އެޗްޑީސީގެ ނަމުގައި ދައުރުވާ ސްކޭމް މެސެޖުތަކަށް ސަމާލުވާން އެދިއްޖެ
އެޗްޑީސީގެ ނަމުގައި ދައުރުވާ ސްކޭމް މެސެޖުތަކަށް ސަމާލުވާން އެދިއްޖެ

އެޗްޑީސީގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ރޭގެ ވަގުތެއްގައި ދައުރުވެފައި ވާތީ، ކުރިއަށް އޮތް ތަނުގައި ވެސް އެ ފަދަ މެސެޖުތަކަށް ސަމާލުވާން އެޗްޑީސީން އެދިއްޖެ އެވެ.

އެޗްޑީސީގެ ކަސްޓަމާ ޑޭޓާ ބޭސް ހެކް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ކަސްޓަމަރުންގެ މައުލޫމާތުތައް ކަމަށް ބުނާ ސްކްރީން ޝޮޓްތަކެއް އިއްޔެ ވަނީ ދައުރުވެފަ އެވެ. އަދި ބައެއް އާންމުންގެ ފޯނުތަކަށް އެޗްޑީސީގެ ނަމުގައި އޯޓީޕީ މެސެޖުތަކެއް ވެސް ވަނީ ލިބިފަ އެވެ.

އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ރޭ އެ ކޯޕަރޭޝަނުގެ ޕޭމަންޓު ރިސީޓްތަކަށް މައްސަލަ ދިމާވި ކަމަށާއި އެ ކަން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

އަދި އެ ކޯޕަރޭޝަނުގެ ކަސްޓަމަރުންނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޭޓާގެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީއަށް އެ ކޯޕަރޭޝަނުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށެވެ.

އަދި އެ ކޯޕަރޭޝަންގެ ނަމުގައި ލިބޭ ސްޕޭމް މެސެޖުތަކަށް ސަމާލުވުމަށާއި އޯޓީޕީ ފަދަ ސެކިއުރިޓި ކޯޑުތައް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.