1000 ފޫޓު މަތީ އެލިގެން އޮވެ ނެގި ފޮޓޯއިން ހޫނުފެނަށް
1000 ފޫޓު މަތީ އެލިގެން އޮވެ ނެގި ފޮޓޯއިން ހޫނުފެނަށް

ރަޝިއާގެ މޮޑެލްއެއް ކަމަށްވާ ވިކީ އޮޑިންކޮވާ، ޑުބާއިގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ކާޔަން ޓަވަރަށް އަރައި ސަލާމަތީ ގޮތުން އެއްވެސް އެއްޗެއް ބޭނުން ނުކޮށް އިމާރާތުގެ މަތިން އެލިގެން އޮވެ ފޮޓޯއެއް ނެގި މައްސަލަ ވަނީ ހޫނުވެފަ އެވެ. އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

1000 ފޫޓު މަތީ އެލިގެން އޮވެ ނެގި ފޮޓޯއިން ހޫނުފެނަށް
1000 ފޫޓު މަތީ އެލިގެން އޮވެ ނެގި ފޮޓޯއިން ހޫނުފެނަށް

އުމުރުން 23 އަހަރުގެ ވިކީ އަކީ މޮޑެލްއެއްގެ އިތުރުން ސޯޝަލް މިޑިއާ ސެލެބްރިޓީ އެކެވެ. އޭނާ މި ނުރައްކާތެރި ފޮޓޯ ނެގީ ޗުއްޓީއަކަށް ޑުބާއިއަށް ކުރި ދަތުރެއްގަ އެވެ. އޭނާ ފޮޓޯ ނަގަން އެލިގެން އޮތީ 1004 ފޫޓު އުހުގަ އެވެ. އެހެން އޮވެ ފޮޓޯ އާއި ވީޑިއޯ ނެގި އެވެ. ވިކީގެ އިންސްޓަގްރަމް ފޮލޯކުރާ 3 މިލިއަން ފޭނުންނާ މި މަންޒަރުތައް ހިއްސާކޮށް ފަހުރުވެރި ވިޔަސް ފާޑުކިޔުންތަކާ އެކު ގާނޫނީ މައްސަލަތަކެއް ވެސް ކުރިމަތިވީ އެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއް ނާޅައި މިގޮތަށް ފޮޓޯތައް ނެގުމަކީ ދެވޭ ނުބައި މެސެޖެއް ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. ވިކީގެ އެއް ފޮޓޯގައި އޭނާގެ އެސިސްޓަންޓުގެ އަތުގައި ހިފައިގެން އިމާރާތުން ބޭރަށް އެލިގެން އޮވެ އެވެ. މި ފޮޓޯ ބަލަން ވެސް އުނދަގޫ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ކާޔަން ޓަވަރު ހިންގާ ކުންފުނި، ކާޔަން ގްރޫޕުން މި އަމަލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައިވެ އެވެ. ފުރާނައަށް ނުރައްކާތެރި އަމަލެއް ކުރަނިކޮށް ދައްކާ ޕްރޮމޯޓްކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ. އެކަމަކު، މި ވާހަކައަށް ވިކީ ރައްދު ދިނެވެ. އޭނާ ބުނި ގޮތުގައި މި މަންޒަރުތަކުން ހާމަވަނީ ކާޔަން ޓަވަރުގެ ސެކިއުރިޓީ ދަށްކަމެވެ.

ވިކީ އާއި އޭނާގެ ޓީމު އެންމެ މައްޗަށް އެރި އިރު، ސެކިއުރިޓީ ގާޑެއް ވެސް ނެތް ކަމަށާއި ޓަވަރު މަތީގައި ވެސް ސަލާމަތީ ފިޔަވަޅުތައް އަޅާފައެއް ނެތް ކަމަށް ބުންޏެވެ. ޓަވަރުގެ މައްޗަށް އަރައި ކޮންމެ މީހެއްގެ ފުރާނައަށް ނުރައްކާ ކަމަށް އޭނާ ބުންޏެވެ.

ކާޔަން ގްރޫޕުން ވަނީ ޓަވަރުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފަ އެވެ.

ރަސްމީ އިދާރާތަކުން ވިކީއާ ސުވާލުކުރުމުން އޭނާ ވަނީ އެފަދަ ކަމެއް ދުބާއީގައި ދެން ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެނބުރި ރަޝިޔާއަށް ދިއުމުން އެ ގައުމުގެ އިދާރާތަކުން ވެސް ވިކީއާ ވަނީ ސުވާލުކޮށްފަ އެވެ. އޭގެ ފަހުން ވިކީ ބުނީ އޭނާ ކުރި ފަދަ ކަމެއް އޭނާގެ ސަޕޯޓަރަކު ނުވަތަ އެހެން މީހަކު ވެސް ނުކުރުމަށް އެދޭ ކަމަށެވެ.