އީރާންގެ އާ ރައީސަކީ ހިތުގެ ޑޮކްޓަރު ޕެޒެޝްކިއާން
އީރާންގެ އާ ރައީސަކީ ހިތުގެ ޑޮކްޓަރު ޕެޒެޝްކިއާން

އީރާންގެ ރައީސްކަމުގައި ހުންނެވި އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން ބޭއްވި ކުއްލި އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުގައި، އިސްލާހީ ފިކުރުގެ ކެންޑިޑޭޓް މަސްއޫދު ޕެޒެޝްކިއާން ކުރި ހޯއްދަވައިފި އެވެ.

އީރާންގެ އާ ރައީސަކީ ހިތުގެ ޑޮކްޓަރު ޕެޒެޝްކިއާން
އީރާންގެ އާ ރައީސަކީ ހިތުގެ ޑޮކްޓަރު ޕެޒެޝްކިއާން

އީރާންގެ ތާރީހުގައި ވެސް އެންމެ މަދުން މީހުން ވޯޓު ދިން އިންތިހާބު ދެ ވަަނަ ބުރަކަށް ދިޔައީ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ލިބިވަޑައިނުގަތުމުންނެވެ. ރައީސްކަމުގެ މަގާމު ކާމިޔާބު ކުރެއްވި ޕެޒެޝްކިއާންއާ މި ބުރުގައި ވާދަކުރެއްވީ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ސައީދު ޖަލީލީ އެވެ.

އީރާންގެ އާ ރައީސަކީ ހިތުގެ ޑޮކްޓަރު ޕެޒެޝްކިއާން
އީރާންގެ އާ ރައީސަކީ ހިތުގެ ޑޮކްޓަރު ޕެޒެޝްކިއާން

އިންތިހާބުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު މުހްސިން އިސްލާމީ ވިދާޅުވީ ޕެޒެޝްކިއާން އަށް، 30 މިލިއަނެއްހާ ވޯޓުގެ ތެރެއިން 16 މިލިއަން ވޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި ޖަލީލީ އަށް ލިބިވަޑައިގަތީ 13 މިލިއަން ވޯޓު ކަމަށެވެ. ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓު ދިން މީހުންގެ ނިސްބަތަކީ އެންމެ 49.8 ޕަސެންޓް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ބާތިލް ވޯޓުގެ އަދަދު 600،000 އަށް ވުރެ ގިނަ އެވެ.

ޕެޒެޝްކިއާން ވިދާޅުވީ މިއީ އީރާން ރައްޔިތުންނާ އެކު "ޕާޓްނަޝިޕް" އެއް ފަށަންޖެހޭ ވަގުތު ކަމަށެވެ.

"ރައްޔިތުންގެ އެއްބާރުލުމާއި ބަލައިގަތުމާއި އިތުބާރު ނުލިބޭ ނަމަ، ކުރިއަށް އޮތް އުނދަގޫ މަގުގައި އޮމާންކަމާ އެކު ކުރިއަކަށް ނުދެވޭނެ. އަޅުގަނޑުގެ އަތުގައި ހިފައި [ވަޑައިގަންނަވާ]،" އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ކޮންމެ ރައްޔިތަކާ އެކު ވެސް އެކުވެރިކަމާ އެކު މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއާން ވިދާޅުވެފައިވެ އެވެ.

ޕެޒެޝްކިއާން އަކީ މީގެ ކުރިން މާ ގިނަ ބަޔަކަށް އެނގޭ ނަމެއް ނޫނެވެ. ނަމަވެސް އީރާންގެ ސިޔާސަތު ބަދަލުކުރުމަށް ބާރުއަޅާ ސިޔާސީ ބޭފުޅުންގެ ތާއީދާ އެކު އޭނާއަށް ވަނީ ކުއްލި މަގުބޫލު ކަމެއް ލިބިވަޑައިގެންފަ އެވެ. އިސްލާހަށް މަސައްކަތްކުރާ އިއްތިހާދުގައި ހިމެނޭ ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ޚާތަމީ އާއި ހަސަން ރޫހާނީގެ ތާއީދު ވެސް ޕެޒެޝްކިއާން އަށް ވަނީ ދީފަ އެވެ.

އުމުރުން 69 އަހަރުގެ ޕެޒެޝްކިއާން އަކީ ހިތުގެ ޑޮކްޓަރެކެވެ. އޭނާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި އީރާން އެކަހެރި ވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ހުޅަނގާ އެކު ހަރުދަނާ ގުޅުމެއް ބިނާކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާއާ ވާދަކުރެއްވި 58 އަހަރުގެ ޖަލީލީ އަކީ އީރާންގެ ނިއުކްލިއާ މަޝްވަރާތަކުގެ ކުރީގެ މަންދޫބެވެ. އޭނާ މަޝްހޫރުވެފައި ވަނީ ހުޅަނގާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްގެ ގޮތުގަ އެވެ.

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި ރައީސީ އަވަހާރަވުމުން ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި މިދިޔަ ހަފްތާގައި ވޯޓުލީ މީހުންގެ އަދަދު މަދުކަމުން އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ މިފަހަރު ވީހާ ވެސް ގިނަ ބަޔަކު ވޯޓުލާން އެދިވަޑައިގެންފަ އެވެ.

ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯދީ ޕެޒެޝްކިއާން އެވެ. އޭނާ އަށް 42 ޕަސެންޓް ވޯޓު ލިބުނު ޖަލީލީ އަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 61 މިލިއަން މީހުންގެ ތެރެއިން ފުރަތަމަ ބުރުގައި ބައިވެރިވީ އެންމެ 40 ޕަސެންޓް މީހުން ކަމަށްވާއިރު، މިއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު އެންމެ މަދުން ވޯޓު ދިން ފަހަރެވެ. -- އޭއެފްޕީ