ޒައިދުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެދި އާއިލާ އިން އެޗްއާރުސީއެމަށް
ޒައިދުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެދި އާއިލާ އިން އެޗްއާރުސީއެމަށް

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލްއަމީން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަމުން ދަނީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ކަމަށާއި ފުލުހުންގެ ބަންދުގައި ހުންނައިރު އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން އާއިލާ އިން އެޗްއާރުސީއެމްގައި މިއަދު އެދެފި އެވެ.

ރައީސް މައުމޫނަށް ތާއީދުކުރައްވާ ޒައިދު ހައްޔަރުކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ގޭބަންދުގައި އޭނާ ބެހެއްޓުމަށް ފަހު އިއްޔެ ވަނީ އަލުން ޖަލު ބަންދަށް ބަދަލުކޮށްފަ އެވެ.

ޒައިދުގެ އަނބިކަނބަލުން ޝިޔާމާ މުހައްމަދު އެޗްއާރުސީއެމަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ ޒައިދު ހައްޔަރުކުރީ އިތުރު ބަޔަކާ ގުޅިގެން ވީޑިއޯއެއް ބޭނުންކޮށްގެން އެކި މީހުން ބްލެއިކްމެއިލްކޮށް ސިޔާސީ މަންފާއެއް ހޯދަން ކަމަށް ތުހުމަތުގައި ނަމަވެސް މިހާތަނަށް "އިތުރު" އެއްވެސް ބަޔަކާ ފުލުހުން ސުވާލުކޮށްފައި ނުވާ ކަމަށެވެ. ޒައިދުގެ އެޕާޓްމެންޓް ފާސްކޮށް، ފޯނާއި ލެޕްޓޮޕް ގެންގޮސްގެން ވެސް ތުހުމަތުކުރާ މައްސަލައިގެ ހެއްކެއް އޭނާއާ ދެކޮޅަށް ފެނިފައި ނުވާ ކަމަށް ސިޓީގައި ޝިޔާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޒައިދާ ފުލުހުން މިހާރު ސުވާލުކުރަމުން ދަނީ ޕީޕީއެމްގެ އޮފީހުން ހާޑް ޑިސްކު ގެއްލުނު މައްސަލައިގަ އެވެ. އަދި ފުލުހުން އަމަލުކުރަމުންދާ ގޮތާ ގުޅޭ ގޮތުން ޒައިދު ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތަށް، ކުރީގެ ރައީސް މައުމޫން ހައްޔަރުކުރުމާ ގުޅޭ ބަޔާނެއްގައި ސޮއިކުރަން އެދެމުންދާ ކަމަށް ވެސް އެޗްއާރުސީއެމަށް ހުށަހެޅި ސިޓީގައިވެ އެވެ.

ޝިޔާމާ ވިދާޅުވީ ތުހުމަތުކޮށް ހައްޔަރުކުރި މައްސަލައާ ގުޅުން ނެތް ސިޔާސީ މައްސަލައެއްގައި ޒައިދުއާ ސުވާލުކުރުމަކީ ސިޔާސީ ބޭނުމަށް ކުރާ ކަމެއް ކަމަށެވެ. އޭނާ އަށް ތުހުމަތުކުރާ މައްސަލައިގެ ބަޔާންތައް ވެސް މިހާރު ނަގައި ނިމިފައިވާއިރު، މިހާރު ޒައިދު ބޭނުންކުރަމުން ދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ވެސް އެޗްއާރުސީއެމަށް ފޮނުވި ސިޓީގައި އާއިލާ އިން ބުނެފައިވެ އެވެ.

އެޗްއާރުސީއެމްގައި އާއިލާ އިން އެދުނީ ޒައިދު ނެރުއްވި ބަޔާނުގައި ތުހުމަތުކޮށްފައިވާ ކަންކަން ބަލައި އޭނާ އަށް ރައްކާތެރިކަން ހޯދައިދޭށެވެ.

ޒައިދުގެ ބަޔާނުގައި ފުލުހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ބަލަމުން އަންނަ ކަމަށް އެތަނުން މިއަދު ވަނީ ބުނެފަ އެވެ.