އުރީދޫން އެފްއައިއައިއާ ގުޅިގެން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަނީ
އުރީދޫން އެފްއައިއައިއާ ގުޅިގެން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަނީ

އުރީދޫ މޯލްޑިވްސް އާއި ފްރީޑައިވިން އިންސްޓްރަކްޓާސް އިންޓަނޭޝަނަލް (އެފްއައިއައި) ގުޅިގެން ފްރީ ޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަން ނިންމައިފި އެވެ.

"ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން" ގެ ނަމުގައި އަންނަ ބުދަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ސެޝަން އޮންނާނީ ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑް އޮފީހުގަ އެވެ.

އުރީދޫން ބުނި ގޮތުގައި މި ސެޝަންގެ ބޭނުމަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމެވެ. އަދި އެއީ، ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓް ކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ސޭފްޓީ ސެޝަން ނަގައިދޭން ހަމަޖެހިފައި ވަނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުން ކަމަށްވާ މާޓިން ސްޓެޕަނެކް އާއި އެރޯލް ޕުޓިނަމް އެވެ.

މާޓިން ސްޓެޕަނެކް އަކީ 13ފަހަރު ވޯލްޑް ރެކޯޑް ހަދާފައިވާ ފްރީޑައިވަރެކެވެ. އަދި އޭނާއަކީ މި ކުޅިވަރުގެ ތާރީހުގައި އުފެދުނު މޮޅު ފްރީޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ ވަނީ އެއް ނޭވާގައި 400 ފޫޓަށްވުރެ އަޑިއަށް ފީނައިފަ އެވެ.

މާޓިން އަކީ ފްރީޑައިވިންގެ ފަހަތުގައިވާ ފިޒިއޮލޮޖީއަށް ޝައުގުވެރިވާ އަދި ހާވާޑް ޔުނިވާސިޓީ އާއި ސްވިޑެންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިންނާ ގުޅިގެން މި ކުޅިވަރުގެ ފަހަތުގައިވާ ބައެއް ފިޒިއޮލޮޖިކަލް ސިއްރުތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ. މިހާރު ކުރިއަށްދާ ދިރާސާގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން ސައިންސްވެރިންނަށް ފްރީޑައިވަރުންނަށް ކަނޑުގެ އަޑީގެ ޕްރެޝާގައި ދިމާވާ ކަންކަން ރަނގަޅަށް ދެނެގަނެވޭނެ އެވެ.

އެރޯލް ޕުޓިނަމް އަކީ ކެނެޑާގެ ޓޮރޮންޓޯގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފްރީޑައިވިން އިންސްޓްރަކްޓަރެކެވެ. އޭނާ ކުޑައިރުއްސުރެ ފްރީޑައިވް ކުރެ އެވެ. އެފްއައިއައިގައި މާޓިން ސްޓެޕަނެކްއާ އެކު ވަރަށް ގާތުން މަސައްކަތް ކުރާ އަދި ސްޓެޕަނެކާއެކު އެފްއައިއައިގެ ޖޫނިއާ ފްރީޑައިވާ ޕްރޮގްރާމް ފަދަ ކަރިކިއުލަމް ޑިވެލޮޕް ކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ފްރީޑައިވިން އިންސްޓްރަކްޓަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

އޭނާ ކިޔަވައިދެނީ އެމެރިކާ، ބަހާމާސް، ޕުއެޓޯ ރިކޯ، ސްޕެއިން އަދި ގަތަރުގެ އެކި ކަންކޮޅުތަކުގައި ރިކްރިއޭޝަނަލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ސެޓްފިކޭޝަން ކޯސްތަކެވެ.

"ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން" ސެޝަނަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.