07 ޖުލައި 2024 - 06:52

ބުދަ ދުވަހާ ގުޅޭ
"މަންމާ!" ނަޖްވާން ގޮވައިލިއެވެ.
އިންސާނުންނަކީ އަޖައިބެއް ކަހަލަ މަހުލޫގެކެވެ. އެތަކެއް ދުވަހެއްގެ ކުރިން ދުރާލައި ރާވާ ކަންކަން، ވަގުތު އައިސް ޖެހޭ އިރު ދިމާ އިދިކޮޅަށް ބަދަލުވަނީ މަދެއްކޮށެއް ނޫނެވެ. ފާއިޒާއަކީ، ނަޖްވާން ހުންނަ ބިމެއްގައި ދިރިއުޅެން ވެސް ބޭނުން ނުވާ މީހެކެވެ. ނަޖްވާން ދެކެ އެހައި ވެސް ބޮޑަށް ފޫހިވާ މީހެކެވެ. އެކަމަކު ނަޖްވާން ގޮވައިލި ރާގުން ގެތުނު ހިލިހިލާ ބޮޅުފަތި ހީވީ ފާއިޒާގެ ދެފައިގައި އެޅުނު ކަސްތަޅެއްހެންނެވެ. ފާއިޒާއަށް ހުއްޓެވުނެވެ. ބަލައިލެވުނެވެ.
"ކިހިނެއްތަ ހާލު މަންމާ؟" ވަރަށް ގާތަށް ހުއްޓިފައި، ވަރަށް ލޯބިން ނަޖްވާން އެހިއެވެ. "ކޮން ތަނަކަށް ތި ދަނީ؟"
ފާއިޒާ އަބަދު ވެސް ބޭނުންވީ އެ ރާގުގައި ނަޖްވާން ވާހަކަދައްކާށެވެ. އެ ލޯތްބާއި އިހުތިރާމު ފާއިޒާއަށް ލިބޭށެވެ.
"ތިހިރަ ފިހާރައަށް ވަންނަން މި ދަނީ،" ފާއިޒާ ބުންޏެވެ. "ދަރިފުޅު ކިހިނެއްތަ؟"
ފާއިޒާއަށް ނަޖްވާން ކަންތައް ކުރި ގޮތް ފާއިޒާ ރަނގަޅަށް ހަނދާންހުއްޓެވެ. ގަސްތަކަށް ހެދި ގޮތާއި، ކުރި މަލާމާތާއި، ނުސީދާކޮށް ދިން އިންޒާރު ވެސް ހިތަކުން ނުފިލައެވެ. ފަންޑިތަހެދިކަމަށް ވެސް ފާއިޒާ ތުހުމަތުކުރެއެވެ. ނަޖްވާން ވެސް ހަމަ އެ ފަދައެވެ. އެކި ކަންކަން ވަކިވަކިން ހަނދާންހުއްޓެވެ. ރާއިދު ވެރިކޮށްލަން ފާއިޒާ ފައިވިއްދާފައިހުރި ވަރެވެ. ދަނޑިވަޅެއް ލިބިއްޖެއްޔާ ނަޖްވާންގެ ހައިސިއްޔަތު ނަޖްވާނަށް ހަނދާންކޮށްދޭން ބުނެލާ ދެމާނަ ބަސްތަކެވެ. އެހެނަސް ދެމައިން ވެސް ދޫދިނީއެވެ.
"ދެން ރަނގަޅެއް ނުވާނެއްނު މަންމާ؟" ކުޑަކޮށް ދެރަވެފައި ނަޖްވާން ބުންޏެވެ. "ގެއިން ނެރެލިތާ މިހާރު ކޮން ދުވަހެއް؟ އެކަމަކު ރާއިދު ގުޅައި ވެސް ނުލާ! މަންމަ ވެސް އަހަރެން ފެނުނަސް ފެންނަކަމަށް ވެސް ނަހަދާ! ނުވެސް ގުޅާ! މިހެން ބުނާ އިރު ވެސް އެނގޭ މަންމަ ނުގުޅާނެކަން."
ނަޖްވާންގެ ހެދުމަށް އަރާފައިހުރި ރުލެއް ފާއިޒާ ނުހަނު ލޯތްބާއެކު ފިލުވައިލަދިނެވެ. އިސްތަށިގަނޑުން ހޭވިފައި ހުރި ތަންކޮޅެއް ރީތިކޮށްލައިދިނެވެ. އެއީ އަދިވެސް ނަޖްވާނާ ދޭތެރޭގައި ފާއިޒާގެ ހިތްހެޔޮކަން އަންގައިދޭން ކުރި ކަންކަމެވެ.
"މަންމަ ނުގުޅާ ވަރު ކަމެއް ދަރިފުޅަށް ކުރެވުނުހެން ހީވޭތަ؟" ނޫންކަމަށް ހެދިލައިފައި ފާއިޒާ ބުންޏެވެ. "އަޅެ ވިސްނާލާފަ ބުނެބަލަ! މަންމައެއްނު ތި ކިޔަނީ. އެ ހައިސިއްޔަތު ދެވުނުތޯ ދަރިފުޅު ވިސްނާލަބަލަ!"
މާ ގިނަ އިރު ވާހަކަދައްކާކަށް ނުތިބެވުނެވެ. ދިޔަ ތާކަށް ފާއިޒާ ދިޔައީއެވެ. އެހެނަސް ނަޖްވާން އުންމީދުކުރި އިހުތިރާމު ނަޖްވާނަށް ވެސް އެ ފަހަރު ލިބުނުކަމަށް ގަބޫލުކުރެވުނެވެ. ގޯސްތައްހެދުނީ ތިމާއަށްކަމުގައި ވެސް ގަބޫލުކުރެވުނެވެ. އެއީ ދިފްލާ އަޅައިދިން ފޮޅުވަތުގެ ރަނގަޅު ނަތީޖާއެވެ. ކުރީގެ ނަޖްވާން ނަމަ ބުނާނެ އެތައް އެއްޗެއް ނުބުނެ ނަޖްވާނަށް ކެތްކުރެވުނީ ވެސް ހަމަ ދިފްލާގެ ސަބަބުންނެވެ.
"ދިފްލާގެ ސަބަބުންނޭ؟" ނަސީމު އެހިއެވެ. "އެއީ ކީއްވެ ތިހެން ތި ބުނީ؟"
ނަސީމު އުޅުނީ ނަޖްވާންގެ މަންމަ ނާސިހާއަށް ފިލައިގެންނެވެ. ނާސިހާ ގުޅީމަކާ ފޯނެއް ނުނަގައެވެ. އެހެން އުޅެނިކޮށް އެހެން ފޯނަކުން ނާސިހާ ގުޅީމައި އެ މަޅީގައި ނަސީމު ޖެހުނީއެވެ. ނާސިހާ ފުރަތަމަ ވެސް ފެށީ ދިފްލާގެ ވާހަކައެވެ.
"އަހަންނަށް އެނގޭ މި ހުރިހާ ކަމެއް ލައިގަނެގެން މި އުޅެނީ އެ ދިފްލާޔާ ހެދިކަން،" ވަރަށް ހިތްހަމަނުޖެހިފައި ނާސިހާ ބުންޏެވެ. "ނަސީމުމެން ބޭނުންވަނީ ދިފްލާޔާ ރާއިދާ ދެވަންކަން ވެސް އެނގޭ! އެ މަންޖެ ހަގުކަމުންކަން ނޭނގެ އެ ކަން ނުވެގެން ތި އުޅެނީ. ތިހާ ގަޔާވާ ކުއްޖަކު ހުއްޓާ ކީއްކުރަން އަހަރެންގެ ދަރިފުޅަށް މިހާ ބޮޑު ދެރައެއް ދިނީ؟ ނަޖްވާން ހާދަ ދެރަވެގެންނޭ އުޅެނީ. އޭނައަށް ކުށެއް ކުރެވިފައޮތް ނަމަ އަހަރެން މާފަށްއެދިފާނަމޭ! މައްސަލައެއް ނެތް ރާއިދު ދެއަންބަށް އިނަސް. އެ ކަމާ ވެސް ހިތްބަރެއް ނުކުރާނަން. އެކަމަކު ހެޔޮނުވާނެ ނަޖްވާން ވަރިކޮށްލިޔަ ނުދޭތި! އެކުއްޖާފަކީރުގެ ހިތް ފަޅައިގެންދާނެ."
ނަޖްވާން އުޅުނީ ނަސީމުގެ ލޯބި ލިބޭ ކަހަލަ ގޮތަކަށް ނޫނެވެ. ވީމައި، ކޮންމެ ގޮތެއް ނަޖްވާނަށް ވިޔަސް ނަސީމަކަށް މައްސަލައެއް ނެތެވެ. އެހެނަސް، މާތްވާން ލިބުނު ފުރުސަތުގައި ނަސީމް ކޮލުދަތުން ހިފޭއްޓިއެވެ.
"ތި ކަމަކާ ލަދުން އަހަރެން ވެސް މިހިރީ ހަމަ ބުނާނެ އެއްޗެއް ނޭނގިފަ،" ނާސިހާގެ ކަރުގައި އެޅުވުމަށް ޓަކައި ނަސީމު ދޮގުން މާފައްޗެއް ގަތައިލިއެވެ. "ނަޖްވާންގެ މައްސަލައެއް ނެތެކޭ ނޫން. މައްސަލަ އެބަހުރި. ރާއިދުގެ ވެސް މައްސަލަ ހުންނާނެ. ރީތިކޮށް ވާހަކަދައްކައިގެން މައްސަލަތައް ޖެހޭނީ ހައްލުކުރަން. ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން ބުނަންއޮތް އެއްޗަކީ އެއީ. އަނބިމީހާ ގެއަށް ފޮނުވައިލާ، ވަރިކޮށް، ތަންގަނޑު މީހުންނަށް ފަލީހަތްވުމަކީ ހުތުރުކަމެއް. އެކަމަކު އަހަރުމެންނަށް ބުނެވޭނީތާ! މިޒަމާނުގެ ކުދިން މައިންބަފައިންގެ އަޑެއްއަހާތަ؟ އޭނަ ބޭނުން ކަމެއް އޭނަ ކުރާނެ. ދެރަވޭ މިހެން ބުނަން ވެސް އެކަމަކު އަހަރެންގެ އެއްވެސް ބާރެއް ނެތް. ފާއިޒާޔާ ވާހަކަދައްކާލަބަލަ!"
ފާއިޒާޔާ ދެކެވުނު ވާހަކަތައް ނަޖްވާން ކިޔައިދެމުންގެންދިޔަ އިރު، ދިފްލާގެ ހިތަށް ކުރީ މަސްހުނި އަސަރެކެވެ. އެ ހަނގުރާމަ ކާމިޔާބުކުރާނީ ނަޖްވާންކަން ދިފްލާއަށް ކަށަވަރެވެ. ދިފްލާއަށް ރާއިދާއި ފާއިޒާ ވެސް އެނގެއެވެ. އަމިއްލަ އަތުން ހިތް ކަފުންކޮށް، ސަންދޯކަށްލައި، ވަޅަށް ތިރިކޮށް، އުކައިލަންވާ ފަސްމުށް ވެސް ދިފްލާ ހުރީ މުށުތެރޭގައި ރައްކާކޮށްގެންނެވެ. ކޮންމެ ވެލިފުކެއްގައި ވެސް ވަނީ ރާއިދުގެ ނަމެވެ. ހަނދާނުގެ ފީތާއިން ފަރުދާގައި ސިފަވަމުންދިޔައީ ވެސް ރާއިދުގެ ޖާދުވީ ކަޅިރަވައާއި ހިނިތުންވުމެވެ. އެ ގުޅުމަށް ދޭނެ ނަމެއް ދިފްލާއަކަށް ވެސް ނޭނގެއެވެ.
"ކޮބާ ހީވޭ!" އަޑުގައިވާ ހިތާމައަށް ފަސްއަޅައި ފޮރުވަމުން ދިފްލާ ބުންޏެވެ. "ނަޖޫ ކިހާ ކުޅަދާނަ؟"
"ބަނޑުހަންގަނޑު!" ނަޖްވާން ބުނެލިއެވެ. "އެއީ ދިފްލާގެ މޮޅުކަން. އަނގައިން އަނގަޔަށް ހުރިހާ ވާހަކައެއް އަޅައިދިން މީހަކީ ތީ. އަހަންނަކަށް ނުކެރޭނެ، ނުވެސް އެނގޭނެ ތި ގޮތަށް ވާހަކަދައްކާކަށް."
ދެމީހުން ވާހަކަދެއްކީ ފޯނުންނެވެ. އެއީ ނަސީބެކޭ ދިފްލާ ހިތަށްއެރިއެވެ.
"އެކަމަކު އެމީހުން ކިހާ ބޭނުންވި އެމީހުންނާ ނަޖޫ ވާހަކަދައްކަން،" ދިފްލާ ބުންޏެވެ. "މީހުންނަށް ވަރަށް ކަމުދާނެ ސަކަރާތްޖަހަޖަހާފަ އުޅޭ ކުދިން."
"އާނ! ތިއެއްނު އެ ގޭ އެންމެނަށް ވެސް އެންމެ ކަމުދާ ކުއްޖާ!" ނަޖްވާން ބުންޏެވެ. "ދިފްލާ އައިއްސަ ދިޔައިމަ އެންމެން ވެސް ކިޔާނެ ހާދަ މަޖަލޭ! އެންމެނާ ގުޅެޔޭ، އެންމެނާ އަނގަތަޅަޔޭ!"
ނަޖްވާންގެ ވާހަކަ ދިފްލާޔާ ދިމާއަށް އެނބުރޭ ކޮންމެ ފަހަރަކު ދިފްލާ މައުލޫ ބަދަލުކޮށްލައެވެ. ހުސިޔާރުކަމާ އެކުގައެވެ.
"އެހެންވީމަ އަހަރެން ހުރި ގޮތަށް ކޮޕީޕޭސްޓުކޮށްލަބަލަ!" ދިފްލާ ބުންޏެވެ. "ނަޖޫއަކީ ކިޔަވައިގެން ހުރި މީހެއް. މީހުނާ އެއްކޮށް އުޅެން ވެސް އެނގޭނެ. ތި ދެމީހުން ވަރިވެއްޖެއްޔާ ނަޖޫގެ މަންމަ ވެސް ކިހާ ދެރަވާނެ؟ ކިހާ ލަދުގަންނާނެ؟ ދެ ގޭގެ މީހުން ވެސް ނުލާހިކު ރައްޓެހިކޮށް އުޅުނީ. މަޑުމަޑުން ދުރުވަމުން ގޮސް، ދުވަސްކޮޅަކުން ފެމެލީ މީހުންނަށް ވެސް އެ ކަން ފާހަގަކުރެވެން ފަށާނެ. ނަޖޫ މަންމައަކީ އެ ކަހަލަ ކަންތަކާ ނުލާހިކު ވިސްނާ މީހެއް."
"އާނ! މަންމަ ބުނި ތިމަންނައަށް އެންމެ ކަންތައް ބޮޑުވަނީ އާއިލާ މީހުން މަލާމާތްކުރާނެތީއޭ،" ނަޖްވާން ބުންޏެވެ. "ތިމަންނަގެ ތަރުބިއްޔަތަށޭ އެއްޗެހިކިޔާނީ. ބުނާނޭ ތިމަންނައަކަށް ނޭނގުނޭ ދަރިފުޅު ތަރުބިއްޔަތުކުރާކަށް ވެސް. ކިޔާނޭ ތިމަންނަގެ އަންހެންދަރިފުޅު ރަނގަޅު ގެއަކަށް ދެވުނީމަ ވެސް އުޅޭކަށް ނޭނގުނޭ. ކިހާ ލަދުކަމެއްހޭ އެއީ."
"ނަޖޫއަށް އެ ހުރިހާ ކަމެއް ބަދަލުކުރެވޭނެއްނު!" ދިފްލާ ބުންޏެވެ. "އަސްލު ބުނަން. ރުޅިނާންނައްޗޭ! ނަޖޫއަށް ކޮންމެވެސް ގޯސްކަމެއް ކުރެވިއްޖެ! އަހަންނަށް އެ ވާހަކަ ކިޔައިނުދެނީ. އެހެން ނޫން ނަމަ އެ މީހުން ނަޖޫ ދެކެ ތިހާ ފޫއްސެއް ނުވާނެ. އެއީ ވަރަށް ނައިސް ބައެއް. ރާއިދު މަންމައަކީ ވެސް ގޯސް މީހެއް ނޫން."
ދެން ނަޖްވާން އެއްޗެއް ނުބުނެއެވެ. ވިސްނަން އިނދެވުނީއެވެ. ތިމާއަށް ކުރެވުނު ކަންކަމުގެ ލިސްޓުގައި ރަތް އަކުރުން ހުރި ތަންތަން ވެސް ނަޖްވާނަށް ފެނެއެވެ.
ފޯނަށް ބަލަހައްޓައިގެންއިން ރާއިދަށް ނަޖްވާންގެ ނަން ފޯނަށް އަރާ ތަން ވެސް ފެނެއެވެ. ނަޖްވާން ދެކެ ކުރިން އައި ރުޅިއާއި، ވީ ފޫހި، ހައިރާންވާ ދަރަޖައަކަށް ރާއިދުގެ ހިތުން ފިލައިފިއެވެ. އެހައި ފޫހިވެވުނީ ކީއްވެހެއްޔެވެ؟ އެހައި ރުޅިއާދެވުނީ ކީއްވެހެއްޔެވެ؟ ރާއިދަކީ އެ މިޒާޖުގެ މީހެއްހެއްޔެވެ؟ އެ ސުވާލުތައް ވެސް ރާއިދުގެ ހިތަށް ވެރިވާން ފަށައިފިއެވެ. ރާއިދުގެ ހިތުގައި އުތުރިއަރަމުންދިޔައީ ލޯތްބެވެ. އޯގާތެރިކަމެވެ. ނަޖްވާން ގެއަށް ފޮނުވައިލެވުން އެއީ ރާއިދަށް ކުރެވުނު މޮޔަކަމެއްކަމުގައި ވެސް ގަބޫލުކުރެވިއްޖެއެވެ. އެހެނަސް، ފޯނުނަގައި މާފަށް އެދޭނެހާ ހިތްވަރެއް ނުލިބުނެވެ. ފޯނުނަގަން އިނގިލި ފަރިކޮށްގެން، ގާވެފައި އިނދެވުނީއެވެ.
ދިފްލާޔާ ބައްދަލުކޮށްފައި، ރާއިދަށް ގުޅި ވާހަކައާއި، ފޯނު ނުނެގި ވާހަކަ ބުނެފައި، އިސްޖަހާލައިގެން ނަޖްވާނަށް ވެސް އިނދެވުނީއެވެ. އެ ކައިވެނި ސަލާމަތްކުރެވިދާނެކަމަށް ނަޖްވާން ކުރި އުންމީދު ފަނޑުވެއްޖެއެވެ.
"ދެން އެ ކަމާ ނުވިސްނާ!" ދިފްލާ ހިތްވަރުދިނެވެ. "ގެއަށް ގޮސް ހަމަޖެހިލައިގެން ރާއިދު މަންމައަށް ގުޅާ! މަންމަ އޯކޭކުރެވިއްޖެއްޔާ ރާއިދު އޯކޭވާނެ. ގެރެންޓީ! ނަޖޫ މަންމަ ލޯއަޅާ ވަރުން އަހަންނަކަށް ނުކެރޭނެ ތި ގެއަށް ވަންނާކަށް. އެހެން ނޫން ނަމަ އައިޑިޔާ ދޭން ކައިރީގަ އިނީމުސް."
"ދިފްލާ ދެކެ މަންމަ ހާދަ ރުޅިއެކޭ އަންނަނީ ދޯ؟" ނަޖްވާން ހައިރާންވެފައި ބުންޏެވެ. "ހަމަ އިރުއިރުކޮޅާ ބުނާނެ ދިފްލާ އުޅެނީ ރާއިދާ އިންނާށޭ! އެއް ހާސް ފަހަރު ބުނެފިން ނީންނާނޭ! ބުނީމަ ބުނީ ތި ކަމެއް ނޭނގެޔޯ ފާއިޒާއަށް ވެސް ދިފްލާ ވަރެއް ނެތިގެންނޯ އުޅެނީ. އަބަދު ކަޅިއަޅައަޅަޔޯ އެ ތިބެނީ. މަ ބުނިން މަންމާއޭ، ދިފްލާއަށް އެއިޓީންއެއް ނުވޭ ނޫންހޭ؟ އޭނަ ބުންޏޭ އެއިޓީން ވިޔަސް ރާއިދަކާ ނީންނާނަމޭ! ދެން ބުނި އެއްޗެއް އެނގޭތަ؟ ތީ ރާއިދު އިންނަން ނާހާތީޔޯ! ހަމަ އަހާ އިރަށް އެއްބަސްވާނޯ! އަށާރަ ފުރެންދެން ހުސްހަށިބަޔަށް ވެސް ހުންނާނޯ! އަހަރެން ބުނިން މަންމައަށް ހީވޭހޭ ރާއިދު އިންނަން ނާހާ ހުންނާނެހެން؟ އަހާފައޭ އޮންނާނީ. އަޅެ ނާހާތަ؟"
ނިނިމޭ