03 ޖުލައި 2024 - 12:23

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)ގެ ސެންޓަރުތަކުގައި ކިއޮސްކުތަކެއް ބަހައްޓައިފި އެވެ.
މި ކިއޮސްކުތައް ބެހެއްޓީ ކަސްޓަމަރުންނަށް އެ ބެންކުގެ ސެންޓަރުތަކުން އަމިއްލައަށް ހިދުމަތް ހޯދޭނެ އިންތިޒާމް ފަހިކޮށްދިނުމަށެވެ. މި ކިއޮސްތަކުން ހިދުމަތް ހޯދަން ކަސްޓަމަރުންނަށް އެހީތެރިވުމުގައި އެ ބެންކުގެ މުވައްޒަފަކު ހަރަކާތްތެރިވާނެ ކަމަށް އެމްއައިބީން ބުންޏެވެ.
މި ކިއޮސްކުތައް ބަހައްޓާފައި ވަނީ އެ ބެންކުގެ މާލެ އަދި ހުޅުމާލެ ސެންޓަރުތަކުގަ އެވެ.
އެމްއައިބީން ބުނީ އެ ބެންކުން މި ހިދުމަތް އަތޮޅުތެރެއަށް ވެސް ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްއައިބީން އަންނަނީ އެ ބެންކުގެ ހިދުމަތްތައް ލުއި ފަސޭހަކުރުމުގެ ގޮތުން މި ފަދަ އެކި ހިދުމަތްތައް ތައާރަފްކުރަމުންނެވެ. އެ ބެންކުގެ ހިދުމަތްތަކަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރެގެން ވެސް ހޯދޭނެ ހިދުމަތްތަކަކށް ހެދުމުގެ ގޮތުން ބެންކުގެ ގިނަ ހިދުމަތްތައް ވަނީ އޮންލައިންކޮށްފަ އެވެ. އަދި ބެންކުގެ ސެންޓަރުތައް އެކި ހިސާބުތަކުގައި ވަނީ ގާއިމުކޮށްފަ އެވެ. އިތުރު ސެންޓަރުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި އެ ބެންކުން މޮބައިލްކޮށް މަސައްކަތް ކުރާ ސޭލްސް ޓީމުން އެކި އޮފީސްތަކާއި ބެންކަށް ދިއުމަށް އުޒުރުވެރިވާ ކަސްޓަމަރުންނަށް ޒިޔާރަތްކޮށް ހިދުމަތް ދެ އެވެ.
އެމްއައިބީން އޮންލައިންކޮށް އިންޓަނެޓް ބެންކިންގެ ހިދުމަތް، ފައިސާ ނެޓް މެދުވެރިކޮށް ލިބޭނެ އެވެ.