ހަމަލާތައް އެއްކޮށް ނުހުއްޓިޔަސް އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ ބެހޭ ވާހަކަ ދައްކަން ހަމާސް ތައްޔާރު
ހަމަލާތައް އެއްކޮށް ނުހުއްޓިޔަސް އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ ބެހޭ ވާހަކަ ދައްކަން ހަމާސް ތައްޔާރު

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް އެއްކޮށް ހުއްޓާލަން އިޒްރޭލުން އެއްބަސް ނުވިޔަސް، ހަމާސް އިން ރަހީނުކޮށްފައި ތިބި އިޒްރޭލު މީހުން މިނިވަންކުރުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދަން އެ ޖަމާއަތުން އޮތީ ތައްޔާރަށް ކަމަށް ބުނެފި އެވެ.

ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ރަހީނުން މިނިވަންކޮށް ޣައްޒާގައި ހަމަލާތައް އެއްކޮށް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުކަށް ދިއުމުގައި ހަމާސް އޮތީ މިހާރު ވެސް މަޝްވަރާކުރާ ގޮތަށެވެ. މީގެ ކުރިން ހަމާސް އިން ބުނަމުން އައީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލަން އެއްބަސް ނުވާ ގޮތަކަށް މަޝްވަރާ ނުކުރެވޭނެ ކަމަށެވެ.

ހަމާސްގެ މިކަމުގައި ދޫ ދީފައި މި ވަނީ ނުވަ މަސްވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް މެދުވެރިންގެ ދައުރު އަދާކުރާ އެމެރިކާ، ގަތަރު އަދި މިސްރުން މި ކަމުގައި އާ މަސައްކަތްތަކެއް ފަށާފައި ވަނިކޮށެވެ.

"ހަމާސް އިން ކުރިން ޝަރުތުކޮށްފައި އޮތީ އިޒްރޭލުން ދާއިމީކޮށް ހަމަލާތައް ހުއްޓާލަން އެއްބަސްވުމަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވި އެވެ.

"މިގޮތަށް ނިންމީ، ރަހީނުން މިނިވަންކުރުމުގެ މަޝްވަރާ ކުރިއަށްދާާހާ ހިނދަކު ހަމަލާތައް މެދުކަނޑާލައިގެން ތިބޭނެ ކަމަށް މަޝްވަރާގެ މެދުވެރިން ދިން ޔަގީންކަމުގެ މައްޗަށް."

އިޒްރޭލުން މީގެ ކުރިން ވަނީ ހަމަލާތައް އެއްކޮށް ހުއްޓާލުމަށް ހަމާސް އިން ކުރާ ޝަރުތައް އެއްބަސްވެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ބުނެ އެ ޝަރުތަށް ވަރަށް ބޮޑަށް ދެކޮޅުހަދައިފަ އެވެ.

އިޒްރޭލާއި އެމެރިކާ އާއި ގަތަރުގެ އޮފިޝަލުން މަޝްވަރާތައް އަލުން ފަށައި މަސައްކަތް އިތުރުކޮށްފައިވާ މި ވަގުތު ހަމާސްގެ އޮފިޝަލް ވިދާޅުވީ އެއްބަސްވުމަކަށް އައުމަށް މިސްރާއި ތުރުކީން ވެސް ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތްކުރާނެ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މަޝްވަރާތައް ރަނގަޅަށް ފެށުމުން 2-3 ހަފްތާ ތެރޭ އެއްބަސްވުމަކާ ހިސާބަށް ދެވޭނެ ކަމަށެވެ.

ހަމާސްގެ އޮފިޝަލް ވިދާޅުވީ ހަމަލާތައް މެދުކަނޑާލައިފި ނަމަ އިޒްރޭލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް ދުވާލަކު 400 ޓްރަކްގެ އެހީ ވެެއްދުމަކީ ހަމާސްގެ ޝަރުތެއް ކަމަށެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު އިޒްރޭލުގެ ދެކުނަށް ހަމާސްއިން ހަމަލާދީ 1،195 މީހުން މަރާލައި 251 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. މީގެ ކުރިން ބައެއް ރަހީނުން މިނިވަންކޮށްފައި ވާއިރު ޣައްޒާގައި ބާކީ ތިބި 116 ރަހީނުންގެ ތެރެއިން 42 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލު ސިފައިން ގަބޫލުކުރެ އެވެ.

އިޒްރޭލުން ދެމުން ގެންދާ ބަދަލު ހިފުމުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 38،153 މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުންނެވެ. -- އޭއެފްޕީ