01 ޖުލައި 2024 - 05:55

އެމެރިކާގެ ނިއު ޔޯކްގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން މަރުވެފައިވާ ކަމަށާއި އެކަން ހިނގީ ކުއްޖާ ހައްޔަރުކުރަން އުޅުނު ވަގުތު އަތުގައި އޮތް ފޭކް ބަޑިއެއް ފެނުމުން އެއީ އަސްލު ބަޑިއެއް ކަމަށް ހީކޮށް ހަމަލާ ދެވުމުން ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާ ހިނގީ ފޭރުމުގެ މައްސަލައެއްގައި ތުހުމަތުވާ ދެ ކުއްޖަކާ ވައްތަރު ސިފަތަކެއް ހުރި 13 އަހަރުގެ ދެ ކުއްޖަކާ ސުވާލުކޮށް ހިފަހައްޓަން އުޅުމުގެ ތެރޭގަ އެވެ. އެތަނުން އެއް ކުއްޖަކު ދުވެ ފިލަން އުޅުމުން އެއް އޮފިސަރަކު ފަހަތުން ދުވެ ކުއްޖާ ހިފަހައްޓަން އުޅުނު ވަގުތު ފިސްތޯލައެއް ފާޑު އެއްޗެއް ނެގިތަން ފެނުނު ކަމަށާއި އެ ވަގުތު ކުއްޖާ ބިންމައްޗަށް ވައްޓާލައި ހިފަހައްޓަން އުޅެނިކޮށް އެހެން އޮފިސަރަކު އެއް ވަޒަން ފޮނުވާލުމާ އެކު އަމާޒުވީ ކުއްޖާގެ މެޔަށް ކަމަށް ފުލުހުން ބުންޏެވެ.
ކުއްޖާއަށް ވަގުތުން ފަސްޓް އެއިޑް ދީ ފަރުވާ ފެށި ނަމަވެސް ފުރާނަ ސަލާމަތްކުރެވޭ ގޮތް ނުވީ އެވެ.
ފުލުހުން ފަހުން ވަނީ މި ހާދިސާގައި ހިނގި ތަނުގައި އުޅުނު ހުރިހާ ފުލުހުންގެ ބޮޑީކެމް ފުޓޭޖް އާންމުކޮށްފަ އެވެ.
ފުޓޭޖުން ފެންނަ ގޮތުގައި ކުއްޖާ ދުވަމުން، ބަޑިއެއް ފާޑު އެއްޗެއް ނަގައި އޮފިސަރާ ދިމާލަށް އަމާޒުކުރެ އެވެ. އެ ވަގުތު އޮފިސަރުން އެކަކު އަނެކަކަށް އެކަން އެންގުމުގެ ގޮތުން "ގަން" އޭ ގޮވާ އަޑު ވެސް އިވެ އެވެ.
ފުލުހުން ބުނީ ބަޑިޖެހީ ކުއްޖާ ގެންގުޅުނީ އަސްލު ބަޑިއެއް ކަމަށް ހީކޮށްފައި ކަމަށާއި އެކަމަކު ފަހުން ބެލި އިރު އެއީ ޕެލެޓް ކަހަލަ އެއްޗެހި ޖެހޭ ކުޅޭ ބަޑިއެއް ކަމަށެވެ.