24 ފެބުރުއަރީ 2017 - 11:10

ލަންޑަން (ފެބްރުއަރީ 24) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ގެންޓްއާ 2-2 އިން އެއްވަރުވެ ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުން ކަޓައިފި އެވެ.
ޓޮޓެންހަމަށް މުބާރާތް ނިމުނީ 3-2 ގެ އެގްރިގޭޓް ނަތީޖާ އިން ގެންޓް ކުރި ހޯދުމުންނެވެ. ޓޮޓެންހަމް ޔޫރޮޕާ ލީގަށް އައީ ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު ގްރޫޕްގެ ތިން ވަނަ ދިއުމުންނެވެ.
މި ފަހަރު ޔޫރަޕްގައި ޓޮޓެންހަމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ހޯމް މެޗުތައް ވެމްބްލީ ސްޓޭޑިއަމްގައި ކުޅެން ޖެހުމެވެ. ވެމްބްލީގައި އެ ޓީމުގެ ހޯމް މެޗުތައް ކުޅެން ޖެހުނީ ވައިޓްހާޓް ލޭން މަރަމާތުކުރަމުން އަންނާތީ އެވެ.
ޓޮޓެންހަމަށް މި މެޗުގައި ލީޑުނަގައިދިނީ މެޗުގެ 10 ވަނަ މިނިޓްގައި ކްރިސްޓިއަން އެރިކްސަން އެވެ. އޭގެ ދިހަ މިނިޓް ފަހުން ގެންޓުން އެއްވަރުކުރި ލަނޑަކީ ޓޮޓެންހަމްގެ ހެރީ ކޭން އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ޓޮޓެންހަމަށް މި މެޗުގައި އެންމެ ބޮޑު މައްސަލަތަކެއް ދިމާވީ މެޗުގެ 39 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު ޑެލޭ އަލީ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފްގައި ކުޅެން ނުކުމެ ވެސް ޓޮޓެންހަމުން ރަނގަޅަށް ކުޅުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނިޓްގައި ވިކްޓަ ވަންޔާމާ ވަނީ އެ ޓީމަށް އަލުން ލީޑު ނަގައިދީފަ އެވެ.
ގެންޓުން އެއްވަރުކުރީ މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 82 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ޖެރެމީ ޕާބޭޓް އެވެ.
ޔޫރޮޕާ ލީގުގައި އެންމެ ފަހުން ޓޮޓެންހަމް ކުޅުނު ހަ ފަހަރުގެ ތެރެއިން އެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދެވުނީ އެންމެ ފަހަރަކު އެވެ.
ޔޫރޮޕާ ލީގުގެ ތިން ވަނަ ބުރަށް ހޮވުނު ޓީމުތަކަކީ އަޔެކްސް، އަޕޮއެލް ނިކޮސިއާ، ސެލްޓަ ވީގޯ، ގެންޓް، ކޮޕެންހާގެން، ލިޔޯން، އޮލިމްޕިއާކޯސް، ރޮސްޓޯވް، އެންޑަލެކްޓް، ބެސިކްޓާސް، ގެންކް، ބޮރޫސިއާ މޮންޗެންގްލަޑްބެކް، ކްރަސްނޯޑާ، މެންޗެސްޓާ ޔުނައިޓެޑް، ޝާލްކޭ އަދި ރޯމާ އެވެ.