25 ފެބުރުއަރީ 2017 - 15:26

އިއްޔެ ރިލީޒްކުރި "ރަންގޫން"ގައި މުހިންމު ރޯލުތައް ކުޅޭ ޝާހިދު ކަޕޫރާއި ކަންގަނާ ރަނާވަތު ފިލްމުގެ ސެޓުގައި ވެސް ގުޅިގެން މަސައްކަތް ނުކުރާ ކަމަށާއި ދެ މީހުންގެ މެދުގައި އޮންނަ ރުޅިވެރިކަމުގެ ސަބަބުން ފިލްމު ކުރިއަށް ގެންދަން ވެސް އުނދަގޫވި ކަމަށް ނޫސްތަކުން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ކަންގަނާ ބައިވެރިވި ޓީވީ ޝޯއެއްގައި ވަރަށް ހުތުރުކޮށް ޝާހިދަށް މަލާމާތް ވެސް ކުރި އެވެ. އެކަމަކު ފަހުން އަޑު އެރީ ޝާހިދުގެ އަންހެނުން މީރާއަށް ކަންގަނާ ފޮނުވި ސިޓީއެއްގެ ވާހަކަ އެވެ.
ޝާހިދަށް ނިސްބަތްކޮށް ކަންގަނާ ކޮންމެ ވާހަކައެއް ދެއްކިޔަސް ޝާހިދު ޖަވާބު ދީފައި ވަނީ ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާ ބުނި ގޮތުގައި ކަންގަނާ ދައްކަނީ ޚިޔާލީ ވާހަކަތަކެކެވެ. އެއީ ހިތުގައި އެއްޗެއް އޮވެގެން ދައްކާ ވާހަކަތަކެއް ނޫނެވެ.
މި ދެ މީހުންގެ މެދުގައި ޖެހިފައިވަނީ ކޮން މައްސަލަތަކެއް ކަމެއް ނޭނގޭތީ މިކަމާ ބެހޭ ގޮތުން އެކި ގޮތްގޮތަށް އަޑު ފެތުރިފައިވެ އެވެ. މި ވާހަކަތަކުގެ ތެރޭގައި ކަންގަނާ މީރާއަށް ފޮނުވި ސިޓީއަކީ ޝާހިދުގެ ޝަކުވާތަކެއް ކަމަށް އެއްބަޔަކު ބުނެ އެވެ. އަނެއް ބަޔަކަށް މިކަން ވީ ޖޯކަކަށެވެ.
ނަމަވެސް މީހުން ހީކުރި ގޮތާ ޚިލާފަށް މި ސިޓީ އަކީ ޝާހިދުގެ އުފަން ދުވަހުގެ ޕާޓީއަށް ދައުވަތު ދީފައި ވިޔަސް އެ ޕާޓީއަށް ދެވެން ނެތުމުން މާފަށް އެދިފައި ކަންގަނާ ފޮނުވި ސިޓ އެކެވެ. ޝާހިދުގެ ޕާޓީ އޮތް ދުވަހު ކަންގަނާ އުޅުނީ "ރަންގޫން" ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓެއްގައި ބައިވެރިވުމަށް ދިއްލީގަ އެވެ.
ކަންގަނާގެ ސިޓީގައި، އޭނާ އަށް ދައުވަތު ދިނީތީ ޝުކުރު އަދާ ކޮށްފައިވެ އެވެ.
އޭގެ ފަހުން ޝާހިދާއި ކަންގަނާގެ ރުޅިވެރިކަން ތަންކޮޅެއް މައިތިރިވެ ދެ މީހުންނަށް ވާހަކަ ދައްކާ އުޅެ އެވެ. ކަންގަނާ ފަހުން ބުނެފައިވަނީ ޝާހިދު އާއި ސައިފް އަކީ ވަރަށް ޚާއްސަ މީހުން ކަމަށެވެ.
ޝާހިދު ވެސް ވަނީ ސައިފް އާއި ކަންގަނާއާ އެކު މަސައްކަތްކުރުމަކީ ލިބޭ އުފަލެއް ކަމަށް ބުނެފަ އެވެ. އަދި މޮޅެތި އެކްޓަރުންނާއެކު މަސައްކަތްކުރުމަކީ މޮޅު ފިލްމުތައް އުފެއްދޭނެ ކަމަކަށް ވާތީ އޭނާ އެފަދަ ފިލްމުތައް ކުޅެން ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.