03 ޖުލައި 2024 - 06:19

އާދިއްތަ ދުވަހާ ގުޅޭ
"އެހެންވިއްޔާ ނަޖޫ ޑިވޯސްވެގެން ގޮސް ތި ކަހަލަ ލޭޒީ ފިރިހެނަކާ އިނދޭ!" ދިފްލާއަށް ދެވުނީ ރުންކުރު ޖަވާބެކެވެ.
"ބޭނުމެއް ނޫން ގޮނޑުކޮށް އުޅޭ މީހަކާ އިންނާކަށް،" ވަގުތުން ނަޖްވާން ބުންޏެވެ. "ރާއިދު ކަހަލަ ނައިސް މީހެއް ބޭނުމީ. އޭނަ ހާދަ ނައިސްއޭ."
"އެކަމަކު ނަޖޫ ގޮސް އެ ނައިސް ކޮޓަރި ކިހިނެއް ހެދީ؟" ދިފްލާ ދިމާއަށް ބުންޏެވެ. "އަހަރެން ބުނަން ވާހަކައެއް؟ ނަޖޫއަށް މި ވާހަކަ ކިޔައިދޭން އަހަރެން ލަދު ވެސް ގަނޭ! އަހަންނަށް އަސްލު ކޯޗެއް އެނގޭނީ؟ އެކަމަކު، ހައުސްއެއް ހޯމްއަކަށް ހަދާނީ ވައިފް. ގޭތެރެ ސާފުކޮށް، ތަރުތީބުކުރާނީ ވެސް ވައިފް. ހަސްބަންޑެއްގެ ކޮލިޓީ ފިރިހެނަކަށް ލިބޭނީ ވެސް ވައިފް ދިނިއްޔާ. ހަސްބަންޑް ލާފަހުންނަ ގަމީސް ސަޅިކޮށް ހުރީމަ އޭގެ ޕޮއިންޓް ވެސް ލިބޭނީ ވައިފަށް. އެކި މީސްމީހުން ކައިރީގަ މަންމަ ދައްކާ ވާހަކަ ވަގަށް އަޑުއެހީމަ އަހަންނަށް މި އެއްޗެހި މި އެނގެނީ. ވައިފަކީ ގޭގެ ލައިފް. ކައްކާލާ މީރު އެއްޗެހީގެ ވަހުން އަވަށްޓެރިން ޖެލަސްކޮށްލާނެ. ނަޖޫއަށް ހީވޭތަ އެ ކަހަލަ އެއްވެސް ކޮލިޓީއެއް ނަޖޫގެ ހުރިހެން؟"
ދިފްލާ ކުރީ، ވިސްނަން ނަޖްވާނަށް މަޖުބޫރުވާ ކަހަލަ ސުވާލެކެވެ. ނަޖްވާނަށް ހީވީ އަމިއްލަ ނަފުސް ނަޖްވާނަށް މަލާމާތްކުރިހެންނެވެ. އެ ހިސާބަކުން ވެސް ދިފްލާގެ ވާހަކައެއް ނުނިމެއެވެ.
"ގޭތެރޭގަ ވައިފް މަސައްކަތްކުރިޔަސް ނުކުރިޔަސް، ދުވާލަކު އެއްފަހަރު ޖެހޭނެ ފެންވަރަން،" މުދައްރިސަކު ދަރިވަރަށް ކިޔައިދޭހެން ދިފްލާ ކިޔައިދިނެވެ. "ބޮލުގަ ކުލަނުޖެއްސިޔަސް، ފުނާއަޅާލަން ޖެހޭނެ. މޭކަޕްނުކުރިޔަސް މޫނު ޖެހޭނެ ފްރެޝްކޮށްލަން. ނަޖޫއަށް އެ ވަރު ކުރެވޭބާ؟ ޖޮބަކަށް ނުދޭ! ކިޑެއް ނެތް! ރެސްޕޮންސިބިލިޓީއެއް ނެތް! އަސްލު ބުނެބަލަ! ކާކު ތީ؟ ކީއްކުރާ މީހެއް ތީ؟ ރާއިދު ޕްރައުޑްވާނެ ކޮލިޓީއެއް، ހަމަ އެއްވެސް ކޮލިޓީއެއް ނަޖޫގެ ނެތޭ!"
ނަޖްވާނަށް ޖެހުނީ އެއްބަސްވާށެވެ. ދެކޮޅަށް ދެއްކޭނެ ބަހަނާއެއް ނެތެވެ.
"އާނ އޭނަ އަބަދު އުޅޭނެ އަހަރެން ފެންނުވަރައިގެން،" ނަޖްވާން ބުންޏެވެ. "އަބަދު ބުނާނެ ދިފްލާ ހުންނަހެން ހުރެބަލާށޭ! ދިފްލާ އަބަދު ވެސް ކިހާ ރީތިކޮށްހޭ އެ ހުންނަނީ؟ އަބަދު ވެސް ހުންނާނީ ސެންޓުޖަހާލާފައޭ، ވަރަށް ފްރެޝްވާނެއޭ، މިއައީ ދިފްލާ ގާތުގަ އަނގަތަޅަން އިނދެފައޭ. އަހަރެން ބުނަން އަހަރެން ކީއްކުރަންހޭ ދިފްލާއަށް ހަދަން ތި އުޅެނީ؟ އަހަންނަކަށް ދިފްލާއަކަށް ނުވެވޭނެޔޭ!
"އެކަމަކު އަންހެނަކަށް ވެވޭނެއްނު!" ދިފްލާ ބުންޏެވެ. "ނުލާހިކު ލޯބިވެގެން މެރީކުރި ފިރިމީހާގެ ވައިފަށް ވެވޭނެއްނު. ތިހެން އުޅެނިކޮށް ރާއިދު މާލެއައިސް ނަޖޫ އެންމެ ފޫހިވާ މީހާޔާކަން ނޭނގެ މެރީކުރާނީ."
"އެއީ ކާކު؟ ދިފްލާތަ؟" ނަޖްވާން އެހިއެވެ.
އެ ކަހަލަ ސުވާލުކުރުމުން ދިފްލާގެ ހިތަށް ތަދުވެއެވެ. ދިފްލާ ހިތަށްއަރައެވެ. އެއްޗެއް ބުނުމުގެ ކުރިން ނަޖްވާން ދެ ފަހަރަށް ވިސްނައިނުލަނީ ކީއްވެގެންހެއްޔެވެ؟ ހިތާމައަކީ، ތެދު ދޮގަށްހަދަން ދިފްލާއަށް މަޖުބޫރުވެފައިވުމެވެ. ހިތުގެ އިހުސާސްތައް އޮބަހައްޓައި، ކަރުނަތައް ހިފަހެއްޓުން ނޫން ގޮތެއް ނެތުމެވެ.
"އަހަންނެއް އޭނަޔަކާ ނީންނާނެ،" ފޫހި ގޮތަކަށް ދިފްލާ ބުނެލިއެވެ. "އަހަންނާ ދޭތެރޭ ނުވިސްނާ! މީން ޒަމާނަކު ވެސް އަހަންނެއް މީހަކާ ނީންނާނަން. ނުވެސް އިނދެވޭނެ. އެކަމަކު ހިސާބުގަނޑުން ކޮންމެވެސް ކުއްޖަކާ އޭނަ އިންނާނެކަން ޔަގީން. އޯކޭތަ؟"
"އުހުނ! ބޭނުމެއް ނޫން އޭނަ މި ހިސާބުގަނޑުން މީހަކާ އިންނާކަށް،" އަނދިރީގައި ބަހައްޓާފައިހުރި ނަޖްވާން ބުންޏެވެ. "އޭރުން އަހަންނަށް ފެންނާނެ ވައިފް ގޮވައިގެން އޭނަ ހިނގާ ތަން. އަހަރެން ވަރަށް ފޫހިވާނެ. ވަރަށް ރުޅި ވެސް އަންނާނެ."
"ވަރަށް ދެރަ ވެސް ވާނެ." އެންމެ މުހިންމު ނުކުތާ ފާހަގަކުރީ ދިފްލާއެވެ.
ވަރަށް ހިނިއައިސްގެންހުރެ ފާއިޒާ އަތަށް ނަސީމު ކުޑަ ކޮތަޅެއް ދިއްކޮށްލިއެވެ. އޭގައި ފާއިޒާ ހިފީ، ނަސީމު އުންމީދުކުރި ވަރަށް ވުރެ ދެރަވެފައިހުރެގެންނެވެ. ނަސީމު ހައިރާންވިއެވެ. ފާއިޒާ ކައިރީގައި، ސޯފާގައި އިށީނެވެ. އަތުގެ ހަރަކާތުން، ކިހިނެއްވީހޭ އެހިއެވެ. ފާއިޒާ ޗޮކެއްކަނޑައިލިއެވެ. ކަމެއްނުވެއޭ ބުނާ ކަހަލަ ގޮތަކަށް ބޯހޫރާލަމުންނެވެ.
"އެހެން ނުވާނެ،" ނަސީމު ބުންޏެވެ. "ބުނެބަލަ! ކިހިނެއްތަވީ؟ ނަޖްވާން ދެނެއް މި ގެއަކަށް ނާންނާނޭ! ޖައުފަރުބޭ ބުނީ ރާއިދު ނިދާ އެނދުގެ ބޯލާކޮޅު ކޮންމެވެސް ދިމާއެއްގަ ތީތި ތަތްކޮށްލާށޭ! އެނދުގަ އޮށޯންނަ އިރު ރާއިދު ކޮންމެ ފިކުރެއްގަ ހުއްޓަސް އެނދުން ތެދުވާ އިރު ހުންނާނީ ނަޖްވާން ދެކެ ވަރަށް ފޫހިވެފައޭ. ކޮންމެ ރެޔަކު ވެސް ރާއިދު ނިދަން އެނދަށް އަންނާނެތާ!"
"ނަޖްވާން މި ގެއަށް ގެންނާކަށް އަހަރެން ބޭނުމެއް ނޫން،" ފާއިޒާ ޔަގީންކަމާއެކުގައި ބުންޏެވެ. "އެކަމަކު އަހަރެންގެ ދަރިފުޅަށް ދެނެއް ފަންޑިތައެއް ނަހަދާނަން. މިއަދު ރައްޓެއްސަކު ވާހަކައެއް ދައްކަމުން ބުނީ، މީހަކަށް ސިހުރުހެދުމަކީ އޭނަ ސައިތާނާއަށް ހަދިޔާއަކަށް ދިނުމޯ! މީގެ އަވައިގަ ރަނގަޅަށް ޖެހިއްޖެއްޔާ، ދެން ސައިތާނާ އޭނަ މަރުވަންދެން ވެސް ދުލެއް ނުކުރާނޯ! އެންމެ ފަހުން އަހަރުމެން ވެސް އޭގެތެރެޔަށޯ ދަމައިގަންނާނީ. މި ގެންގޮސް އޭނައަށް ދީ. ބުނޭ މީތި ނައްތާލާށޭ!"
ފާއިޒާއަށް އެ ބަދަލުއައީތީ ނަސީމު ކުޑަކޮށް ހައިރާންވިއެވެ. އެހެނަސް، އެ ނިންމުން ބަދަލުކުރާކަށް ނަސީމު ނޭދެއެވެ.
"އަނެއްކާ ތި ނަޖްވާނެއް މި ގެއަށް.." ނަސީމަށް ބުނެވުނީ އެ ހިސާބަށެވެ.
"އޭނަ ދެނެއް ނާންނާނެ،" ފާއިޒާ ބުންޏެވެ. "މަ މިހިރީނު. މި ގޭގަ އުޅުނު އިރު އެ ނަޖްވާން ކިހާ ޖެއްސުމެއްކުރި؟ ގެއަށް ދިޔަ ފަހުން އަޅެ އޭނައަށް ނުކެރުނޭ އަހަންނަށް ގުޅާލަން ވެސް."
ފާއިޒާ ބުނީ ތެދެކެވެ. މައިދައިތައަށް ގުޅައިލަން ނަޖްވާން ހިތަށް ވެސް ނާރައެވެ. އެއަށް ވުރެ މާ އަވަދިނެތިކޮށް އުޅެންޖެހުމުންނެވެ. ހަޔާތުގައި އަލަށް ނަޖްވާން އެތައް ކަމެއް ދަސްކުރިއެވެ. އެންމެ ފުރިހަމައަކަށް ނޫނެވެ. ކުރަން އެނގޭ ވަރަށެވެ. ކުރަން ޖެހިލުންނުވާ ވަރަށެވެ. އުޅުމުގެ ވައްޓަފާޅިއާއި، ސާފުތާހިރުކަމާއި، ނަލަހެދުން ވެސް މެއެވެ. ދިފްލާއަށް ދަސްވެފައިވާ ރަނގަޅު ހުރިހާ އާދައެއް، ބާލީހަކަށް ކަފަގަންނަވާހެން ނަޖްވާންގެ ސިކުނޑިއަށް އަޅައި ބާރުކޮށްލިއެވެ. އެއީ އެންމެ ހަފުތާއެއްހައި ދުވަހުގެ މަސައްކަތެވެ. ދެން ކުރިމަތިލީ ފަހު މަރުހަލާއެވެ. އެއީ، ނަޖްވާން ނެރުނު ގެއަށް އަނބުރައި ވަނުމެވެ. ދޮރުން ނޫނީ ފާރުމަތިން ވިޔަސްވެހެވެ.
"ހިނގާ ދަމާ!" ދިފްލާ އެދުނެވެ. "ނަޖޫ އެކަންޏެއް ނޫން. އަހަރެން ވެސް ހުންނާނަން ކައިރީގަ."
ނަޖްވާންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ކުރިން ޖެހިލުން ނުވި މައިދައިތަޔާ ކުރިމަތިލާކަށް ހަމަ ހިލާ ނުކެރުނެވެ.
"ނުކެރޭނެ،" ނަޖްވާން ބުންޏެވެ. "ރާއިދު ނުވެސް ބުނަނީސް ކިހިނެއް ޓަސްލާފަ ގޮސް އެ ގެއަށް ވަންނާނީ؟ ނުކެރޭނެ ނުކެރޭނެ. ފޯނުން ވިޔަސް ރާއިދު ޖެހޭނެ ދާށޭ ބުނަން. އޭނަގެ މަންމަޔަށް ގުޅާފަ ބުނަންޖެހޭނެ އަހަރެން އެބަ އާދެޔޭ ވެސް."
ހަވީރުގެ ވަގުތެވެ. ނަޖްވާނާއި ދިފްލާ ތިބީ ދިފްލާގެ ގޭގައެވެ. ދިފްލާ މަސައްކަތްކުރީ ނަޖްވާންގެ ހައްގު ނަޖްވާނަށް ހޯދައިދޭށެވެ. ރާއިދު އައުމުގެ ކުރިން ރާއިދު މަންމަގެ ހިތް ނަޖްވާނަށް ފަތަހަކޮށްދޭށެވެ. ބަފައިބެގެ ލޯބި ހޯދައިދޭށެވެ. އެހެނަސް، ނަޖްވާންގެ އެހައި ހިތްވަރެއް ނެތެވެ. އެއީ އެތައް ދުވަހެއް ވަންދެން ދެމީހުން ފަސްގަނޑުޖަހައި އިންދި އޮށުން ގަސްފަޅައި، ގަހުގައި މޭވާއަޅަންވީ ވަގުތެވެ.
"ނަޖޫ! އަހަރުމެން ދެމީހުން އެއްކޮށް ގޮހޭ ވަންނާނީ،" ހަދަންވީ ގޮތް ދިފްލާ ކިޔައިދިނެވެ. "އަހަރެން ހުރީމަ ފާއިޒާއަކަށް ނުކެރޭނެ ހަޅޭއްލަވައިގަންނާކަށް. ނަޖޫ ގެއަށް ގޮސް ފޮށްޓަށް އެއްޗެހި އަޅައިގެން ރެޑީވޭ! އަހަރެން ކުރީބައިގަ ގޮސް ހުރެދާނަން ފާއިޒާ ކައިރީގަ ވެސް. ނަޖޫ އައިސް ބެލްޖެހީމަ އަހަރެން ދޮރުހުޅުވާނީ ވެސް. އެ ގޮތް ކިހިނެއް؟"
ވަރަށް ކަންބޮޑުވެފައި ދިފްލާއަށް ބަލަހައްޓައިގެން ނަޖްވާން ހުއްޓެވެ. ހީވަނީ އުސް ތަނަކުން ފުންމާލަން ބުނުމުން އެ ކަމާ މެދު މީހަކު ވިސްނަންހުރިހެންނެވެ.
"އަޅެ ނުކެރޭނެ. މަންމަ ބުނެފަ އޮތީ ރާއިދު ބަލާ ނާންނަނީސް ގޮސްގެން ނުވާނޭ!" ނަޖްވާން ބުންޏެވެ. "ދާތަނާ ރާއިދު މަންމަ ހަޅޭއްލަވައިގެންފަ ގެއިން ނެރެލައިފިއްޔާޔޯ؟ މަގުމަތީގަ މީހުން އެއްކޮށްލައިފިއްޔާޔޯ؟"
"އޭނައަކަށް ނުކެރޭނެ އެހެން ހަދާކަށް،" ދިފްލާ ޔަގީންކަންދިނެވެ. "ތިހާ ހިތްވަރެއް ނުހުންނާނެ."
ނަޖްވާން ދެއަތަކަށް ބޯހޫރައިލިއެވެ. ނަޖްވާން ކަންބޮޑުވަނީ މައިދައިތަ ކިޔައިފާނެ އެއްޗަކަށްވުރެ، އޭގެ ސަބަބުން މަންމައަށް ކޮށްފާނެ އަސަރަކަށެވެ.
"ރާއިދު މަންމައަށް އެނގިފަ ދާންވާނީ،" ނަޖްވާން ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން އޭނައަށް ސަޕްރައިޒެއް ދޭކަށް."
"އޯކޭ! ހިނގާ ފާއިޒާއަށް ގުޅަމާ!" ދިފްލާ ފޯނު ނަގަމުން ބުންޏެވެ. "އަހަރެންގެ ފޯނުން ގުޅާނީ. އޭރުން ޔަގީނުން ވެސް ފާއިޒާ ފޯނު ނަގާނެ. އެކަމަކު ނަޖޫ ވާހަކަދައްކަން ވާނީ. ކެރޭނެ؟"
"އާނ ކެރިދާނެ. އެކަމަކު ކީކޭ ބުނާނީ؟" ނަޖްވާން އެހިއެވެ.
"ބަލަ ދެންމެއެއްނު ތި ބުނީ ތީ ރާއިދުގެ ވައިފޭ! އެހެންވީމަ މައިދައިތަގެ ހާލުބަލައިލަން ގުޅިދާނެތާ!" ދިފްލާ ބުންޏެވެ. "ކޮބާ މައްސަަލައަކީ؟ ބުނޭ ގޭގަ ހުންނަތާ ގިނަ ދުވަސްވީމަ ހާލުބަލައިލަން ގުޅާލީއޭ! މަންމަ ހަދާންވާ ވަރުން."
ނަޖްވާން އިރުކޮޅެއް ވަންދެން ވިސްނިއެވެ.
"ހަމަ ގުޅަންވީ؟" ނަޖްވާން އެހިއެވެ. "އަސްލު ހަނދާނެއް ނުވެސް ވޭ! އެމީހުންނަކަށް ވެސް އަހަރެން މިސްއެއް ނުވެއެއްނު!"
"އެކަމަކު ނަޖޫއަށް ދޮގެއްހެދިދާނެތާ!" ދިފްލާ ބުންޏެވެ.
ދެން ވެސް އިރުކޮޅަކު ވިސްނަންހުރުމަށް ފަހު ނަޖްވާން ބޭނުންވީ ގެއަށް ގޮސް، އެކަނި އިނދެގެން ނަޖްވާންގެ ފޯނުން ގުޅާށެވެ. ދިފްލާއަށް ވެސް އެންމެ ކަމުދިޔައީ އެ ގޮތެވެ. ދިފްލާ ވަރަށް ހިތްވަރުދިނެވެ. ދައްކަންވީ ވާހަކައަށްވުރެ ބޮޑަށް ނުދައްކަންވީ ވާހަކަތައް ހަނދާންކޮށްދިނެވެ. ރައްދުދޭން ދިފްލާއަށް ފެންނަ ހުރިހައި ގޮތްތައް ވެސް ކިޔައިދިނެވެ. ގެއަށް ދާންވެގެން ނަޖްވާން ނުކުމެ ހިނގައިގަތް ވަގުތަކީ، ކުރިމަތިން ފާއިޒާ އައި ވަގުތެވެ. އޭރު ނަޖްވާން ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ނަޖްވާން ފެނުމުން ފާއިޒާ ހެދީ ނުފެންނަކަމަށެވެ. މަގުގެ އަނެއް ފަރާތަށް ވެސް އެރިއެވެ. ނަޖްވާން ވެސް ހަމަ އެ ފަރާތަށް ހިނގުން ބަދަލުކޮށްލިއެވެ. އެއީ ނަޖްވާން ގެއަށް ފޮނުވައިލި ފަހުން ބައްދަލުވާ ފުރަތަމަ ފަހަރެވެ. ދެމައިން އަރައިހަމަވިއެވެ.
"މަންމާ!" ނަޖްވާން ގޮވައިލިއެވެ.
ނުނިމޭ