ބީއެމްއެލްގެ ބްރާންޗެއް އިހަވަންދޫގައި ވެސް ހުޅުވައިފި
ބީއެމްއެލްގެ ބްރާންޗެއް އިހަވަންދޫގައި ވެސް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ހއ. އިހަވަންދޫގައި ވެސް މިއަދު ހުޅުވައިފި އެވެ.

އަތޮޅު ތެރެއަށް ބީއެމްއެލްގެ ޚިދުމަތް ފުޅާކުރަން ހިންގާ ހަރަކާތުގެ ދަށުން އިހަވަންދޫގައި ހުޅުވި ބްރާންޗަކީ ބީއެމްއެލްގެ 33 ވަނަ ބްރާންޗެވެ.

އެ ބްރާންޗް ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއިއޯ އެންޑްރޫ ހިލީ ވިދާޅުވީ އެ ބޭންކުގެ ސަބަބުން އިހަވަންދޫ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފަސޭހަކޮށް ދެވުމަކީ ބީއެމްއެލް އަށް ލިބޭ އުފަލެއް ކަމަށެވެ. މިއީ އަތޮޅު ތެރެއަށް ބީއެމްއެލް އިން ކުރާ އިންވެސްޓްމަންޓްގެ އަދަދު އިތުރުކޮށް، ވަޒީފާ އިތުރުކުރަން ހިންގާ ޕްރޮގްރާމްގެ ދަށުން ހުޅުވި ބްރާންޗެއް ކަމަށް ހިލީ ވިދާޅުވި އެވެ.

އެހެން ބްރާންޗްތަކެކޭ އެއްގޮތަށް އެ ބްރާންޗް މެދުވެރިކޮށް ވެސް 24 ގަޑިއިރުގެ އޭޓީއެމްގެ ޚިދުމަތް ލިބޭއިރު ބޭންކުން ދޭ އެހެން ޚިދުމަތްތައް ރަސްމީ ގަޑީގައި ލިބޭނެ އެވެ.

މިއަދު ވަނީ ހއ. ހޯރަފުށީގައި ވެސް ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފަ އެވެ.