ފާސް ނަތީޖާއާ އެކު ޔަމާލް ސްކޫލް ނިންމާލައިފި!
ފާސް ނަތީޖާއާ އެކު ޔަމާލް ސްކޫލް ނިންމާލައިފި!

ފްރެއިބާގް (ޖޫން 29) - ޔޫރޯ މުބާރާތުގެ އެންމެ ޒުވާން ތަރި، ސްޕެއިންގެ ލަމީން ޔަމާލް 16، ގެ ސާނަވީ ތައުލީމުގެ އިމްތިހާނުތަކުން ފާސްވެފައިވާ ކަމަށް ސްޕެއިންގެ މީޑިއާ އިން ބުނެފި އެވެ.

އެ ގައުމުގެ ނޫހެއް ކަމަށްވާ ކަޑެނާ ކޫޕޭ އިން ބުނިގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ގައުމީ ޓީމުގެ ތަމްރީނުތަކަށް ފަހު، ޔަމާލް އަށް ނަތީޖާ ލިބުމާ އެކު، އެންމެ ފުރަތަމަ ވެސް އުފާވެރި ޚަބަރު ދޭން ގުޅީ އޭނާގެ މަންމައަށެވެ.

"ތަމްރީނުތައް ނިންމާފައި އައިސް އަހަރެންނަށް [ނަތީޖާ] ފެނުނީ އޮންލައިންކޮށް. ވަގުތުން އެޕްލިކޭޝަން ކްލޯޒް ކޮށްފައި މަންމަ އަށް ގުޅާފައި އެ ޚަބަރު ދިނީ،" ކަޑެނާ ކޫޕޭ އަށް ޔަމާލް ދިން އިންޓަވިއުގައި އޭނާ ބުނެޏެވެ.

ޔޫރޯ މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ދިޔައިރު ވެސް، ޔަމާލް ދިޔައީ އީއެސްއޯ [އޮބްލިގޭޓްރީ ސެކަންޑަރީ އެޑިއުކޭޝަން] ގެ ހަތަރު ވަނަ އަހަރުގެ ފަހު އިމްތިހާނަށް ކިޔަވަމުންނެވެ.

ޔަމާލް ސްޕެއިން ޓީމާ އެކު، ޖަރުމަނަށް ދިޔައީ ހަދަން ހަވާލުކުރި ފިލާވަޅުތައް ވެސް ހިފައިގެންނެވެ. އޮންލައިން ކްލާސްތަކުގައި ވެސް އޭނާ އައީ ބައިވެރިވަމުންނެވެ.

އިމްތިހާނުން ފާސްވިއިރު ސަތޭކަ ޕަސެންޓުގެ ރެކޯޑަކާ އެކު، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ސްޕެއިންގެ ވަރުގަދަ ހަމަލާތަކުގައި ވެސް އެންމެ މުހިއްމު ކުޅުންތެރިއަކަށް ޔަމާލް ވަނީ ވެފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ސްޓާޓިންގައި ކުޅެ، އޭނާ ވަނީ މުބާތާރުގެ ތާރީހުގައި ވެސް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގައި މޮޅު ކުޅުމެއް ދައްކައި، ގޯލެއް ޖަހަން އެހީތެރިވެފަ އެވެ.

މާދަމާ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު މުބާރާތުގެ ގަދަ 16 ގައި ސްޕެއިން ނުކުންނާނީ،= މޭޖާ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކުރަމުން އަންނަ ޖޯޖިއާއާ ދެކޮޅަށެވެ.