އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ޗައިނާގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިއަކު ކޯޓުމަތީގައި މަރުވެއްޖެ
އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ޗައިނާގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިއަކު ކޯޓުމަތީގައި މަރުވެއްޖެ

ޔޯގްޔަކާޓާ (ޖުލައި 1) - އިންޑޮނީޝިއާގެ ޔޮގްޔަކާޓާ ޕްރޮވިންސްގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޖޫނިއާ ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގައި ކާޑިއެކް އެރެސްޓެއް ޖެހި ކޯޓު މައްޗަށް ވެއްޓުނު އުމުރުން 17 އަހަރުގެ ޗައިނާ ކުޅުންތެރިއަކު މަރުވެއްޖެ ކަމަށް އިންޑޮނީޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފި އެވެ.

ޗައިނާގެ ޒާންގް ޒިޖީ މަރުވީ ބެޑްމިންޓަން އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕްގައި އިއްޔެ ޖަޕާނުގެ ކަޒޫމާ ކަވާނޯއާ ދެކޮޅަށް ކުޅެނިކޮށެވެ.

ޒާންގް އަށް ކޯޓުތެރޭ ފަރުވާ ދިނުމަށް ފަހު އެމްބިއުލާންސްގައި ކައިރި ހޮސްޕިޓަލަކަށް ގެންދިޔަ ކަމަށް މުބާރާތުގެ އޮފިޝަލުން ބުންޏެވެ. އަދި ފަހުން ޔޮގްޔަކާޓާގެ ސަރުކާރުގެ މައި ހޮސްޕިޓަލެއް ކަމަށްވާ ޑރ. ސާދުޖީތީ ޖެނެރަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ.

"ތަހުލީލާއި ފަރުވާ ނިންމުމުން ދެ ހޮސްޕިޓަލުން ވެސް ލިބުނީ އެއް ނަތީޖާއެއް، އެއީ ކުއްލިއަކަށް ދިމާވި ކާޑިއެކް އެރެސްޓެއް،" ބެޑްމިންޓަން އެސޯސިއޭޝަން އޮފް އިންޑޮނީޝިއާގެ ތަރުޖަމާނު ބްރޯޓޯ ހެޕީ ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

ޔޮގްޔާކާޓާގައި ކުރިއަށްދާ މުބާރާތުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މިއަދު ކުރިއަށްދިޔަ ކުއާޓާ ފައިނަލުގެ ކުރިން މިކަމުގެ ހިތާމާގައި އެއް މިނިޓުގެ ސުކޫތެއް ގެނެސްފަ އެވެ.

ޗައިނާގެ ބެޑްމިންޓަން އެސޯސިއޭޝަނުން ޒާންގްގެ އާއިލާއަށް ތައުޒިޔާ ކިޔާފައި ވާއިރު، އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަނުން ބުނީ، ވަކިވެ އެ ދިޔައީ ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިއެއް ކަމަށެވެ.