ޝާހްރުކްގެ އާ ފިލްމުގައި އޭނާގެ ކަކޫ ސަލާމަތްކުރަން ބަޖެޓް ބޮޑުކުރަންޖެހިއްޖެ
ޝާހްރުކްގެ އާ ފިލްމުގައި އޭނާގެ ކަކޫ ސަލާމަތްކުރަން ބަޖެޓް ބޮޑުކުރަންޖެހިއްޖެ

ޝާހްރުކް ޚާން ތައްޔާރުވަމުން އަންނަ، އާނަންދް އެލް. ރާއީގެ ފިލްމުގައި ޑްވޯފް މީހެއްގެ ރޯލު ކުޅުމަށް ކަކޫ ޖައްސައިގެން ހިނގަން ޖެހޭތީ ކަކުލަށް އަނިޔާވާނެ ކަމަށް ބަލައި، ސްޕެޝަލް އިފެކްޓުން އެކަމަށް ހައްލެއް ހޯދަން ނިންމައިފި އެވެ. އެއާ އެކު ފިލްމުގެ ބަޖެޓް ވެސް ވަނީ ބޮޑުވެފަ އެވެ.

ފިލްމުތައް ކުޅުމުގެ ތެރޭގައި ލިބިފައިވާ އެކި އަނިޔާތަކަށް ޝާހްރުކް އޮޕަރޭޝަންތަކެއް ކޮށްފައިވެ އެވެ. މީގެ ކުރިން ވެސް ކަކުލަށް އަނިޔާވެފައި ވާތީ، ކަކޫ ޖައްސައިގެން ހިނގުމަކި ޝާހުރުކަށް އެހާ ރައްކާތެރި ކަމެއް ނޫނެވެ.

ޑީއެންއޭ ނޫހުން ބުނި ގޮތުގައި ޝާހްރުކްގެ ކަކުލުގެ އަނިޔާއަށް ވިސްނާފައި މި ފިލްމުގައި ސްޕެޝަލް އިފެކްޓްސް ވަރަށް ގިނައިން ބޭނުންކުރަން މިހާރު ވަނީ ނިންމައިފަ އެވެ. ފިލްމުގެ ސްކްރިޕްޓް ނިމިފައިވާތީ ސްޕެޝަލް އިފެކްޓްސް ޓީމެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ފިލްމުގެ ބަޖެޓުގެ ގޮތުގައި މިހާރު ހަމަޖައްސާފައި ވަނީ 150-160 ކްރޯޑު (1.5-1.6 ބިލިއަން ރުޕީސް) އެވެ. ޝާހްރުކް މިހާރު މަސައްކަތްކުރަނީ ސްޕެޝަލް އިފެކްޓްސް އެކްސްޕާޓުންގެ ބައިނަލްއަގުވާމީ ފެންވަރުގެޓީމެއް މި ފިލްމުގެ މަސައްކަތަށް ހޯދުމަށެވެ.

އެކަމަކު މިހާ ބޮޑު ޚަރަދެއް ކޮށްގެން ވިޔަފާރީގެ ގޮތުން ކާމިޔާބު ހޯދިދާނެ ކަމާ މެދު އެއްބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.