30 ޖޫން 2024 - 12:03

ގޭންގު ކުށްތައް ހުއްޓުވަން ހާއްސަ ޑިޕާޓްމަންޓެއް ހަދައި، ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެނެސްފި އެވެ.
ފޮލިސް ވެބްސައިޓުގައި މިއަދު ބުނީ، ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރަން ހަދާފައިވާ އުސޫލަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.
އެ ބަދަލުތަކުގެ ތެރޭގައި ގޭންގް ކްރައިމް އެންފޯސްމަންޓްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ހެދުން ހިމެނެ އެވެ. ގޭންގު ކުށްތަކާ ބެހޭ މައްސަލަ މިހާރު ބަލަނީ އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.
ވެބްސައިޓުގައި ބުނި ގޮތުގައި އާ އޮނިގަނޑު ހަދާފައިވަނީ ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭ ގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ގޭންގު ކުށްތައް ބަލަން ވަކި ކޮމާންޑަކާއި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އެންޑް ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ގާއިމްކުރުން ހިމެނެ އެވެ.
ހުޅުމާލޭގައި ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ގާއިމްކޮށްފައިވާ ކަމަށް ވެބްސައިޓުގައިވެ އެވެ. ހުޅުމާލޭގައި މިހާރު ވެސް ފޭސް 1 އަދި ފޭސް 2 ގައި ޕޮލިސް ސްޓޭޝަން ހަދާފައިވެ އެވެ. އެ ދެ ތަން ވެސް ދެން ހިންގާނީ، ހުޅުމާލެ ޕޮލިސް ކޮމާންޑުގެ ދަށުންނެވެ.
ފުލުހުން ބުނީ އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާ އެކު ގޭންގް ކުށްތައް މަދުކުރަން ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިއްމު މަގުސަދެއް ކަމަށެވެ.
ތައުލީމާއި ތަމްރީނަށް ބަލައި ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ އައްޔަންކޮށްފަ އެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ހިދުމަތުގެ ނިޒާމެއް ކަނޑައެޅުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.