01 ޖުލައި 2024 - 05:54

ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދުގައި ހުންނަ ޖަލެއްގައި ގައިދީންގެ ބަޔަކު ހަތިޔާރު ބޭނުންކޮށް ގާޑަކު ރަހީނުކުރުމަށް ފަހު ފިލައިގެން ގޮސްފައިވާ ކަމަށާއި ބަދަލުކުރި ހަމަލާތަކުގައި އެއް ގައިދީއަކު މަރުވެފައިވާ ކަމަށް އޮފިޝަލުން އިއްޔެ ބުނެފި އެވެ.
އޭއެފްޕީއާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ 20 މީހަކު ޖަލުން ނުކުތް ކަމަށާއި އޭގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުވާ މީހުން ވެސް ހިމެނޭ ކަމަށެވެ.
"ގައިދީން ވަނީ ފިސްތޯލައެއް ބޭނުންކޮށް، ޖަލުގެ ގާޑަކު ރަހީނުކޮށްފައި،" ސަރަހައްދީ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
"އެއީ ޖަލު އޮފިސަރުން އަތުން ގައިދީން އަތުލައިގަތް ހަތިޔާރެއް ކަމެއް ނުވަތަ ބޭރުން ޖަލަށް ވައްދައިގެން އުޅުނު އެއްޗެއް ކަމެއް އަދި ސާފެއްނުވޭ،" އޭނާ ވިދާޅުވި އެވެ.
މި ހާދިސާ ހިނގީ ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދުގެ ވެރިރަށް މުޒައްފަރާބާދުގެ ދެކުނުން ގާތްގަނޑަކަށް 110 ކިލޯމީޓަރު (68 މޭލު) ދުރުގައި އޮންނަ ރަވާލަކޯޓް ސިޓީގެ ޕޫންޗް ޑިސްޓްރިކްޓް ޖަލުގަ އެވެ.
"ޖަލުން 20 މީހަކު ނުކުތް. އޭގެ ތެރެއިން އެކަކު ވަނީ ބަދަލުކުރި ހަމަލާތަކުގެ ތެރޭގައި މަރުވެފައި. އަނެއް 19 މީހުން ވީތަނެއް ނޭނގެ،" ކަޝްމީރުގެ ޖަލުތަކުގެ އިންސްޕެކްޓަ ޖެނެރަލް ވަހީދު އަލީ ޖީލާނީ އޭއެފްޕީ އަށް ވިދާޅުވި އެވެ.
ސަރަހައްދީ ފުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ރާވަލަކޮޓަށް ވަންނަ އަދި ނުކުންނަ މަގުތައް ފުލުހުން ބަންދުކޮށްފައިވާ ކަމަށާއި، ފިލައިގެން ދިޔަ މީހުން ހޯދުމުގެ އޮޕަރޭޝަނެއް މިހާރު ކުރިއަށްދާ ކަމަށެވެ.
ޕާކިސްތާނުގެ ޖަލުތަކަކީ ތޮއްޖެހުމާއި ކޮރަޕްޝަންގެ މައްސަލަތަކާއި އިންސާނީ ހައްގުތަކާ ޚިލާފުވުމުގެ މައްސަލަ ބޮޑު ކަމަށް ތުހުމަތުވާ ޖަލުތަކެކެވެ. މީގެ އިތުރުން ޝަރުއީ މަރުހަލާތައް ލަސްވާތީ ގައިދީން ގިނަ ދުވަހު ޖަލުތަކުގައި ތިބެން ޖެހެ އެވެ.
މީގެ ކުރިން ވެސް ހަނގުރާމަވެރި ޖަމާއަތްތަކުން ޕާކިސްތާނުގައި ގިނަ އަދަދެއްގެ ޖަލުތައް، އިންތިޒާމްވެގެން ފަޅާލާފައިވެ އެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރު ހުޅަނގު އުތުރުގެ ޓައުން ބަންނޫގައި 400 ގައިދީން ބައިވެރިވެގެން ޖަލެއް ފަޅާލި އެވެ. -- އޭއެފްޕީ