ކްރިކެޓް ދަނޑުގައި ފެންވަރު ރަނގަޅު ޕިޗެއް އަޅަނީ
ކްރިކެޓް ދަނޑުގައި ފެންވަރު ރަނގަޅު ޕިޗެއް އަޅަނީ

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި އެންމެ ފެންވަރު މަތީ ޕިޗެއް އެޅުމުގެ މަސައްކަތް ކްރިކެޓް ބޯޑުން ފަށައިފި އެވެ.

ކްރިކެޓް ދަނޑުގައި ފެންވަރު ރަނގަޅު ޕިޗެއް އަޅަނީ
ކްރިކެޓް ދަނޑުގައި ފެންވަރު ރަނގަޅު ޕިޗެއް އަޅަނީ

އޭޝިއަން ކްރިކެޓް ކައުންސިލުގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު ތިން ހަފުތާގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ކްރިކެޓް ބޯޑުގެ ރައީސް އަފްލާހް މުހައްމަދު އަފްލާހް (އަފޫ) ވަނީ ވިދާޅުވެފަ އެވެ.

"މިއީ ރާއްޖޭ ފަދަ ހޫނު ގައުމުތަކަށް ހާއްސަ ޕިޗެއް. ޔޫކޭ އިން ގެންނަ މި ޕިޗަކީ ރާއްޖޭގެ މޫސުމީ ކޮންޑިޝަނުގައި ވެެސް މެކްސިމަމް ބޭނުންކުރެވޭނެ ފަދަ ޕިޗެއް. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ވެސް އަންނަނީ މިފަދަ ޕިޗްތައް ބޭނުންކުރަމުން،" ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވިދާޅުވި އެވެ. "މި ޕިޗުގެ ސަބަބުން ކުޅުންތެރިންނަށް އިތުބާރާ އެކު ހަމަޖެހިލައިގެން ކުޅެލެވޭނެ."

ކްރިކެޓް ދަނޑުގައި މެދުގައި، ދެ ވިކެޓް ދެމެދުގައި އަޅާފައި އޮންނަ ވިއްސަކަށް މީޓަރު ދިގު އަދި ތިން މީޓަރު ފުޅާ ޕިޗަކީ ކްރިކެޓުގެ އެންމެ މުހިއްމު އެއް ކޮމްޕޯނެންޓެވެ. ކްރިކެޓް މެޗެއްގެ ސެންޓްރަލް އޭރިއާ ނުވަތަ އެންމެ ބިޒީ ދިމާލަކީ ޕިޗެވެ. އުކުންތެރިޔާ އާއި ބެޓްސްމަނުން ތިބޭ މިތަނުގައި އަޅާފައި އޮންނަ ޕިޗުގެ ފެންވަރު ރަނގަޅުވުމަކީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

"ކުރީގެ ޕިޗާއި އަލަށް އަޅާ ޕިޗުން ކުޅުންތެރިންނަށް ސަތޭކަ ޕަސެންޓް ތަފާތު ފެންނާނެ. ކުޅުންތެރިޔާގެ ހަގީގީ މޫވްމަންޓްތައް ފެނިގެންދާނެ. މިއީ ކްރިކެޓް ދަނޑުގެ ފެންވަރު ރަނގަޅުކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މުހިއްމު ބަޔެއް. ކުރިއަށް އޮތްތަނުގައި އިތުރު ޑިވެލޮޕްމަންޓް އަންނާނެ،" އަފޫ ވިދާޅުވި އެވެ.

މިހާރު އަޅާފައި އޮތް ޕިޗަށް ތިން އަހަރުވެފައިވާއިރު އެކި ދިމަދިމާލުން ވަނީ ހަލާކުވެފަ އެވެ. އަފޫ ވިދާޅުވީ އަލަށް އަޅާ ސިންތެޓިކް ޕިޗް 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް އެއްވެސް މައްސަލައެއް ދިމާނުވެ ބޭނުންކުރެވޭނެ ކަމަށެވެ.