ފ. އަތޮޅު "ވިއްކާލަން" ކުރާ މަސައްކަތް ހުއްޓާލަން އިއްތިހާދުން ގޮވާލައިފި
ފ. އަތޮޅު "ވިއްކާލަން" ކުރާ މަސައްކަތް ހުއްޓާލަން އިއްތިހާދުން ގޮވާލައިފި

ސަރުކާރުން ފ. އަތޮޅު "ވިއްކާލަން" ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަން ހުއްޓާލަން އިދިކޮޅު އިއްތިހާދުން މިއަދު ގޮވާލައިފި އެވެ.

އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ އަތޮޅު މީހުން، އެ ރަށްރަށުން ފައިބަން ޖެހިދާނެ ކަމުގެ ބިރާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ރައްޔިތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދާ ކަމަށް ބަޔާނުގައިވެ އެވެ.

އެކަމަކު ފ. އަތޮޅުގައި ސަރުކާރުން ހިންގަން އުޅެނީ ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ ތަރައްގީގެ ބިޔަ މަޝްރޫއެއް ކަމަށާއި އަދި އެ އަތޮޅުން މީހުން ނުބާލާނެ ކަމަށް ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ހަލީލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ ބައެއް ބޭފުޅުން ދައްކަވާ ވާހަކަ އިދިކޮޅު ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ.

"މިއީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމަކަށް ވާތީ ދިވެހިން ތިބީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ޑީލްއާ ދެކޮޅަށް،" އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނުގައިވެ އެވެ.

އެހެންވެ، އިއްތިހާދުން ވަނީ ފ. އަތޮޅު ވިއްކާލަން ސަރުކާރުން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ކަމާ ބެހޭ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކުން މަސައްކަތް ކޮށްދޭން ގޮވާލައިފަ އެވެ.

ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއާ އެކު އެ އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ. މުޅި ދުނިޔޭގައި ވެސް އިންޓަގްރޭޓަޑް ޓޫރިޒަމްގެ ގޮތުގައި އޮތީ ވަރަށް މަދު ތަނެއް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ފ. އަތޮޅަށް އެފަދަ ތަރައްގީއެއް ގެނައުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ލިއުންތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފ. އަތޮޅުން ބައެއް ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބައެއް ބޭފުޅުންނަށް ވިއްކާލާ މަޝްރޫއު ޕްލޭންކޮށްފައި އޮތީ، ރައްޔިތުންނަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށެވެ. ފ.އަތޮޅު ވިއްކާލަން އުޅޭ ކަމުގެ އަޑުތައް އަލުން ގަދަވެގެން މި އުޅެނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަންނަ މަހު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށެވެ.