ނިއުކްލިއާ ހަތިޔާރުގެ އެންމެ ކުރީގައި އޮންނަން ބޭނުން ވަނީ އެމެރިކާ: ޓްރަމްޕް
ނިއުކްލިއާ ހަތިޔާރުގެ އެންމެ ކުރީގައި އޮންނަން ބޭނުން ވަނީ އެމެރިކާ: ޓްރަމްޕް

ވޮޝިންޓަން (ފެބްރުއަރީ 24) - އެމެރިކާގެ ނިއުކްލިއާ ހަތިޔާރު އިތުރުކޮށް، ނިއުކްލިއާ ހަތިޔާރުގެ ގޮތުން ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ގައުމަށް ހަދަން ބޭނުންވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ އެމަނިކުފާން ބޭނުން ވަނީ އެއްވެސް ގައުމެއްގައި ނިއުކްލިއާ ހަތިޔާރު ނެތުން ކަމަށާއި އެކަމަކު އެއްވެސް ގައުމެއްގައި ނިއުކްލިއާ ހަތިޔާރު ހުރި ނަމަ އެމެރިކާ ވާން ޖެހޭނީ ނިއުކްލިއާ ހަތިޔާރުގައި އެންމެ ކުރީގައި އުޅޭ ގައުމަށް ކަމަށެވެ. އެކަމަކު އެމެރިކާ މިހާރު އުޅެނީ ނިއުކްލިއާ ހަތިޔާރުގެ ދާއިރާ އިން ފަހަތުގައި ކަމަށް ވެސް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.

ތަޖްރިބާކާރުން ބުނަނީ އެމެރިކާ އާއި ރަޝިޔާ އިން މިހާރު ވެސް ބޭނުންވާ ވަރަށް ވުރެ މާގިނައިން ވަނީ ނިއުކްލިއާ ހަތިޔާރު ހޯދައިފައި ކަމަށެވެ. އެމެރިކާގެ އާމްސް ކޮންޓްރޯލް އެސޯސިއޭޝަނުން ބުނީ އެމެރިކާގައި 6،800 ނިއުކްލިއާ ހަތިޔާރު ހުރި އިރު ރަޝިޔާގައި 7،000 ނިއުކްލިއާ ހަތިޔާރު ހުރި ކަމަށެވެ.

"އެއްވެސް ގައުމެއްގައި ނިއުކްލިއާ ހަތިޔާރު ނުހުންނަން ބޭނުންވާ ފުރަތަމަ މީހަކީ އަޅުގަނޑު. އެކަމަކު އެއްވެސް ގައުމެއްގައި ނިއުކްލިއާ ހަތިޔާރު ހުރި ނަމަ އެމެރިކާ ބޭނުން ވާނީ އެއްވަނަ ގައުމުގެ ގޮތުގައި އޮންނަން،" ޓްރަމްޕް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޓްރަމްޕް ވަނީ ދުނިޔެ އަށް ކުރިމަތިފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ނިއުކްލިއާ ހަތިޔާރު އިތުރު ކުރަން ގައުމުތަކުން މަސައްކަތް ކުރާތީ ކަމަށް ވިދާޅުވެފަ އެވެ.