ލޯކަލް ކައުންސިލް އިންތިޚާބުގެ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ލޯކަލް ކައުންސިލް އިންތިޚާބުގެ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު މޮނީޓާ ކުރުމަށާއި އޮބްޒާވްކުރަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބު މޮނީޓާ ކުރުމަށާއި އޮބްޒާވް ކުރުމަށް ހުށަހެޅުމުގެ މުއްދަތު ކުރިން އޮތީ މިއަދު ހަމަވާ ގޮތަށެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މުއްދަތު، އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ޝަރުތުތަކަށް ބަދަލު ގެނެސް، ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު، ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށަހެޅުމުގެ މުއްދަތު ވެސް މިމަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ. އަދި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާ ނަމަ ރީ ރަޖިސްޓްރީވުމަށް ވެސް އަލުން ވަނީ ހުޅުވާލައިފަ އެވެ.

މިދިޔަ މަހުގެ 14 ގައި ބާއްވަންޖެހޭ ކައުންސިލް އިންތިޚާބު ފަސްވީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކޯޓުން ހުކުމްކުރީ އިތުރު ދެ މަހަށް އިންތިޚާބު ފަސް ކުރުމަށެވެ.