24 ފެބުރުއަރީ 2017 - 00:20

ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގެ އެންމެ މަދުވެގެން 40 ޕަސެންޓަކީ އަންހެނުން ކަމަށް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ މަސައްކަތްތެރިކަން ދައްކާލުމަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ބޭއްވި "ހީވާގި ކަނބަލުން" އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ މުހިންމު ދެ ދާއިރާ ކަމަށްވާ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި އެންމެ ގިނައީ އަންހެނުން ކަމަށެވެ.
ރައީސް ވިދާޅުވީ އިގްތިސާދީ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގެ މަދުވެގެން 40 ޕަސެންޓަކީ އަންހެނުން ކަމަށް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ. ފަސް އަހަރު ނިމުމުގެ ކުރިން އެ އަމާޒު ހާސިލްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރުގެ މަތީ މަގާމުތަކަށް އަންހެނުންނަށް ވާސިލް ނުވެވެންޖެހޭ ސަބަބެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. މިހާރު އެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރު ކުންފުނިތަކުގައި މިހާރު އެވްރެޖްކޮށް 20 ޕަސެންޓަށް ވުރެ މަދެއް ނުވާނެ އަންހެނުން ބޭފުޅުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
މަތީ ތައުލީމު ހޯދުމުގައި ފިރިހެނުންނަށް ވުރެ އަންހެނުން އުޅެނީ ކުރީގައި ކަމަށާއި އެހެންވެ ވިޔަފާރި އާއި އިގްތިސާދުގެ ރޮނގުން އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. މީގެކުރިން ވެސް އެތައް ފުރުސަތުތަކެއް އަންހެނުންނަށް ފަހިކޮށްދީފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ މަސައްކަތުން އުފައްދާ ތަކެތި މާކެޓް ކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށާއި އެކަމަށް އެމަނިކުފާނާއި ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ. އެކަމަކު ރައީސް ވިދާޅުވި ގޮތުގައި، ދެމެހެއްޓެނި ގޮތަކަށް އެ ވިޔަފާރި ކުރެވޭނީ ވީހާ ވެސް ރަނގަޅު ފެންވަރަކަށް ތަކެތި އުފައްދައިގެންނެވެ. ރައީސް ވިދާޅުވީ އެ ފުރުސަތުތައް މިޒަމާނުގައި ތަނަވަސްކަން ވެފައިވާ ކަމަށެވެ.
"ކުރީގައި އެތައް ދުވަހަކުން ކުރި ކަވި މަސައްކަތް މިއަދު މިއޮތީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެ ގެންނަން ބޭނުންވާ އެގްޒިބިޓަށް ގެނެވޭ ގޮތް ވެފައި. ލިޔެލާ ޖެހުމަކީ ބ. އަތޮޅު ފަންނެކޭ ބުނެވިދާނެ. އެހެން ނަމަވެސް އެ ފަންނު އެހެން ދިމަދިމާލުން އެބަ ފެނޭ އަޅުގަނޑުމެންނަށް. އެ ފަންނު އެހެން ދިމަދިމާލުން މި ފެންނަނީ މެޝިންގެ ބައި އެ މަސައްކަތުގެ ތެރެއަށް އައިމަ. ކުރިއަށް ވުރެ ފަސޭހަކޮށް ނިންމާލެވޭތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ތައުލީމީ ނިޒާމު ބައްޓަން ކޮށްފައިވަނީ ހަމައެކަނި ފޮތުން ކިޔަވައިގެން އުނގެނޭ ގޮތަށް ނޫން ކަމަށާއި ފޮތުން ކިޔެވުމާ އެކު މަސައްކަތްތެރިކަން ދަސްކޮށް ދިނުމަކީ ތައުލީމީ މުގައްރަރުގައި ހިމެނޭ ކަންކަން ކަމަށެވެ. އެހެންވެ މިފަދަ މަސައްކަތްތައް އެހެން މީހުންނަށް ދަސްކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައިވަނީ އެ އެކްސްޕޯގައި ތަކެތި ބައިވެރިކުރި ފަރާތްތަކުގެ ތެރެއިން ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމު ދިނެވެ. މުޅި އެކްސްޕޯ އިން ވަނަ ހޮވިއިރު އެކި ދާއިރާތައް ބަހާލައިގެން ވެސް ވަނީ ވަނަތައް ހޮވައިފަ އެވެ.
މުޅި އެކްސްޕޯ އިން އެއް ވަނައަށް ހޮވުނު ފަރާތަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ދޭއިރު ދެވަނަ އަށް ދާ ފަރާތަށް 75،000ރ. އަދި ތިން ވަނައަށް ހޮވޭ ފަރާތަށް 50،000ރ. ގެ އިނާމެއް ވަނީ ކަނޑައެޅިފަ އެވެ.
މުޅި އެކްސްޕޯ އިން އެއް ވަނަ އަށް ހޮވުނީ ގ. ލެމިނަ، އަމްސޫދާ ރަޝީދެވެ. ދެވަނަ އަދި ތިން ވަނަ އަށް ހޮވުނީ މއ. ހައިވަކަރުގޭ ފާތިމަތު ލީނާ އަލީ އެވެ.
އެ އެކްސްޕޯގައި އެކި ވައްތަރުގެ 26،000 ތަކެތި ބައިވެރިކޮށްފައިވާއިރު އަމިއްލަ ގޮތުން 400 އަށް ވުރެ އަންހެނަކު ބައިވެރިވެ 200 އެއްހާ ގްރޫޕްތަކާއި ކްލަބް ޖަމްއިއްޔާތަކުން ވެސް ބައިވެރިވި އެވެ. މި އެކްސްޕޯ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ގެންދާނެ އެވެ.