24 ފެބުރުއަރީ 2017 - 09:01

ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރި ފުރަތަމަ އަންހެންމީހާ އެ ރެކޯޑް ހެދުމަށް ފަހު އޭނާ އަށް އެންމެ ކަމުދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ. "ކޮންމެހެން ވެސް ޒިޔާރަތްކުރަން ޖެހޭ 10 ގައުމު"ގެ ގޮތުގައި އެކުލަވާލި ލިސްޓުން ތިންވަނަ ދީފައި ވަނީ ރާއްޖެ އަށެވެ.

އެމެރިކާގެ ކަނެޓިކަޓަކަށް ނިސްބަތްވާ ކޭސީ ޑި ޕެކޯލް، 27، ވަނީ 18 މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ 196 ގައުމަށް ގޮސްފަ އެވެ. އެއާ އެކު، އެންމެ ކުރު މުއްދަތެއްގައި ހުރިހާ ގައުމަކަށް ދިޔަ ފުރަތަމަ މީހާ އަށް ވެސް އޭނާ ވަނީ ވެފަ އެވެ.
ދަތުރުތައް ނިންމާލުމަށް ފަހު އިނގިރޭސިވިލާތުގެ ދަ ޓެލެގްރާފް ނޫހަށް އޭނާ ހަދައިދިން ލިސްޓުގައި އެއްވަނަ ދީފައިވަނީ މޮންގޯލިއާއަށެވެ. ދެވަނަ އަށް އެންމެ ކަމުދިޔަ ގައުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ބުޓާނެވެ.
ކޭސީ ދެކޭގޮތުގައި ކޮންމެހެން ވެސް ރާއްޖެ އަންނަން ޖެހެނީ "ދުނިޔޭގައިވާ އެންމެ ނޫ މޫދާއި އެންމެ ހުދު ދޮންވެއްޔާއި އެންމެ ރީތި ފިނޮޅުތައް" ދެކިލުމަށެވެ.
ގަދަ 10ގައި އޭނާ ހިމަނާފައިވާ އެހެން ގައުމުތަކަކީ ވަނުއާޓޫ، ޕާކިސްތާން، އޮމާން، ޓީއުނީޝިއާ، ޕެރޫ، ކޮސްޓަ ރިކާ، އަދި އޭނާގެ އުފަން ގައުމު އެމެރިކާ އެވެ.
އަމިއްލަ ފައިސާ ހޭދަކުރުމުގެ އިތުރުން ސްޕޮންސަރުންގެ އެހީގައި ދަތުރުކުރި ކޭސީ ވަނީ ސޯޝަލް މީޑިއާ ޕޯސްޓްތައް ލިޔެދީގެން އެކި ތަންތަނުން ހިލޭ އެކޮމޮޑޭޝަން ހޯދައިފަ އެވެ. ކޮންމެ ތަނެއްގައި ދެ ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަކުރި ދަތުރުގެ ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާކޮށްފައިވެ އެވެ. އަދި ޑޮކިއުމެންޓްރީއަކަށް ވީޑިއޯތައް ވެސް ވަނީ ނަގައިފަ އެވެ.
ކޭސީ ހުރިހާ ގައުމަކަށް ދަތުރުކުރީ ޓޫރިޒަމްގެ ތެރެއިން ސުލްހަ އަށް މަސައްކަތްކުރާ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕީސް ތުރޫ ޓޫރިޒަމްގެ އެމްބެސެޑަރެއްގެ ގޮތުގަ އެވެ. އަދި އެޑްވެންޗަރާސް އެންޑް ސައިންޓިސްޓްސް ފޯ ކޮންޒަވޭޝަންގެ ބޭނުމަށް، އެކި ތަންތަނުން ފެނުގެ ސާމްޕަލްތައް އޭނާ ވަނީ ނަގައިފަ އެވެ.