28 ޖޫން 2024 - 13:43

ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކަށް ގެއްލުން ދިނުމުން، އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.
ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކޮށް، ޓެގު ޖަހައިގެން ވަދެވޭ ގޮތް ހަދާފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.
ނަމަވެސް، އެޗްޑީސީން މިއަދު ބުނީ ބައެއް ދޮރުތަކަށް ބަޔަކު ގަސްދުގައި ގެއްލުން ދީ، ދޮރު ހަލާކުވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު ،މެންދުރު ފަހުން ފެށިގެން އެކްސެސް ކޮންޓްރޯލް ސިސްޓަމްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ވިނަރެސްގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށްޓަކައި މިފަދަ އަމަލުތަކުން ދުރުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވިނަރެސްގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް އެޅި މި ފިޔަވަޅުގެ ދަށުން ކޮންމެ ފްލެޓަކަށް ވެސް ދޫކޮށްފައިވަނީ ފަސް އަންލޮކް ޓެގެވެ.