ނިއު އާއި އިންގްލެންޑުގެ ރެޑިން އިން ތާރީހީ ގުޅުމެއް ގާއިމްކޮށްފި
ނިއު އާއި އިންގްލެންޑުގެ ރެޑިން އިން ތާރީހީ ގުޅުމެއް ގާއިމްކޮށްފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންގްލެންޑުގެ އެންމެ ދުވަސްވީ އެއް ކްލަބް ކަމަށްވާ ރެޑިން އެފްސީން ތާރީހީ އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

ނިއު އާއި އިންގްލެންޑުގެ ރެޑިން އިން ތާރީހީ ގުޅުމެއް ގާއިމްކޮށްފި
ނިއު އާއި އިންގްލެންޑުގެ ރެޑިން އިން ތާރީހީ ގުޅުމެއް ގާއިމްކޮށްފި

މިއީ ރާއްޖޭގެ ކްލަބުން ދުނިޔޭގެ މަތީ ފަންތީގެ ކްލަބާ އެކު، ގުޅުން ގާއިމްކޮށް އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ރަސްމީ ސިފައެއްގައި ވީ ފުރަތަމަ އެއްބަސްވުމެވެ.

ނިއު އާއި އިންގްލެންޑުގެ ރެޑިން އިން ތާރީހީ ގުޅުމެއް ގާއިމްކޮށްފި
ނިއު އާއި އިންގްލެންޑުގެ ރެޑިން އިން ތާރީހީ ގުޅުމެއް ގާއިމްކޮށްފި

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއިކުރެއްވީ ރެޑިންގެ ހިއްސާދާރު އަދި އެގްޒެކެޓިވް ޑިރެކްޓަރު ތައިލެންޑުގެ ސުމްރިތު ތަނަކާންޖަނަސުތު އާއި ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދެވެ.

މިރޭ ރަސްމީކޮށް ގާއިމްކުރި ގުޅުމާ އެކު ރެޑިން އިން ނިއު އަށް ޓެކްނިކަލް އެހީތެރިކަންދީ ކުޅުންތެރިން އުފައްދައި ކުޅުންތެރިން ކުރިއަރުވަން އެހީތެރިވެދީ އަދި އެކްސްޗޭންޖް ޕްރޮގްރާމް ވެސް ހިންގާނެ އެވެ.

"އަޅުގަނޑު ނިއު ރޭޑިއަންޓާ ހަވާލުވީއްސުރެ ސުމްރިތު ވަރަށް ބޮޑަށް އެހީތެރިކަން ދެއްވައި އެކި ދިމާދިމާލުން ލަފާ ދެއްވާ. އޭގެ ތެރޭގައި ކްލަބް ޕްރޮފެޝަނަލް ކްލަބެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި މެނޭޖްމަންޓުގެ ދާއިރާ އިންނާއި ޓެކްނިކަލް ދާއިރާއިން ސްޓްރަކްޗާކުރާނެ ގޮތްތަކާ މެދު ދެއްވި ލަފާ ހިމެނޭ. މިއަދު މި ސޮއިކުރި އެމްއޯޔޫއާ އެކު ދެ ކްލަބުގެ މެދުގައި އޮތް ގުޅުން ވަރުގަދަވެގެންދާނެ،" ޖެނުއަރީ މަހު ނިއުއާ ހަވާލުވެވަޑައިގެންނެވި ޒިޔާދު ވިދާޅުވި އެވެ.

ދެ ކްލަބުން އަންނަނީ އިނގިރޭސި ސީޒަން ނިމުމުން ޖުލައި ނުވަތަ އޮގަސްޓް ހިސާބުގައި މާލޭގައި މެޗެއް ކުޅުމަށް ވެސް ރާވަމުންނެވެ. ސުމްރިތު ވިދާޅުވީ އެކަމުގެ ރޭވުންތައް ރާވަމުން އަންނަ ކަމަށާއި އެކަމަކު މެޗު ކުޅޭނެ ތާރީހެއް ކަނޑައެޅޭނީ ރެޑިން ވާދަކުރަމުން އަންނަ އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ގެ ޝެޑިއުލަށް ބެލުމަށް ފަހު ކަމަށެވެ. ޕްރިމިއާޝިޕުގެ ހަތަރު ވަނައިގައި ރެޑިން އޮތްއިރު ގަދަ ދެ ޓީމުގެ ތެރޭ ލީގު ނިންމާލައިފި ނަމަ ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ. އަދި ތިން ވަނަ އާއި ހަ ވަނައިގެ ތެރޭގައި ހިމެނިއްޖެ ނަމަ ޕްރޮމޯޝަން ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފް އޮންނާނީ އޮފް ސީޒަނުގަ އެވެ.

ސުމްރިތު ވިދާޅުވީ ނިއު ރޭޑިއަންޓާ އެކު ޕާޓްނާޝިޕް ހެދުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ކްލަބަށް އެހީތެރިކަން ވެދެވެން އޮތް ކޮންމެ ދިމާލަކުން އެކަންކޮށްދެެއްވާނެ ކަމަށެވެ.

"މިއީ ގައުމަށް ވެސް ލިބުނު ކުރިއެރުމެއް. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު މަތިކުރަން ލިބުނު ފުުރުސަތެއް މިއީ،" ސުމްރިތު ވިދާޅުވި އެވެ.

ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއާ އެއް ފެންވަރެއްގައި، ކެޓަގަރީ ވަންގައި ރެޑިންގެ އެކަޑަމީ ހިމެނޭއިރު އޭގެ ތެރެއިން ނިއުގެ ކުޅުންތެރިން ޑިވެލޮޕްކުރުމަށް އެހީތެރިކަން ހޯދާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކްސްޗޭންޖް ޕްރޮގްރާމް ހިންގާނެ ގޮތްތައް ބަލާނަން. އަދި އަޅުގަނޑުމެންގެ ޔޫތު ކުޅުންތެރިން ރެޑިންގެ އެކަޑަމީ އަށް ފޮނުވިދާނެ ފުރުސަތުތަކަށް ވެސް ބަލާނަން. މި އެމްއޯޔޫގެ ސަބަބުން ނިއު ރޭޑިއަންޓަށް އެތައް ގޮތަކުން ފައިދާކުރާނެ. އަޅުގަނޑުމެން އެބަޖެހޭ ބަލަން އެހެން ގައުމުތަކުގެ ކްލަބްތަކުން ކްލަބްތައް ހިންގާ މޮޑެލްތައް ވެސް. އަޅުގަނޑު ނިއުއާ ހަވާލުވި ހިސާބުން އެނގުނީ ކްލަބް ޒަމާނީކޮށް ހިންގަން ރިސްޓްރަކްޗާކުރަން ޖެހޭ ދިމަދިމާތައް އެބަހުރިކަން،" ޒިޔާދު ވިދާޅުވި އެވެ.

ސުމްރިތު ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުން ކުޅުންތެރިން އުފައްދަން ރެޑިންގެ އެކަޑަމީން މަސައްކަތްކުރަމުން އަންނަ ކަމަށާއި ނިއުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކްލަބަށް ދޭން ޖެހޭ މައުލޫމާތުދީ ތަޖުރިބާ ހިއްސާކޮށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ޒިޔާދު ވެސް ވިދާޅުވީ ނިއު އަށް މިލިބުނީ އާދަޔާހިލާފު އަދި ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނެ ކަމަށެވެ.

ތައިލެންޑުގެ ވިޔަފާރިވެރިޔާ ސުމްރިތުގެ ޖާޒީ އުފައްދާ ކުންފުނިން ނިއު އަށް ހާއްސަ ޖާޒީއެއް ވެސް އަންނަނީ ތައްޔާރުކުރަމުންނެވެ. ޒިޔާދު ވިދާޅުވީ ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ޖާޒީ ލޯންޗްކުރާނެ ކަމަށެވެ.

މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި ސުމްރިތު ވަނީ ގަލޮޅު ދަނޑާއި ޓާފް ދަނޑާއި ހެންވޭރު ދަނޑު ބައްލަވާލައްވައި އަދި މިއަދު ހަވީރު އޮތް ނިއުގެ ޕްރެކްޓިހަށް ވެސް ޒިޔާރަތްކުރައްވައިފަ އެވެ.

އިނގިރޭސި ޗެމްޕިއަންޝިޕުގެ ހަތަރު ވަނައިގައި މިވަގުތު އޮތް ރެޑިން ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގައި ވާދަކޮށް 2007 ގައި ލީގުގެ އަށް ވަނަ ހޯދައިފަ އެވެ. އެ ޓީމު ވަނީ 2015 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ބަލިވީ ޗެމްޕިއަން އާސެނަލާ ކުޅެ އިތުރު ވަގުތުގެ ތެރޭ އާސެނަލުން ޖެހި ލަނޑުންނެވެ.

ރެޑިންގެ ކޯޗަކީ މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާން އަދި ނެދަލެންޑްސް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޔާޕް ސްޓާމް އެވެ. އެފްއޭ ކަޕުގައި އެ ޓީމު ވަނީ މިދިޔަ މަހު މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 4-0 އިން ބަލިވެފަ އެވެ.