ރަޝިޔާ ސިފައިންގެ ތެރޭގައި ލަންކާ މީހުން؛ 17 މީހަކު މަރުވެއްޖެ
ރަޝިޔާ ސިފައިންގެ ތެރޭގައި ލަންކާ މީހުން؛ 17 މީހަކު މަރުވެއްޖެ

ސްރީ ލަންކާގެ ކުރީގެ ސިފައިންގެ ރަޝިޔާ ސިފައިންނާ އެކު ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަކުރުމުގައި ބައިވެރިކުރަމުން ގެންދާ ކަމަށާއި އެ މީހުން އަނބުރާ ގައުމަށް ފޮނުވަން ޖެހޭނެ ކަމަށް ލަންކާއިން ބުނެފި އެވެ.

ސްރީ ލަންކާއިން ބުނާ ގޮތުގައި ރަޝިޔާ ސިފައިންގެ ތެރޭ ތިބި ލަންކާ މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ހަނގުރާމައިގެ ތެރޭގައި މަރުވެފަ އެވެ. އެހެންވެ އެކަމުގެ ބަދަލަށް އެދި ރަޝިޔާއަށް ލަންކާގެ ވަފުދެއް ގޮސް މަޝްވަރާކޮށްފައިވާ ކަމަށް ވެސް އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ މަހު ވަނީ ރަޝިޔާ/ޔުކްރެއިން ހަނގުރާމައަށް ގޮސްފައިވާ ކަމަށް ބެލެވޭ ކުރީގެ ސިފައިންގެ 2،0000 އަށް ވުރެ ގިނަ މީހުން ދެނެގަތުމުގެ މަސައްކަތަށް ކޮމިޓީއެއް ހަދައިފަ އެވެ. މީގެ ތެރެއިން ގިނަ މީހުން ގުޅިފައިވަނީ ރަޝިޔާ ސިފައިންނާ ކަމަށް ވެސް ބުނެފައިވެ އެވެ.

ލަންކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޔުކްރެއިން ސިފައިންނާ ގުޅުން ލަންކާ ސިފައިންގެ ކުރީގެ މީހަކު މަރުވެފައިވާކަން ވަނީ އެނގިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރަޝިޔާއަށް ކުރި ދެ ދުވަހުގެ ދަތުރުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ހަނގުރާމާގައި ބައިވެރިވާ މީހުން ދެނެގަތުމަށާއި ވީނުވީއެއް ނޭނގިފައިވާ މީހުންނާއި މަރުވި މީހުންގެ މައުލޫމާތު ހޯދުމަށް ކަމަށެވެ.

ލަންކާއިން ބުނީ ލަންކާގެ 12 ވަރަކަށް މީހުން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ޔުކްރެއިންގައި ހައްޔަރުކޮށްފައި ވެސް އެބަތިބި ކަމަށެވެ.

ލަންކާގެ އިގްތިސާދު 2022 ވަނަ އަހަރު އިނދަޖެހި ބަނގުރޫޓުވި ވަގުތު އެ މީހަކަށް ލިބުނު ވަޒީފާއެއް ހޯދައިގެން އެކި ގައުމުތަކަށް އެތައް ބަޔަކު ދިޔަ އެވެ. ކުރީގެ ސިފައިންގެ އެތައް ބަޔަކު ރަޝިޔާ/ޔުކްރެއިން ހަނގުރާމައިގެ ފައުޖުތަކާ ވެސް ގުޅުނީ އެވެ. އެކަމަކު އަނެއް ބަޔަކީ ހަނގުރާމާގައި ބައިވެރިވާން ނުޖެހޭ "ނަން-ކޮމްބެޓް" ވަޒީފާތަކަށް ކަމަށް ބުނެ ބޮޑު މުސާރަ ހުށަހެޅުމުން ރަޝިޔާ ނުވަތަ ޔުކްރެއިންގެ އަސްކަރިއްޔާއާ ގުޅުނު މީހުންނެވެ. އޭގެ އެތައް ބަޔަކު ތިބީ އަނބުރާ އަންނަން ބޭނުން ވެފައި ކަމަށް ލަންކާ ސަރުކާރުން ބުނެ އެވެ. -- އޭއެފްޕީ