02 ޖުލައި 2024 - 18:08

ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމަށްޓަކައި ފެށި މަސައްކަތުގެ ދަށުން ގެއްލުމުގައި ހިންގާ ކުންފުނިތަކާ މެދު އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔަމީން ވިދާޅުވީ، ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލު ކުރާނެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެކުލަވައިލާފައިވާނެ ކަމަށެވެ. އޭގެ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކާ ހިއްސާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިތަކާ މެދު އަމަލު ކުރާނެ ގޮތްތައް ދެނެގަނެފައިވާ އިރު، މާޖު ކުރާނެ ކުންފުނިތަކާއި އުވައިލާނެ ކުންފުނިތައް ވެސް ކަނޑައަޅާފައިވާ ކަމަށް ޔަމީން ވިދާޅުވި އެވެ.
"ކޮން ކުންފުނިތަކެއްތޯ އުވައިލާނީ، ކޮން ކުންފުނިތަކެއްތޯ މާޖު ކުރާނީ. ލިސްޓެއް މިހާރު ވާނީ ބޯޑުން ތައްޔާރުކޮށް، އެންޑޯޒްކޮށް، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅިފައި،" އޭނާ ވިދާޅުވި އެވެ.
އުވައިލާނެ، އަދި އެއްކޮށްލާނެ ކުންފުނިތައް ކަނޑައަޅާފައިވީ ނަމަވެސް އެ ކުންފުނިތައް އަދި ހާމައެއް ނުކުރެ އެވެ.
ޔަމީން ވިދާޅުވީ، ކުންފުނިތައް ހިންގުމާ ގުޅޭ މުހިއްމު އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ޕީސީބީން ކުރަމުން އަންނަ ކަމަށެވެ. ވިދާޅުވީ، އެ އިދާރާ އިން މިވަގުތު އަންނަނީ ކުންފުނިތަކުގެ ޕާފޯމަންސް މޮނިޓަރިން ސިސްޓަމެއް ގާއިމް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ފައިދާ ނުވާ ކުންފުނިތަކާ މެދު ގޮތްތަކެއް ކަނޑައަޅާފައިވާ އިރު، މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، އެސްއޯއީތަކުގެ އެސެސްމެންޓް ނިންމައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ފަހު، ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
އެސްއޯއީތައް ހިންގުމަށް ސަރުކަރުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަން ޖެހިފައިވާ ކަމަށާއި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.