09 ޖުލައި 2024 - 10:07

އިދިކޮޅު އެމްޑީޕީ އިން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރީ އެ ޖަލްސާގައި ބައިވެރިވުމުގެ ސަބަބުން ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވަޒީފާ އިން ވަކިކޮށްފައިވަނީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާއިން އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާ ފެށުމުގެ ގޮތުން ގުރުއާން ކިޔެވީ އޭނާ އެވެ.
ޝާއިން ވަޒީފާ އިން ވަކިކުރިކަން އަންގައި، އިއްޔެ ފޮނުވި ޗިޓުގައިވާ ގޮތުން އެ ފިޔަވަޅު އެޅީ ޖެހިޖެހިގެން ތިން ދުވަހު ވަޒީފާ އަށް ނުކުމެފައި ނުވާތީ އެވެ.
އެޗްޑީސީން މިއަދު ބުނީ ޝާއިން ވަޒީފާ އިން ވަކިކުރީ ސިޔާސީ ޕާޓީއެއްގެ ހަރަކާތުގައި ބައިވެރިވެގެން ނޫން ކަމަށާއި އެއީ ފަރުވާކުޑަވެ، އޮފީހަށް ނުނުކުންނާތީ އެޅި ފިޔަވަޅެއް ކަމަށެވެ. ވަޒީފާ އަށް ނުނިކުންނަ ނަމަ އިންޒާރު ދިނުމަކާ ނުލައި ވަޒީފާ އިން ވަކި ކުރެވޭނެ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
"މިއީ ޓާގެޓެޑް ފިޔަވަޅެއް ނޫން. އެޓެންޑެންސް މައްސަލަ ދިމާވެގެން އެޅި ފިޔަވަޅެއް. ކާޑު ޖަހާފައި ނައުމާއި އޮފީހަށް އެއްވެސް ގޮތަކަށް ނައުން ކަހަލަ މައްސަލަތައް އުޅެގެން ވަޒީވާ އިން ވަކިކުރާނީ،" އޭނާ ވިދާޅުވި އެވެ.
ޝާއިން ނޫން އެހެން މުވައްޒަފުންނާ މެދު ވެސް އަމަލު ކުރަނީ އެ އުސޫލުން ކަމަށާއި ވަޒީފާ އަށް ފަރުވާކުޑަ ކުރާ އެެހެން ބައެއް މުވައްޒަފުން ވެސް ވަރަށް ފަހުން ވަކި ކޮށްފައި ވާނެ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުން ދަނީ މުވައްޒަފުން ވަކި ކުރަމުންނެވެ. އެގޮތުން އާރްޑީސީ އާއި މިފްކޯ އަދި ފެނަކަ އިން ވެސް މި ފަހުން މުވައްޒަފުން ވަކިކޮށްފައި ވެ އެވެ. އެ ކުންފުނިތަކުން ވެސް ބުނެފައިވާ ގޮތުގައި ވަކިކުރަނީ ވަޒީފާ އަށް ފަރުވާކުޑަކުރާ މުވައްޒަފުންނެވެ.