08 ޖުލައި 2024 - 20:07

ނޫސްވެރިން އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އުސޫލެއް ހަދައިފި އެވެ.
އެ އުސޫލުގައި ބުނާ ގޮތުން ނޫސްވެރިން އެކްރެޑިޓް ކުރުމުގެ މަގްސަދަކީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖްރިބާ ކަނޑައެޅުމެވެ.
އޭގެ އިތުރުން ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމާއި އެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސްދޫކުރަން ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
އެގޮތުން އެ އުސޫލުގެ ދަށުން ފާސް ދޫކުރާނީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި މި ދެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން އެމްކިއުއޭ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށެވެ. ނުވަތަ އެ ދާއިރާއިން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހެ އެވެ.
އޭގެ އިތުރުން އެކްރެޑިޓްކުރަން ހުށަހަޅާ ފަރާތަކީ ފާއިތުވި ފަސް އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.
އެ ފާސް ދޫކުރުމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހަދަން ޖެހޭ ކަމަށް އެ އުސޫލުގައި ބުނެ އެވެ. އެއީ؛
- ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު)
- ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް
- ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް
- ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތް
- މުޒާހަރާއާއި ހަލަބޮލި ހާލަތުތައް ކަވަރުކުރުމުގެ ގައިޑްލައިން
- އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން
އެ ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަން ކުރުމަށް ހަދާ ކޯހުގައި ބައިވެރިވުމަށް 100ރ. ދައްކަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.
އެކްރެޑިޓޭޝަން ކާޑު ދޫކުރާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.