02 ޖުލައި 2024 - 06:28

އިޒްރޭލުން ހައްޔަރުކުރި ފަލަސްތީނު މީހުން ދެ މަސް ދުވަސް ވަންދެން ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށާއި ކޮންމެ ދުވަހަކު ޕާންކޮޅަކަށްވުރެ އިތުރަށް ކާން ނުލިބޭ ކަމަށް ޖަލުން ދޫކޮށްލި، ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވެއްޖެ އެވެ.

އަބޫ ސަލްމިޔާ ހިމެނެނީ، ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިޒްރޭލުން ހައްޔަރުކުރި ފަލަސްތީނު މީހުންގެ ތެރެއިން މި ފަހުން ފަރުވާއަށް ދޫކޮށްލި މީހުންގެ ތެރޭގަ އެވެ.

އަބޫ ސަލްމިޔާ ވިދާޅުވީ އޭނާ އާއި އެހެން ގައިދީންނަށް އިޒްރޭލުން ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށެވެ.
"ތަހުގީގަށް ސުވާލުކުރުމުގެ ތެރޭގައި އަނިޔާކުރުމުގެ ސަބަބުން އެތައް ބަޔަކު މަރުވި. އެކަށީގެންވާ ބޭސްފަރުވާއެއް ކާނާއެއް ނުލިބޭ،" އަބޫ ސަލްމިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަނިޔާގެ ސަބަބުން އޭނާގެ ބޮޑުވާއިނގިލި ވެސް ވަނީ ބިނދިފަ އެވެ.
"ދެ މަސް ވަންދެން، ގައިދީންނަށް ދުވާލަކު ޕާންކޮޅަކަށް ވުރެ އިތުރަކަށް ނުދޭ،" އޭނާ ވިދާޅުވި އެވެ.
"ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކޮށް ލަދު ގަންނަވަން އެކި އަމަލުތައް ހިންގާ."
އަބޫ ސަލްމިޔާ ވިދާޅުވީ އޭނާ ހައްޔަރުކޮށްގެން ގެންގުޅުނަސް އެއްވެސް ތުހުމަތެއް އޭނާއަށް ކޮށްފައިވާ ނުވާ ކަމަށެވެ.
އިޒްރޭލުގެ ޖާސޫސީ އިދާރާ ޝިން ބެއިތުން ބުނީ ބައެއް ގައިދީން ދޫކޮށްލަން ނިންމީ "ޖަލުތަކުން ޖާގަ ހުސްކުރަން" ކަމަށެވެ.
އެ އިދާރާއިން ބުނީ އޮކްޓޫބަރު 7 ގެ ހަމަލާގައި ބައިވެރިވި މީހުން ދޫކުރަން އެ އިދާރާއިން ދެކޮޅުހަދާ ކަމަށާއި މިހާރު ދޫކޮށްލާފައިވަނީ "ނުރައްކާތެރިކަން ކުޑަ" މީހުން ކަމަށެވެ.
އެކަމަކު އިޒްރޭލުން އެތައް ފަހަރަކު ރެއިޑްކުރި ޝިފާ ހޮސްޕިޓަލުން ހައްޔަރުކުރި އަބޫ ސަލްމިޔާ އަކީ ޓެރަރިސްޓެއް ކަމަށް ސިފަކޮށް އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. -- އޭއެފްޕީ