10 ޖުލައި 2024 - 05:53

އިޒްރޭލުން ޣައްޒާގައި މީހުން ބަނޑަށްޖެއްސުމުގެ ނިޔަތުގައި އެކި އަމަލުތައް ހިންގަމުން ގެންދާ ކަމަށާއި އެކަމުގެ ސަބަބުން އެތައް ކުޑަކުދިންނެއް މަރުވަމުންދާ ކަމަށް އދ.ގެ ރެޕަޓުއާއިންގެ ޓީމަކުން އިއްޔެ ބުނެފި އެވެ.
"އިޒްރޭލުން ގަސްތުގައި އަދި އަމާޒުކޮށްގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ބަނޑަށްޖެއްސުމުގެ ކެމްޕޭނަކީ ނަސްލު ނައްތާލުމުގެ އަނިޔާވެރިކަމުގެ އަމަލެއް ކަމަށާއި އެކަމުގެ ގެ ސަބަބުން މުޅި ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވި ކަމަށް އަޅުގަނޑުމެން ކަނޑައަޅަން،" އދ. މިނިވަން 10 އެކްސްޕާޓުންގެ ޓީމަކުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ޓީމުން މިގޮތަށް ކަނޑައެޅި ނަމަވެސް ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެފައިވާ ކަމަކަށް އދ. އިން ކަނޑައެއް ނާޅަ އެވެ.
ނަމަވެސް އދ.ގެ ކާނާއާ ބެހޭ ހާއްސަ ރެޕަޓުއާ ވެސް ހިމެނޭހެން މި ޓީމުން ބުނީ ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވަމުންދާކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ.
"އޮކްޓޫބަރު 7 ގެ ފަހުން ވަނީ އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާގައި 34 މީހަކު މަރުވެފައި. މީގެ ތެރޭގައި ގިނައީ ކުޑަކުދިން،" އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އައްޔަންކޮށްފައިވާ އެކްސްޕާޓުންގެ ޓީމުން ބުންޏެވެ.
އެކަމަކު މިއީ އދ.ގެ ނަމުގައި ވާހަކަ ދައްކާ ބޭފުޅުންނެއް ނޫނެވެ.
އިޒްރޭލުން ވަނީ މި ބަޔާން ނެރުމާ އެކު ރައްދުދީ، އދ.ގެ މި އެކްސްޕާޓުންނަކީ ދޮގު ވާހަކަ ފަތުރައި އަދި ހަމާސް އަށް ޕްރޮޕަގެންޑާ ފަތުރައިދޭ ބައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. -- އޭއެފްޕީ