މޮޑްރިޗްގެ މޮޅު ގޯލުން ކްރޮއޭޝިއާ މޮޅުކޮށްދީފި
މޮޑްރިޗްގެ މޮޅު ގޯލުން ކްރޮއޭޝިއާ މޮޅުކޮށްދީފި

ޕެރިސް، ފްރާންސް (ޖޫން 12) - ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ވައްދާލި މޮޅު ލަނޑާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ވާދަވެރި ތުރުކީ އަތުން 1-0 އިން ކްރޮއޭޝިއާ މޮޅުވެއްޖެ އެވެ.

ގްރޫޕް ޑީ ގެ މި މެޗުގައި، ޔޫރަޕުގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ކުޅޭ ކްރޮއޭޝިއާ އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އޭގެ ތެރެއިން ގިނަ ބޯޅަތައް ގޯލަށް ނުވަނީ ތުރުކީގެ ނަސީބު ރަނގަޅުކަމުންނެވެ.

އެކަމަކު މިރޭގެ މެޗުގައި ގޯލް ޖެހުމާ ގާތަށް އެންމެ ފުރަތަމަ ދިޔައީ ތުރުކީންނެވެ. އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައެއް އެ ޓީމުގެ އޮޒާން ޓުފާން ބޮލުން ޖެހުމުން ކްރޮއޭޝިއާ ގޯލްކީޕަރު އެ ބޯޅަ ދިފާއުކުރީ ގޯލް ރޮނގު މަތިންނެވެ.

ކްރޮއޭޝިއާ އިން މެޗުގެ ހަމައެކަނި ލަނޑު ޖެހީ 42 ވަނަ މިނެޓުގަ އެވެ. ތުރުކީގެ ޑިފެންޑަރަކު ސާފުކޮށްލި ބޯޅައެއް، އޭރިއާ ބޭރުން ފަޔަށް ހެޔޮވަރުކޮށްލުމަށް ފަހު މޮޑްރިޗް ޖެހުމުން އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ގޯލެވެ.

ދެ ވަނަ ހާފުގައި ކްރޮއޭޝިއާ އިން ލީޑު ފުޅާކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ޑާރިއޯ ސާނާ 54 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލު ބާރު ބޯޅައެއް ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އޭގެ ކުރިން އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލް ދަނޑިއަށެވެ.

އޭގެ ފަހުން ކްރޮއޭޝިއާ އަށް ކުޅޭ އިންޓަ މިލާނުގެ ދެ ކުޅުންތެރިން ލަނޑު ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. މާސެލޯ ބްރޮޒޮވިޗް އޭރިއާ ތެރެއިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު އިވާން ޕެރިސިޗް އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލް ދަނޑިއެވެ.

މި މެޗުގައި ތުރުކީގެ ބާސެލޯނާ މިޑްފީލްޑަރު އާޑާ ތުރާން އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނުއިރު އޭނާ ވަނީ ދެ ވަނަ ހާފުގައި ބާލައިފަ އެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހު ދެ މުބާރާތުގެ ޗެމްޕިއަން ސްޕެއިނާއި ޗެކް ރިޕަބްލިކެވެ. މުބާރާތުގެ އެންމެ ވަރުގަދަ އެއް ގްރޫޕުގެ ގޮތުގައި ބެލެވޭ މި ގްރޫޕުގެ ދެ ވަނަ މެޗުގައި ސްޕެއިނާއި ޗެކް ރިޕަބްލިކް ބައްދަލުކުރާނީ މާދަމާ އިރުއޮއްސި 6 ޖަހާއިރެވެ.