08 ޖުލައި 2024 - 00:17

މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އަދަދު މަދުކޮށް, މުއައްސަސާތައް މަދު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިރޭ ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ގިނަ މުއައްސަސާތަކެއް އުފައްދާފައިވާ އިރު، ކޮމިޝަންތަކަށް އާދަޔާ ހިލާފަށް ގިނަ އަދަދަކަށް މެމްބަރުން ހަމަޖައްސާފައިވާ ކަމަށެވެ.
ބައެއް ކޮމިޝަންތަކުގައި ފަސް މެމްބަރުން ނުވަތަ ހަތް މެމްބަރުން ތިބޭ ކަން ފާހަގަ ކުރައްވައި, ރައީސް ވިދާޅުވީ އެ އަދަދަށް ކޮމިޝަންތަކުގައި މެމްބަރުން ތިބެން ނުޖެހޭ ކަމަށެވެ.
"މިހާ ގިނަ އަދަދަކަށް ކޮމިޝަންތަކުގެ މެމްބަރުން ތިބެން ނުޖެހޭ، އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތް ކުރަން އެހާ ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭ. އެހެންވީމާ މިއިން ކޮންމެ ކޮމިޝަނެއް، ކޮންމެ ގޮނޑިއެއްގައި މެމްބަރުން ތިބެން ޖެހޭ އަދަދު ގާނޫނުގައި ކަނޑައަޅައި، މަދުކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެއް މަސައްކަތެއް ކުރާ ގިނަ ކޮމިޝަން ރާއްޖޭގައި އުފައްދާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ކޮމިޝަންތައް އެއްކޮށް ބައެއް ކޮމިޝަންތައް އުވާލުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަކީ މިހާރު ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.