08 ޖުލައި 2024 - 19:25

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަޓުތައް ހިންގި ސަރަހައްދުގައި ކިއޮސްކުތަކެއް ހެދުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފި އެވެ.

ހުޅުމާލެ 2ގެ ރުުއްގަނޑާއި ބީޗު ސަރަހައްދުގައި ކުރިން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ހަޓުތައް ހަދައި ކާބޯތަކެތި ވިއްކި އެވެ.
ނަމަވެސް އެއީ އެއްވެސް ހުއްދައެއް ނެތި ކުރަމުންދާ ކަމަކަށްވާތީ އެޗްޑީސީން ވަނީ އެކަން ހުއްޓުވައި ހަޓުތައް ނަގައި ތަން ސާފުކޮށްފަ އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ސަރަހައްދުގައި މިހާރު ހަދަމުން އަންނަނީ ކިއޮސްކުތަކެއް ކަމަށެވެ. އެ މަސައްކަތް ނުނިމޭތީ، އެ ތަންތަން ދޫކުރާނީ ކޮން އުސޫލަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.
އެޗްޑީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބީޗާއި ރުއްގަނޑުގައި ހަދާފައި ހުރި ހަޓުތައް ނެގީ މުއްދެއް ދިނުމުން ވެސް ތަން ހުސް ނުކުރުމުންނެވެ. އެ ސަރަހައްދު ހުސްކުރަން އެންގީ، އެކަށީގެންވާ ގޮތެއްގައި ތަރައްގީ ކުރަން ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ހުޅުމާލެ 1 ގައި ވެސް އިއުލާން ކޮށްގެން ކުރިމަތިލާ ފަރާތްތަކަށް ކިއޮސްކު ހިންގުމުގެ ފުރުސަތު ދެ އެވެ. އެޗްޑީސީން އެ ތަންތަން މޮނިޓަ ވެސް ކުރެ އެވެ.