ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވާނެ: ޕެޓިޓް
ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވާނެ: ޕެޓިޓް

ލަންޑަން (ފެބްރުއަރީ 24) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާނެ ކަމަށް އާސެނަލް އަދި ފްރާންސްގެ ކުރީގެ މިޑްފީލްޑަރު އެމަނުއެލް ޕެޓިޓް ބުނެފި އެވެ.

ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވާނެ: ޕެޓިޓް
ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވާނެ: ޕެޓިޓް

އުމުރުން 25 އަހަރުގެ ގްރީޒްމަން ހޯދަން ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ވެސް ގްރީޒްމަންގެ އެޖެންޓާ ޔުނައިޓެޑުން ސިއްރު ބައްދަލުވުންތަކެއް ބޭއްވިކަމަށް ވަނީ މީޑިއާގައި އަޑު ފެތުރިފަ އެވެ.

މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޕެޓިޓް ބުނީ ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން ކަމަށެވެ.

"ކުރިން ވެސް ގްރީޒްމަން ބުނެފައި އެބައޮތް ޕޮގްބާއާ އެއް ކްލަބެއްގައި ކުޅެން ބޭނުންވާ ކަމަށް. ޔޫރަޕްގައި މިހާރު ކްލަބްތަށް އޮތް ހިސާބާ އެކު ކްލަބަކަށް ކުޅުންތެރިންގެ ބޭނުން ޖެހިފައި އޮތް މިންވަރަށް ބަލާއިރު ޔުނައިޓެޑުން ގްރީޒްމަން ގެންނަން ވަރަށް މަސައްކަތް ކުރާނެ އަދި ކާމިޔާބު ވެސް ކުރާނެ،" ޕެޓިޓް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑުން ގްރީޒްމަން ގެންނާނީ ޕޮގްބާގެ ބޭނުން ކޮށްގެން ކަމަށެވެ.

ގްރީޒްމަން ވަނީ އޭނާގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާ އިން އެކި ވާހަކަ ދައްކަމުން އަންނާތީ އެކަމާ ކަންބޮޑުވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އަދި އެތުލެޓިކޯ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވަނީ އޭރު ބުނެފަ އެވެ.

ރެއާލް ސޮސިއެޑާޑުން ވިދާލި ގްރީޒްމަން އެތުލެޓިކޯ މެޑްރިޑަށް 2014 ވަނަ އަހަރު ބަދަލުވުމަށް ފަހު އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ލަނޑު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.