02 ޖުލައި 2024 - 14:31

އެއް މަސް ތެރޭ 40 މިލިއަން މަދުވެ، ޔޫޒަބަލް ރިޒާވުގައި ހުރި އަދަދު 73 މިލިއަން ޑޮލަރަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން އޭފްރީލް މަހުގައި ރިޒާވް ހުރީ 114 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ޔޫޒަބަލް ރިޒާވްގައި 148 މިލިއަން ޑޮލަރު ހުއްޓެވެ. މިއަހަރުގެ މެއި މަހުގެ ރިޒާވް ވަނީ 75 މިލިއަން ޑޮލަރު ދަށްވެފަ އެވެ. އެއީ 50 ޕަސެންޓުގެ ވެއްޓުމެކެވެ.
ޔޫޒަބަލް ރިޒާވުގައި މިވަގުތު ހުރީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގަ އެވެ. ޔޫޒަބަލް ރިޒާވު ބޮޑުތަނުން ދަށްވި އިރު މެއި މަހުގެ ޖުމްލަ ރިޒާވް ވެސް ވަނީ 21 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިވަގުތު ޖުމްލަ ރިޒާވު ހުރީ 492 މިލިއަން ޑޮލަރެވެ.
މިދިޔަ އެޕްރީލް މަހު ޖުމްލަ ރިޒާވް ހުރީ 622 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ އެއްވެސް މަހެއްގައި ރިޒާވް މިހާ ބޮޑަށް ދަށަކަށް ނުދެ އެވެ. މިދިޔަ އަހަރު އެންމެ ބޮޑަށް ގްރޮސް ރިޒާވް ދަށްވި، އޮކްޓޫބަރު މަހުގައި ރިޒާވްގައި 552 މިލިއަން ޑޮލަރު ހުއްޓެވެ.
ރިޒާވް އެހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ސަރުކާރުން ވެސް ހަރަދު ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނިކޮށެވެ.