"ހަބޭސް" ސިންގަޕޫރުގައި، މެލޭޝިއާގައި ވެސް ޝޯއެއް ދޭނެ
"ހަބޭސް" ސިންގަޕޫރުގައި، މެލޭޝިއާގައި ވެސް ޝޯއެއް ދޭނެ

ދިވެހި މިއުޒިކީ ފަންނާނުންގެ ހުނަރު ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ދައްކާލުމަށް ކުރިއަށް ގެންދާ "ސައުންޑްސް އޮފް މޯލްޑިވްސް" މި އަހަރުގެ ފެސްޓިވަލަށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސް ސިންގަޕޫރަށް ހިނގައްޖެ އެވެ.

މާދަމާއި ފެށިގެން ހޯމަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ފެސްޓިވަލްގައި ހަބޭސް ބޮޑުބެރު ބޭންޑާ އެކު ގްރެވިޓީ ބައި ހަބޭސް ވެސް ބައިވެރި ވާނެ އެވެ. އެ މީހުން ސިންގަޕޫރަށް ފުރީ ބުދަ ދުވަހުގެ ރެ އެވެ.

މިދިޔަ އަހަރު މިސްރުގެ މިއުޒިކް ފެސްޓިލެއްގައި ވެސް ބައިވެރިވި ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ ސިންގަޕޫރުގައި ޕަފޯމް ކުރުމަށް ފަހު، މެލޭޝިއާގައި ވެސް ޝޯއެއް ދޭން ނިންމާފައިވާ ކަމަށެވެ.

"މެލޭގައި އުޅޭ ދިވެހިންގެ ރިކްއެސްޓަކަށް އެކޮޅުގައި ޝޯއެއް ދޭން ނިންމީ،" އޭނާ ބުންޏެވެ.

ސިންގަޕޫރުގައި ބާއްވާ "ސައުންޑްސް އޮފް މޯލްޑިވްސް" މިއުޒިކް ފެސްޓިވަލްގައި މި ފަހަރު ހަބޭސް ބޮޑުބެރު ބޭންޑާއި ގްރެވިޓީގެ އިތުރުން ޑީޖޭ އައްޔަ އަދި ރިޝްވާން އިމޮން (ރިއްޓެ) ގެ ހުނަރުތައް ވެސް ދައްކައިލާނެ އެވެ.

މި މިއުޒިކް ފެސްޓިވަލް ކުރިއަށް ދާނީ ސިންގަޕޫރުގެ ސަންޓެކް ސިޓީގައި، ޑައިވިން ރިސޯޓް ޓްރެވަލް އެކްސްޕޯ 2017 ނުވަތަ ޑީއާރްޓީ އެކްސްޕޯ 2017 ގެ ބައެއްގެ ގޮތުގަ އެވެ.

ހައި ރައިޒުން އިންތިޒާމްކޮށްގެން ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސް މިއުޒިކް ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިވެންޓެކެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބެންކްކޮގައި ބާއްވަން ނިންމި ފެސްޓިވަލް ފަހުން ވަނީ ކެންސަލްކޮށް، މި އަހަރު ސިންގަޕޫރުގައި ބާއްވަން ނިމްމައިފަ އެވެ.

މީގެ ކުރިން "ސައުންޑްސް އޮފް މޯލްޑިވްސް" ގެ ޝޯތައް ބާއްވައިފައި ވަނީ ކުޑަ ބަނޑޮސް ރިސޯޓާއި މާލެ އާއި ސްރީލަންކާ ކޮލޮމްބޯގެ އިތުރުން މެލޭޝިއާގެ ކުއަލާލަމްޕޫރާއި އިންޑިއާގެ ބެންގަލޫރު އަދި ދުބާއީގަ އެވެ.