27 ޖޫން 2024 - 21:19

އިމާރާތް ކުރުމުގެ ހުއްދަ ނުނަގައި ހުޅުމާލޭގެ އެއްވެސް ބިމެއްގައި މަސައްކަތް ނުކުރުމަށް އެޗްޑީސީން މިއަދު އަންގައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެ އިން ވިއްކާފައި ބިންތަކާއި ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރާ އިރު، އެޗްޑީސީން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއް ނެތި އަދި އިމާރާތް ކުރުމާ ގުޅޭ ހުއްދަތައް ވެސް ނުނަގައި އެ މަސައްކަތް ކުރަމުންދާ ކަން މިހާރަކަށް އައިސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ހުޅުމާލެ އިން ދޫކޮށްފައިވާ ބިމެއްގައި އިމާރާތެއް ހަދަން ފެށުމުގެ ކުރިން އިމާރާތް ކުރާނެ ގޮތުގެ ކުރެހުމެއް އެޗްޑީސީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އަދި އިމާރާތްކުރުމާ ގުޅޭ އެހެން ހުރިހާ ހުއްދަތަކެއް ވެސް ހޯދަން ވާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، ހުޅުމާލޭގެ ބިންތަކުގައި އިމާރާތްކުރުމުގެ އުސޫލު އެ ކުންފުނީގެ ވެބްސައިޓުން ވެސް ފެންނާނެ އެވެ. ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ބުންޏެވެ.
އެ އުސޫލާ ހިލާފަށް އިމާރާތްކުރުމުގެ މަސައްކަތް ކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ އިއުލާނުގައި ވަނީ ދީފަ އެވެ.
އެޗްޑީސީން ވަނީ ބީލަމުގެ އުސޫލުން ހުޅުމާލޭގެ އެކި ތަންތަނުން ވަރަށް ގިނަ އަދަދެއްގެ ބިން ވިއްކައިފަ އެވެ. އަދި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ 2 އިން ވަނީ ހިލޭ ގޯތި ވެސް ދޫކޮށްފަ އެވެ.