗައިނާގެ އިތުރުން އިނގިރޭސިވިލާތަށް ވެސް ވަޑައިގެން، އެ ގައުމުތަކުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.