މާޒިޔާއާ ދެކޮޅަށް ނުކުތުން: އީގަލްސް އަށް ޗެލެންޖެއް
މާޒިޔާއާ ދެކޮޅަށް ނުކުތުން: އީގަލްސް އަށް ޗެލެންޖެއް

މާޒިޔާ އަކީ މި ސީޒަނުގެ ފޭވަރިޓް ކަމަށާއި އެ ޓީމުގެ އޯގަނައިޒް ކުޅުމާ އެކު، މާލޭ ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް ނުކުތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެެ.

މާޒިޔާއާ ދެކޮޅަށް ނުކުތުން: އީގަލްސް އަށް ޗެލެންޖެއް
މާޒިޔާއާ ދެކޮޅަށް ނުކުތުން: އީގަލްސް އަށް ޗެލެންޖެއް

މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީއާ އެކު ސީޒަނާ ކުރިމަތިލާ މާޒިޔާ އިން ވަނީ ކްލަބް ވެލެންސިއާ ބަލިކޮށް މިދިޔަ ހަފުތާގައި ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އީގަލްސް އިން މާބޮޑު ބަދަލުތަކެއް ނުފެނެ އެވެ. އެ ޓީމަށް ގެނެސްފައިވާ އެންމެ މުހިއްމު ކުޅުންތެރިޔަކީ މިދިޔަ އަހަރުތަކުގައި މާޒިޔާ އަށް ކުޅުނު އަހުމަދު ނަޝީދު (ނައްޓޭ) އެވެ. އޭނާ އެކަމަކު އަނިޔާގެ ސަބަބުން މާދަމާގެ މެޗުގައި ނުކުޅޭނެ އެވެ.

ސާންތީ ބުނީ ޓީމުގެ ތައްޔާރީތައް ރަނގަޅު ކަމަށާއި އެކަމަކު މައްސަލައަކަށް ދިމާވީ ބިދޭސީ ކުޅުންތެރިން ގެނެވުން ލަސްވުން ކަމަށެވެ. އޭގެ ތެރެއިން މިސްރުގެ ޑިފެންޑަރު އަދި ޓީމަށް ނުހޭނޭތީ މާދަމާގެ މެޗުގައި ބޭނުންނުކުރާނެ ކަމަށް ސާންތީ ބުންޏެވެ.

"މިއީ އަޅުގަނޑަށް އޮތް ޗެލެންޖެއް. އެންމެ ފަހުން ގެނައި ބިދޭސީ ކުޅުންތެރިޔާ އަދި ޓީމަށް ސެޓްނުކުރެވޭ. ބިދޭސީ ކުޅުންތެރިން ގެނެވުލެއް ލަސްވުމަކީ ކުރިމަތިވި މައްސަލައެއް. އަނެއްކޮޅުން އިދިކޮޅަށް ނުކުންނަނީ މާޒިޔާ އަކީ ވަރަށް އޯގަނައިޒް ޓީމެއް. މިދިޔަ ސީޒަނާ ބަލާއިރު މާޒިޔާ ވަރަށް ބޮޑަށް ޓީމެއްގެ ގޮތުގައި އޯގަނައިޒްކޮށް ކުޅޭތަން ފެންނަނީ. އެހެންކަމުން ބިދޭސީ ކުޅުންތެރިންގެ މައްސަލަ ކުރިމަތިވެފައި އޮއްވާ އަދި ފުރަތަމަ މެޗު މާޒިޔާއާ ދެކޮޅަށް ކުޅުމަކީ ވަރަށް ބޮޑު ޗެލެންޖެއް،" ސާންތީ ބުންޏެވެ.

އާ ސީޒަނަށް ސަޕޯޓަރުން ކްލަބްތައް ރޭންކްކުރާއިރު އީގަލްސް އަށް ވުރެ ކުރިއަށް މާޒިޔާ އާއި ނިއު ރޭޑިއަންޓް އަދި ވިކްޓަރީގެ ނަން ގިނަ ބަޔަކު ގެނެ އެވެ. ސާންތީ ބުނީ އޭނާ އަށް ރަނގަޅީ ވެސް އީގަލްސް އެހާ މަތިން ރޭންކް ނުކުރިއްޔާ ކަމަށެވެ.

"އީގަލްސް އިން މިދިޔަ އަހަރު ވެސް ސާބިތުކޮށްދިނީ ބޯޅައަކީ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ތިބެގެން އެކަނި ކުޅޭވޭ އެއްޗެއް ނޫންކަން. މި އަހަރު ވެސް އީގަލްސް އިން ސާބިތުކޮށްދޭނީއެކަން،" ސާންތީ ބުންޏެވެ. "މާދަމާ އަޅުގަނޑު ފުރަތަމަ އެގާރައިގައި ނެރޭނަން، އަޅުގަނޑު އެ ކުޅުންތެރިޔަކު އުމުރުން ނުވަ އަހަރުން ފެށިގެން ތަމްރީން ކުރި ކުޅުންތެރިޔެއް."

މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ އީގަލްސް އިން އޭނާގެ ޓީމު މަތިން ރޭންކުރުމުން އުފާވާ ކަމަށާއި އެކަމަކު އޭނާ ބޭނުންވަނީ ދަނޑުމަތިން އެކަން ކުޅުންތެރިން ދެއްކުމަށް ކަމަށެވެ.

"މާޒިޔާގެ ފެންވަރު ދަނޑުމަތީގައި ކުޅުންތެރިން ދައްކާނެ ކަމަށް އަހަރެން އުއްމީދުކުރަނީ. އަހަރެމެން އިދިކޮޅު ޓީމާއި އެ ޓީމުގެ ކޯޗަށް ފުރިހަމައަށް އިހުތިރާމްކުރަން. އީގަލްސް އަކީ މިދިޔަ އަހަރުގެ ޗެމްޕިއަނެއް. އެކަމަކު މި އަހަރު ހުރިހާ ކަމެއް ވެސް ބަދަލުވާނެ،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރުމުން ކުޅުންތެރިން އިތުރަށް މޯޓިވޭޓްވެފައިވާ ކަމަށާއި އެކަމަކު މިއީ ތަފާތު މެޗެއްކަން ކުޅުންތެރިން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އަދި މާދަމާ ފެންވަރު ރަނގަޅު މެޗެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

މާދަމާރޭ ދަނޑު ހުސްކޮށް އޮއްވާ މި މެޗު މާދަމާ ހަވީރަށް ޝެޑިއުލްކޮށްފައިވާތީ ސާންތީ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ދެ ޓީމަށް ވެސް ފައިދާވާނީ ރޭގަނޑު މެޗު ކުޅުމުން ކަމަށާއި އޭގެ ސަބަބުން ކުޅުމުގެ ފެންވަރު ރަނގަޅުވެ އަދި ސަޕޯޓަރުން ވެސް ގިނައިން ވަންނާނެ ކަމަށެވެ.

"އީގަލްސްގެ ގިނަ ކުޅުންތެރިންނަކީ އެކޮމަޑޭޝަން ބްލޮކުގައި ތިބޭ ކުޅުންތެރިން. އެ ކުޅުންތެރިންނަށް ހުކުރު ދުވަހު ކާން ލިބޭނީ ހުކުރަށް ފަހު 1:30 ގައި ތަންތަން ހުޅުވީމާ. އަޅުގަނޑުމެންނަކީ ކުޅުންތެރިން ތިބޭ ތަނަށް ކެއުން ގެންދެވޭ ފެންވަރުގެ ޓީމެއް ނޫން،" ސާންތީ ބުންޏެވެ.