ޓްރަމްޕަށް އަދަބު ކަނޑައެޅުން ސުޕްރީމް ކޯޓުގެ ހުކުމާ އެކު ފަސްކޮށްފި
ޓްރަމްޕަށް އަދަބު ކަނޑައެޅުން ސުޕްރީމް ކޯޓުގެ ހުކުމާ އެކު ފަސްކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކާ ގުޅިގެން އަދަބު ކަނޑައެޅުން ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިއްޔެ ފަސްކޮށްފި އެވެ.

ރައީސްކަމުގައި ހުންނަވާއިރު ރަސްމީ ހައިސިއްޔަތުން ކުރައްވާ ކަންކަމާ ގުޅިގެން ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ކަނޑައެޅުމާ އެކު ޓްރަމްޕުގެ ގާނޫނީ ޓީމުން ވަނީ، ރިޔާސީ ކެމްޕެއިން ތެރޭ ޓްރަމްޕަށް ގެއްލުންވެދާނެ ވާހަކަތައް ހުއްޓުވަން ކެމްޕެއިން ފައިސާ ހޭދަކޮށް އެކަން ސިއްރުކުރަން ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވާލި މައްސަލައިގައި ސާބިތުވި ކުށްތަކަށް އަދަބު ކަނޑައެޅުން މަޑުޖައްސާލުމަށް އެދި ކޯޓަށް ސިޓީ ފޮނުވައިފަ އެވެ.

ޓްރަމްޕަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މި މަހުގެ 11 ވަނަ ދުވަހަށެވެ. އެއީ ޓްރަމްޕަކީ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވާ ކެންޑިޑޭޓްކަން ރަސްމީކޮށް ކަނޑައަޅާނެ ކަމަށް ބެލެވޭ ރިޕަބްލިކަން ނެޝަނަލް ކޮންވެންޝަންގެ ދެތިން ދުވަސް ކުރިއަށެވެ. އެ ކޮންވެންޝަން އޮންނާނީ މި މަހުގެ 15 ގަ އެވެ.

"މި މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަޑުއެހުމެއް ބާއްވަންޖެހޭ ނަމަ އެކަން ސެޕްޓެމްބަރު 18، 2024 ގެ ހެނދުނު 10 އަށް ފަސްކޮށްފިން،" ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ވަގުތު އިތުރުކުރައްވަމުން ފަނޑިޔާރު ވިދާޅުވި އެވެ.

ޓްރަމްޕުގެ މައްޗަށް ޖިނާއީ ކުށްތަކެއް ސާބިތުވެފައި ވާއިރު އޭނާ ވެފައިވަނީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިފަދަ ހުކުމެއް ފުރަތަމަ ސާބިތުވި ރައީސަށެވެ. އޭނާގެ މައްޗަށް ވަނީ ބަރަހަނާ ފިލްމުކުޅޭ މީހަކާ އެކު ބޭއްވި ނަހަމަ ގުޅުންތަކުގެ ވާހަކަ އެ މީހާ ނުދެއްކުމަށް ޝަރުތުކޮށް ފައިސާ ދިނުމަށް ފަހު އެކަން ސިއްރުކުރަން ވިޔަފާރީގެ ހިސާބުތައް އޮޅުވާލި މައްސަލައިގައި ކުރި 34 ދައުވާ ވެސް ސާބިތުވެފަ އެވެ.

މި ކުށްތަކާ ގުޅިގެން ޓްރަމްޕުގެ މައްޗަށް ޖަލު ހުކުމް ނުވަތަ ގޭބަންދުގެ ހުކުމް ވެސް އިއްވިދާނެ އެވެ. އެކަމަކު ގާނޫނީ ތަޖުރިބާކާރުން ބޮޑަށް ބުރަވެވަޑައިގަންނަވަނީ މިއީ ސާބިތުވި ފުރަތަމަ ކުށަށް ވުމާއި އެހެން ސަބަބުތައް ވެސް ހުރުމާ އެކު ޖޫރިމަނާގެ ހުކުމެއް އަންނާނެ ކަމަށެވެ. އެހެން ވެއްޖެ ނަމަ އިންތިހާބުގައި އޭނާއަށް ހުރަހެއް ނޯންނާނެ އެވެ. -- އޭއެފްޕީ