03 ޖުލައި 2024 - 12:37

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށާއި މެދު ރާއްޖެ ތެރޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މިއަދު ދެ ފަހަރެއްގެ މަތިން ވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓުން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހދ. ކުޅުދުއްފުށްޓަށެވެ. އެއީ 39.8 މިލިމީޓަރުގެ ވާރޭ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު ށ. ފުނަދު އަށް 33.6 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.