ލެސްޓާ އަށް ލީގު ނަގައިދިން ކޯޗު މަގާމުން ވަކިކޮށްފި
ލެސްޓާ އަށް ލީގު ނަގައިދިން ކޯޗު މަގާމުން ވަކިކޮށްފި

ލަންޑަން (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލެސްޓާ ސިޓީ އަށް މިދިޔަ ސީޒަނުގައި ކާމިޔާބު ކޮށްދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ މަގާމުން ވަކިކޮށްފި އެވެ.

ލެސްޓާ އަށް ލީގު ނަގައިދިން ކޯޗު މަގާމުން ވަކިކޮށްފި
ލެސްޓާ އަށް ލީގު ނަގައިދިން ކޯޗު މަގާމުން ވަކިކޮށްފި

މިދިޔަ އަހަރު ފީފާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދި ރަނިއޭރީ ވަކިކުރީ ލެސްޓާ ޕްރިމިއާ ލީގުން ރެލިގޭޓް ވުމުގެ ބިރު ކުރިމަތިވެފައިވަނިކޮށެވެ.

ލެސްޓާ މި ސީޒަނަށް ކުރިމަތިލިއިރު އެޓީމުގެ ޓާގެޓަކީ ޕްރިމިއާ ލީގުގައި މަގާމު ދެމެހެއްޓުން ކަމަށް ރަނިއޭރީ ވަނީ ބުނެފަ އެވެ. ޕްރިމިއާ ލީގުގެ 17 ވަނައިގައި ލެސްޓާ މި ވަގުތު އޮތްއިރު އެ ޓީމު އޮތީ ރެލިގޭޝަނަށް ވުރެ ޕޮއިންޓެއް މަތީގަ އެވެ. މިދިޔަ ހަފްތާގައި އެފްއޭ ކަޕުން ކެޓިއިރު، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން މިދިޔަ ބުދަ ދުވަހުގެރޭ އެ ޓީމު ވަނީ ސެވިއްޔާ އަތުން ބަލިވެފަ އެވެ.

ލެސްޓާގެ ވައިސް ޗެއާމަން ތައިލެންޑުގެ ބިލިއަނަރު ވިޗާއި ސްރިވަދައްނަޕްރަބަ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ފާއިތުވި ހަތް އަހަރު ތެރޭ ނެގި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

"މިއީ ލެސްޓާއާ އަހަރެމެން ހަވާލުވި ފަހުން ވޭތުވި ހަތް އަހަރު ތެރޭގައި ނިންމި އެންމެ އުނދަގޫ ނިންމުން. ރަނިއޭރީ ވަނީ މި ކްލަބަށް އަގުނުކުރެވޭފަދަ ކާމިޔާބީއެއް ހޯދައިދީފައި. މި ކްލަބްގެ އަގު އުފުލާދީފައި. އެކަންތައް އަބަދުވެސް ހަނދާނުގައި ބަހައްޓާނަން،" އެ ބަޔާނުގައިވެ އެވެ.

އިޓަލީއަށް އުފަން ރަނިއޭރީ މަގާމުން ވަކިކުރީ ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ކަމަށާއި މިއީ ކްލަބްގެ މުސްތަގުބަލަށް ނިންމި ނިންމުމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"ރަނިއޭރީ އަށް ދިން ޓާގެޓަކީ ލީގުގައި ޓީމު ދެމެހެއްޓުން. އެކަމަކު ލީގުގެ ފަހު 13 މެޗަށް ދާއިރު ކްލަބް އޮތް މަގާމުގެ ގޮތުން މުސްތަގުބަލަށް ވިސްނާފައި ނިންމި ނިންމުމެއް މިއީ،" ބަޔާނުގައިވެ އެވެ.

ޗެލްސީ އާއި އިންޓަ އާއި ރޯމާގެ ކުރީގެ ކޯޗު ރަނިއޭރީ ލެސްޓާއާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި އެ ޓީމުން ބޮޑު ކުރިއެރުމެއް ހޯދިއިރު، މައްސަލަތައް ދިމާވީ މި ސީޒަނުގަ އެވެ. ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެންގޯލޯ ކާންޓޭ ކްލަބް ދޫކޮށްދިޔަތަން ފޫނުބެއްދުނުއިރު، މިދިޔަ ސީޒަނުގައި މޮޅު ކުޅެއް ދެއްކި ޖޭމީ ވާޑީ އާއި ރިޔާދު މާރޭޒް ވަނީ ފޯމު ގެއްލިފަ އެވެ.

ލެސްޓާ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.