ނީލަމްގެ މަތިން ގޯވިންދާ އަށް ހަނދާން ނައްތައެއްނުލެވޭނެ
ނީލަމްގެ މަތިން ގޯވިންދާ އަށް ހަނދާން ނައްތައެއްނުލެވޭނެ

ގޯވިންދާ އާއި ނީލަމް އަކީ 1980 ގެ އަހަރުތަކުގައި ހިންދީ ފިލްމީ ދުނިޔެއަށް އަލަށް ތައާރަފްވެ ވިދާލި ދެ އެކްޓަރުންނެވެ. އަދި އެ ދުވަސްވަރު ނީލަމް ދެކެ ގޯވިންދާ ވަރަށް ބޮޑަށް ލޯބި ވެސް ވިއެވެ. ނަމަވެސް ދިމާވި ކަންތައްތަކެއްގެ ސަބަބުން ނީލަމް އާ އޭނާ އަށް ކައިވެނި ކުރެވޭ ގޮތް ނުވީ އެވެ.

ނީލަމްގެ މަތިން ގޯވިންދާ އަށް ހަނދާން ނައްތައެއްނުލެވޭނެ
ނީލަމްގެ މަތިން ގޯވިންދާ އަށް ހަނދާން ނައްތައެއްނުލެވޭނެ

މިއީ، އެކަންތައްތަކުގެ ހަގީގަތްތަކެވެ. މި ވާހަކަތައް 1990 ވަނަ އަހަރު ސްޓާޑަސްޓް މަޖައްލާ އަށް ގޯވިންދާ ވަނީ ވަރަށް ތަފުސީލުކޮށް ކިޔައިދީފަ އެވެ.

ނީލަމްގެ މަތިން ގޯވިންދާ އަށް ހަނދާން ނައްތައެއްނުލެވޭނެ
ނީލަމްގެ މަތިން ގޯވިންދާ އަށް ހަނދާން ނައްތައެއްނުލެވޭނެ

ގޯވިންދާ ބުނެފައިވާ ގޮތުގައި ނީލަމް އަކީ ކޮންމެ ފިރިހެނަކު ވެސް އެ އަންހެނަކަށް ހިތް ދެވޭ ކަހަލަ ރީތި އަންހެނެކެވެ. އެގޮތުން އޭނާގެ ހިތް ވެސް ނީލަމް އަށް ހަދިޔާ ކުރެވުނީ އެވެ. އޭނާ ބުނި ގޮތުގައި ނީލަމް ދެކެ އޭނާއަށް ލޯބިވެވުނީ ފުރަތަމަ ނަޒަރަކުންނެވެ.

ނީލަމްގެ މަތިން ގޯވިންދާ އަށް ހަނދާން ނައްތައެއްނުލެވޭނެ
ނީލަމްގެ މަތިން ގޯވިންދާ އަށް ހަނދާން ނައްތައެއްނުލެވޭނެ

އޭނާއާއެކު "ލަވް 86" އާއި "އިލްޒާމް"ގައި މަސައްކަތް ކޮށްފައިވާ ބަތަލާއާ ހެދި އޭނާ ހުރީ މޮޔަވާ ދަރަޖައަށް ލޯބިވެވިފައި ކަމަށް ބުނަމުން ގޯވިންދާ ވަނީ އޭނާއާ ނީލަމް ބައްދަލުވީ ފުރަތަމަ ފަހަރު ކަންވީ ގޮތް ވެސް ކިޔައިދީފަ އެވެ.

"ނީލަމް އާ އަހަރެން ފުރަތަމަ ފަހަރަށް ބައްދަލުވީ ޕްރާންލާލް މެހެތާގެ އޮފީހުގައި. އޭނާ ލައިގެން ހުރީ ހުދުކުލައިގެ ސޯޓެއް. އޭނާގެ ދިގު އިސްތަށިގަނޑު އޮތީ ވިހުރުވި ވިހުރުވި. ހީވަނީ ހޫރު ޕަރީއެއް ހެން. އަހަރެން ފެނުމުން އޭނާ ވަރަށް އަދަބުވެރިކަމާއެކު 'ހަލޯ' އޭ ބުނެލި. އަހަރެންގެ އިނގިރޭސި ފެންވަރު ދަށްކަމުން ލަދުން ޖަވާބު ދޭން ވެސް ބިރުގަތް. މިހާރު ވެސް ހަމަ އެ ބިރު އޮވޭ. އަދި އަހަރެން ހިތަށް އެރި ފިލްމުގެ ސެޓުގައި އަހަރެން އޭނާއާ ވާހަކަ ދައްކާނީ ކިހިނެއް ބާވައޭ. އަހަންނަށް އޭނާއާއެކު މަސައްކަތްކުރަން ފުރުސަތު ލިބިދާނެ ކަމަކަށް އުންމީދެއް ވެސް ނުކުރަން. އޭނާއަކީ އަހަރެން ވަރަށް ދުރުން ބަލާފައިވާ ހުވަފެނެއް. އަހަންނަށް އޭނާގެ "ޖަވާނީ" ބެލުނު އަދަދެއް ވެސް ނޭނގޭ، ހަމައެކަނި އޭނާ ބަލާލާހިތުން،" ގޯވިންދާ ކިޔައިދީފައި ވެއެވެ.

ގޯވިންދާ އަށް ނީލަމް ހާސިލު ނުކުރެވެން ދިމާވި ސަބަބަކީ އޭނާގެ މިހާރު އަނބިމީހާ ސުނީތާ އެވެ.

ގޯވިންދާ ބުނި ގޮތުގައި ނީލަމް އާ ބައްދަލުވީއިރު ވެސް އޭނާ އުޅެނީ ސުނީތާ އާ ރައްޓެހި ވެގެންނެވެ. ނަމަވެސް ކޮންމެހެން ސީރިއަސް ގުޅުމަކުން ގުޅުމުގެ ނިޔަތެއްގައެއް ނޫނެވެ. ބޭރަށް ޖައްސާލާ އުޅޭއިރު އެކުގައި ގެންދާނެ އަންހެންކުއްޖެއް ހޯދުމުގެ ތެރޭގައި ސުނީތާ އާ ދިމާވެ އޭނާއާއެކު އުޅުނީ އެވެ.
ސުނީތާ އާ ރައްޓެހިވެވުނު ގޮތް ކިޔައިދެމުން ގޯވިންދާ ބުންޏެވެ.

"އަހަރެން އޭރު ބައެއް ފިލްމުތައް ކުޅެން ސޮއިކޮށްފިން. އެއް ދުވަހު އަނެއްގެ ބޭބެ ކީރްތީ އަހަރެން ކުޅެމުންދިޔަ ފިލްމެއްގެ ސެޓަކަށް ޒިޔާރަތްކުރި. އެ ދުވަހު އަހަރެންނަށް ޖެހިފައި އޮތީ ރޮމެންޓިކް މަންޒަރުތަކެއް ކުޅެން. ނަމަވެސް އަހަންނަށް އެއްގޮތަކަށް ވެސް ބަތަލާއާ ރޮމޭންސް ކުރެވޭ ގޮތެއް ނުވި. އަންހެންކުއްޖެއްގެ ގައިގައި ބައްދައި ރޮމެންޓިކް ވާހަކަތައް ދައްކަން އަހަރެން ވަރަށް ލަދުގަނެ އުނދަގޫ ކަމަކަށްވި. އަހަރެންގެ ބޭބެއަށް އެކަން ވިސްނިގެން ލަފާ ދިނީ ރޮމޭންސް ތަޖުރިބާ ކުރުމަށްޓަކައި ކުއްޖަކާ ރައްޓެހިވާން. އޭރުން އެންމެ ކުޑަ މިނުން އަންހެންކުއްޖަކު އަތުތެރޭގައި ބަހައްޓާނެ ގޮތް ދަސްވާނޭ ބޭބެ ބުނި. އެ ދުވަސްވަރު އަހަންނަށް ސުނީތާ އާ ބައްދަލުވީ. އަހަރެން އޭނާއާ ގުޅުނީ ބޭބެ ދިން ނަސޭހަތް ގަބޫލުކޮށް ރޮމޭންސްކުރަން ދަސްކުރަންވެގެން. ނަމަވެސް އެކަމަށް ވަރަށް ބޮޑު އަގެއް އަހަރެންނަށް އަދާކުރަން ޖެހުނު،" ނީލަމް އޭނާގެ އަތުން ބީވާން މެދުވެރިވި ސަބަބު ގޯވިންދާ ހާމަ ކުރަމުން ބުނެފައި ވެއެވެ.

ގޯވިންދާ ބުނި ގޮތުގައި މަރުވާ މަންޒަރު ކުޅޭކަށް އެމީހާ އަމިއްލައަށް މަރުވާކަށް ނުޖެހެ އެވެ. އެގޮތުން ލޯބީގެ މަންޒަރުތައް ކުޅޭކަށް ކޮންމެހެން މީހަކާ ރައްޓެހިވާކަށް ނުޖެހެ އެވެ. އެއީ އަމިއްލައަށް އެމީހާގެ ހިތުގައި އުފެދޭ ޖަޒުބާތަކާ ގުޅިގެން އަންނަ ކަންތައްތަކެވެ. ނަމަވެސް މި ހަގީގަތް އޭނާއަށް ވިސްނުނީ މާ ލަހުންނެވެ. އޭރު ވަގުތު ފާއިތުވެއްޖެ އެވެ. ސަބަބަކީ ސުނީތާ އާ އޭނާ އޭރު ވަނީ އެންގޭޖްވެފަ އެވެ. ގޯވިންދާ ބުނަނީ އޭނާއަކީ ވަރަށް ހިތް އަވަސް މީހެއް ކަމަށާއި ސުނީތާ އާ ކައިވެނިކުރަން އެހާ އަވަހަށް ނިންމިފައިވަނީ އެގޮތަށް ކަމަށެވެ.

ގޯވިންދާ ނީލަމް ދެކެ ލޯބިވާކަން ސުނީތާ އަށް ވެސް އެނގެ އެވެ. އެހެންވެ ގޯވިންދާ ކައިރީގައި އޭނާ އެއް ދުވަހަކު ނީލަމް އަށް ވަރަށް ހުތުރު ބަހުން ވާހަކަ ދެއްކި އެވެ. ގޯވިންދާ އައި ރުޅީގައި ވަގުތުން އެ މީހުންގެ ގުޅުން ކަނޑާލި އެވެ. މިއީ ނީލަމް އާ ހެދި ގޯވިންދާ މޮޔަވެފައިވާ މިންވަރު ހާމަވި ކަމެކެވެ.
ގޯވިންދާ ކިޔައިދީފައިވާ ގޮތުގައި ފިލްމީ މަސައްކަތުގައި އެ ދުވަސްވަރު އޭނާ އަށް އުޅެން ޖެހުނީ ވަރަށް ބިޒީކޮށެވެ. އެހެންވެ ސުނީތާ އަކަށް ވަގުތެއް ނުދެވެ އެވެ. އެކަމާ ސުނީތާ ހިތްހަމަނުޖެހި ރުޅި އަންނަން ފެށި އެވެ. ނަމަވެސް އެކަމަކާ އޭނާއަކަށް ކުރެވޭނެ ކަމެއް ނެތެވެ. އެދުވަސްވަރު ސުނީތާ ރުޅިއައިސްގެން އަބަދު އޭނާ އާ ޒުވާބުކޮށް ހަދާ ކަމަށާއި އެގޮތުން އެއް ދުވަހު ކުރި ޒުވާބެއްގައި ނީލަމް އާ ދިމާލަށް ކޮންމެވެސް ހުތުރު އެއްޗެކޭ ބުނުމުން އޭނާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓި ކަމަށް ގޯވިންދާ ބުންޏެވެ.

"އަހަރެން ވަގުތުން ބުނިން މިހިސާބުން މި ގުޅުން ނިމުނީއޭ. އަވަހަށް މިތަނުން ދާށޭ. އެންގޭޖްމަންޓް ވެސް އުވާލައިފީމޭ. ނަމަވެސް އޭގެ ފަސް ދުވަސް ފަހުން ސުނީތާ އަނެއްކާ ގުޅައިގެން ވަރަށް އާދޭސް ކުރީމަ އަހަރެން އަލުން އޭނާއާ ގުޅެން ނިންމީ. އެހެން ނޫންނަމަ އަހަންނަށް ނީލަމް އާ ކައިވެނި ކުރެވުނީސް،" ގޯވިންދާ ބުންޏެވެ.

ގޯވިންދާ ބުނި ގޮތުގައި ނީލަމް ދެކެ އޭނާ އިންތިހާއަށް ލޯބިވިކަން އެއީ ހަގީގަތެވެ. އަދި އޭގައި އެއްވެސް ގޯހެއް އޮތް ކަމަކަށް އޭނާ ނުދެކެ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ލޯތްބާއި ނަފްރަތަކީ އިންސާނާގެ އަމިއްލަ ކޮންޓްރޯލް އޮންނަ ދެ ޖަޒުބާތެއް ނޫން. އެގޮތުން އަހަންނަށް ވެސް ލޯބި ވެވުނީ. އަހަރެންގެ ޑިއުޓީ އާއި އެހެން މީހަކަށް އަހަރެން ވެފައިވާ ވައުދަކީ އަހަރެންގެ ކޮންޓްރޯލްގައި އޮތް އެއްޗެއް. އެ ކަން ފުރިހަމަކުރުމަކީ އަހަރެންގެ ޒިންމާއެއް. ނީލަމް އަކީ އަހަރެން ކައިވެނިކުރަން ބޭނުންވި އަހަރެން އެންމެ ލޯބިވި މީހާ. ނަމަވެސް އަހަރެން އޭނަ ދެކެ ކިތަންމެ ލޯބިވިޔަސް ސުނީތާ އަށް އަހަރެން ވެފައިވާ ވައުދަށް ވެސް އަހަރެން ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރަން،" ގޯވިންދާ ބުނެފައި ވެއެވެ.

ޕްރޮފެޝަނަލް ބޭނުންތަކަށް އޭނާ ނީލަމްގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފި ކަމަށް ވެސް ގޯވިންދާ އެއްބަސްވެފައި ވެއެވެ. އަދި އޭނާ އެކަމާ ހިތާމަ ވެސް ކުރެ އެވެ.

ސުނީތާ އާ ކައިވެނި ކުރި ސަބަބާ ބެހޭ ގޮތުން ގޯވިންދާ ބުނީ އެއީ އޭނާ މަންމަ ބޭނުންވެގެން ކުރި ކަމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ނީލަމް އަކީ ފިލްމީ ކެރިއަރަށް ފޯކަސްކޮށްގެން ހުރި މީހަކަށް ވާތީ ރީތި މުއްސަނދި ފިރިހެނަކު އޭނާ ބޭނުންވެ އެވެ. އަނެއްކޮޅުން އޭނާ އަކީ ނިކަމެތި ބީރައްޓެއްސެކެވެ. އެ ދެ މީހުންގެ މެދުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ނީލަމް އާއި އޭނާގެ ދަރަޖައިގެ ފަރަގު ގޯވިންދާ އަށް އިހްސާސް ވުމެވެ.

"ނީލަމް ކަހަލަ އަންހެންކުއްޖަކާ ބައްދަލުވީމަ ކޮންމެ ފިރިހެނަކުވެސް ކުޑަކޮށް ބެލެންސް ގެއްލޭނެ. އަހަރެންގެ ބެލެންސް މުޅިން ގެއްލުނީ. ހަދާނެ އެއްވެސް ގޮތެއް އަހަންނަކަށް ނޭނގުނު. އަހަރެން އޭނާ ބޭނުން. އޭނާ ދެކެ އިންތިހާއަށް ލޯބިވޭ. ކައވެނި ކުރަން ވެސް ބޭނުން. އެކަމަކު އެކަން ކުރެވޭކަށް ވެސް ނެތް. ނަމަވެސް އަހަރެންގެ އަތުން އޭނާ ބީވެގެން ދާކަށް ވެސް އަހަރެން ބޭނުމެއް ނޫން."

ގޯވިންދާ 1990 ގައި ދީފައިވާ މި އިންޓަވިއުގައި ބުނެފައިވަނީ އޭރުވެސް ނީލަމް އެހެން އެކްޓަރުންނާއެކު ފިލްމު ކުޅޭތަން ފެނުނީމަ އޭނާ ހަސަދަވެރިވާ ކަމަށެވެ. ނަމަވެސް ގޯވިންދާ ސުނީތާ އާ ކައިވެނި ކުރި ފަހުން އޭނާއާއެކު ފިލްމު ކުޅެން ނީލަމް ބޭނުމެއް ނުވި އެވެ.

"އަހަރެން ހިތަށް އަރާ ނީލަމް އަހަންނާއެކު ފިލްމު ކުޅެން ސޮއި ކުރާނެ ނަމައޭ. އެހެން ކަމެއް ނޫން ދެ މީހުންނަށް ރައްޓެހިންގެ ގޮތުގައި ތިބެވިދާނެއެއްނު،" ގޯވިންދާ ބުންޏެވެ.

ގޯވިންދާގެ އަމަލުތައް އެ ދުވަސްވަރު ހުރީ ވެސް ނީލަމް ހިތްހަމަޖެހޭނެ ގޮތަކަށް ނޫނެވެ. އެއީ ސުނީތާ އާ ކައިވެނިކުރީ އެންމެންނަށް ސިއްރުންނެވެ. އަދި އަހަރެއްހާ ދުވަސް ވަންދެން އެ ކައިވެނި ސިއްރުކޮށްގެން އޭނާ ހުއްޓެވެ.

"އަހަރެން ނީލަމް ކައިރީގައި ކައވެނިކުރި ވާހަކަ ނުބުނީ އަހަރެމެންގެ ދެ މީހުންގެ ކާމިޔާބު ސްކްރީން ޖޯޑު ނެތިގެން ދާނެތީ. ތެދުތެދަށް ބުނަންޏާ ބުނެވޭނީ އަހަރެން ޕްރޮފެޝަނަލް ބޭނުންތަކަށް ނީލަމް ބޭނުން ކޮށްފައޭ ވަނީ. އަހަރެންނަށް އޭނާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ހުތުރުކޮށް. އަހަރެން ކައިވެނިކުރާ ވާހަކަ އޭނާ ކައިރީ ބުނަން ޖެހޭނެ."

ގޯވިންދާ ބުނާ ގޮތުގައި ނީލަމް ދެކެ އޭނާ ވީ ސާފު ތޯހިރު ލޯތްބެކެވެ. ނީލަމް މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކިޔަސް އަދި ގޯވިންދާ ދެކެ ލޯބިވީކަން ނުވަތަ ނުވާ ކަން ވެސް ހާމަ ނުކުރިޔަސް ގޯވިންދާ އެ ވާހަކަތައް ހާމަކުރަން ބޭނުންވެ އެވެ. އަދި ދުނިޔޭގައި މުޅި އުމުރަށް ވެސް އޭނާ އުފަލުގައި އުޅޭތަން ދެކެން ގޯވިންދާ ބޭނުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ނީލަމް އާ ކައިވެނި ކުރެވޭތީ ވަރަށް ނަސީބުގަދަ މީހަކަށެވެ.

ސުނީތާ އާ ކައިވެނިކޮށް ދަރިއަކު ލިބިފައިވިޔަސް ގޯވިންދާ އަދިވެސް ނީލަމް އާ ކައިވެނި ކުރެވިދާނެ ކަމުގެ އުންމީދުތައް ކުރެ އެވެ. އޭނާ ބުނަނީ އޭނާއަށް ދެ ކައިވެނި ކުރެވޭނެ ކަމަށް ފާލު ބަލާ މީހުން ބުނެފައިވާ ކަމަށެވެ. އަދި އޭނާ އެންމެ ލޯބިވާ މީހާ އާ ކޮންމެވެސް ދުވަހަކުން ކައިވެނި ކުރެވިދާނެކަމަށް އޭނާ އުންމީދު ކުރެ އެވެ. އެ ދުވަހަކަށް ސުނީތާ ހުންނަން ޖެހޭނީ ތައްޔާރުވެގެން ކަމަށް ގޯވިންދާ ބުންޏެވެ. ސަބަބަކީ ތަގްދީރުގައި ވާން އޮތް ކަމެއް އެއްވެސް މީހަކަށް ނުހިފެހެއްޓޭނެތީ އެވެ.

ނަމަވެސް ގޯވިންދާ އަކަށް ނީލަމް ލިބޭ ގޮތެއް ނުވި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ނީލަމް ކައިވެނިކުރީ އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިއެއް ކަމަށްވާ ރިޝީ ސޭތިއާ އާއެވެ. ނަމަވެސް މި ކައިވެނި މާ ގިނަ ދުވަހަކު ދެމިއޮތް ނޯތެވެ. ނީލަމް ވަނީ ފަހުން ފިލްމު ކުޅުމާ ދުރަށް ގޮސް ޖުވެލަރީ ޑިޒައިންކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި 2001 ވަނަ އަހަރު އޭނާ ވަނީ ޓީވީ އެކްޓަރު ސަމީރް ސޯނީ އާ ކައިވެނި ކޮށް ކުޑަކުޑަ އަންހެންކުއްޖެއް އެޑޮޕްޓްކޮށްފަ އެވެ.