14 ޖޫން 2016 - 08:15

ސަރުކާރުގެ ތެރެއިން އެއްވެސް ކަމެއް ނުވެއްޖެ ނަމަ އޭރު އޭގެ ހައްލު އޮތެވެ؛ އެއީ އެމްއެމްޕީއާރުސީ އެވެ. ނައިބު ރައީސް އަހުމަދު އަދީބު އެތަނުގައި އޭރު (އެއީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ނޮވެމްބަރު 2013 އިން ފެށިގެން މިދިޔަ އޮކްޓޫބަރު 24 އާ ހަމައަށް) ހިންގެވި ބާރުގަދަ "ކުޑަކުޑަ އަމިއްލަ ސަރުކާރަކުން" އެއްވެސް ކަމެއް ނުވެގެން ހުންނާކަށް ނުޖެހެ އެވެ. އެމަނިކުފާނުގެ ބާރުގަދަ ކަމަކީ، ޓޫރިޒަމް މިނިސްޓްރީ ނޫނަސް، ގައުމުގައި ދެން ހުރިއްޔާ ހުރި ހުރިހާ މިނިސްޓްރީއެއް، ހުރިހާ މުއައްސަސާއެއް ވެސް، އަދި ހުރިހާ މިނިވަން މުއައްސަސާއަކުން ވިޔަސް ހިތަށް އައިހާ ކަމެއް ކުރެއްވުމެވެ. އެކަމަކު އިންތިހާބުކޮށްފައިވާ ސަރުކާރާ ޚިލާފަށް އެމަނިކުފާނު އަމިއްލަފުޅަށް ބޮޑުވަޒީރެއްގެ ގޮތުގައި ހިންގެވި "ސަރުކާރު"ގައި ކަންކަން ވަމުން ދިޔައީ ފައިސާ އަށެވެ.

އެމްއެމްޕީއާރުސީ އަކީ ކުރިން މާ ގިނަ ބަޔަކު ދަންނަ ތަނެއް ނޫނެވެ؛ އެކަމަކު ހަމަ ކުއްލިއަކަށް އެތަން އާންމުންގެ ތެރޭގައި މަޝްހޫރުވެ، "ހައިބަތު ބޮޑުވެ" ގިނަ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެތަނަށް ވަޑައިގަންނަވަން މަޖުބޫރުވާ ހާލަތަކަށް އެތަން ބަދަލުކޮށްލެއްވީ ގާނޫނީ ބާރުތަކާ އެކު ސީދާ ސަރުކާރު އަޑީގައި އޮވެގެންނެވެ. ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރުމުގެ މަސައްކަތް އެއްފަރާތް ކޮށްލައިފައި ރާއްޖޭގެ ފަޅުތަކާއި ރަށްރަށް ވިއްކުމުގެ އިޚުތިޔާރު ގާނޫނުން ދިނުމާ އެކު އިސާހިތަކު އެތަން މުއްސަނދިންގެ އެންމެ ގާތް ތަނަށް ވެގެން ދިޔަ އެވެ. އެ ބޮޑު މުދާގަނޑު ހިތުހުރި ބަޔަކަށް، ހިތުހުރި ގޮތަކަށް "ބަހަމުން ކަހަލަ ގޮތަކަށް" ދިޔައިރު އެކަން ކުރައްވަމުން ގެންދެވީ ސީދާ އަދީބު އިސްކޮށް ހުންނަވައިގެންނެވެ. އޭގެ ބައެއް ކޭސްތަކުގެ ތަހުގީގު ނިމި މިހާރު ވަނީ ހުކުމް ވެސް ކޮށްފަ އެވެ. ބެލެވޭ ގޮތުގައި 60 އަށް ވުރެ ގިނަ ރަށްރަށް ވަނީ މި ދެންނެވި ތަން މެދުވެރިކޮށް، މި ދެންނެވި މުއްދަތުގެ ތެރެއިން "ވަގަށް" ގެންގޮސްފަ އެވެ.

އެމްއެމްޕީއާރުސީގައި ނައިބު ރައީސް އަދީބު ހިންގެވި ޖަރީމާ ވަރަށް ގިނަ ބަޔަކަށް އެނގެ އެވެ. އެކަމަކު އެކަން ކުރަމުން ދިޔަ ގޮތާއި އޭގެ ރޭވުންތައް އެނގޭ މީހުން ވަރަށް މަދެވެ. ގިނަ ފަހަރު ބައެއް ޑީލްތައް އެނގިވަޑައިގަންނަވާ ހަމައެކަނި ބޭފުޅަކީ އަދީބު އެކަންޏެވެ. އަދި އެކަން އެމަނިކުފާނު ކުރައްވަމުން ގެންދެވީ އެންމެ ގާތް ބައެއް މީސްމީހުންނަށް ވެސް ނޭނގޭ ގޮތަށް ކަމަށް ވެ އެވެ. ފައިސާ ބަހާ މީހާ އަށް އެ ފައިސާ ދެވެނީ އަސްލު ކާކަށް ކަން ވެސް ނޭނގޭ ކަމަށް ވެ އެވެ. އެކަން ކުރުމަށް ޓަކައި އެމްއެމްޕީއާރުސީގައި އޭރު އޮތީ ވަރަށް މޮޅު ސެޓަޕެއް ހަދައިފަ އެވެ. މި ސެޓަޕަށް އެތަނުގެ އިންޓީރިއާ އަށާއި އެތެރޭގެ އިންތިޒާމުތަކަށް ވެސް ބަދަލު ގެނަ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށްލުމާ ހިސާބުން ކޮންމެ ދުވަހަކު ހަވީރު އެތަން ހުޅުވައިގެން އަދީބު އޭނާގެ މަސައްކަތް ކުރައްވަމުން ގެންދެވި އެވެ. ބައެއް ދުވަސްދުވަހު އެމަނިކުފާނު ހަވީރު 4 އިން ރޭގަނޑު ދަންވަރު ތިނެއް ހަތަރެއް ޖަހަންދެން ވެސް އިންނަވާ ކަމަށް ވެ އެވެ. އެ ވަގުތުގެ ތެރޭގައި އެމަނިކުފާނު ކުރައްވާ ކަމެއް އެނގޭ އެމްއެމްޕީއާރުސީގެ މުވައްޒަފަކު ނުހުރެ އެވެ. ހަވީރުން ފެށިގެން މެންދަމު އެ އޮފީސް ބަންދުކުރުމާ ހަމައަށް އެތަނުގައި ހަރަކާތްތެރިވާ ޓީމަކީ މުޅިން އެހެން ބައެކެވެ. އެ ވަގުތުތަކުގައި އެތަނުގައި ސަރުކާރު ނޫން މުވައްޒަފުން ވެސް އުޅުނު ކަމަށް ވެ އެވެ. ވަކި ހާއްސަ ކޮޓަރިތަކެއްގައި ޑީލްތައް ކުރިއަށް ގެންދެ އެވެ. ހާއްސަކޮށް މަޖިލީހުގެ ވޯޓުތަކާ ދިމާކޮށް އެތަނަށް ވަޑައިގަންނަވާ މެމްބަރުންގެ އަދަދު ގިނަ އެވެ. ހިނިތުންވުމާ އެކު ނުކުމެ ވަޑައިގަންނަވާ ބޭފުޅުން އެތަކެއް ބައިވަރެވެ.

ބައެއް މީހުން ބުނާ ގޮތުގައި ފަހަކަށް އައިސް އެތަނުން ފެނުނީ ހަމައެކަނި ސަރުކާރުގެ ތެރޭގައި ހިމެނޭ މީހުންނެއް ނޫނެވެ. މީޑިއާގައި ހަރަކާތްތެރިވާ މީހުންނާއި އިދިކޮޅު މީސްމީހުން ވެސް އެމްއެމްޕީއާރުސީން ގިނަ އަދަދަކަށް ފެނުނެވެ. ކޮންމެ ދުވަހަކު ހަވީރު ސައިގެ ބުފޭއެއް އަތުރާލައިފައި އޮންނައިރު، ރޭގަނޑު ކެއުމަށް ވެސް ބުފޭ އޮވެ އެވެ. ކޮފީ ހުންނަނީ ކޭސްކޭހުން ގަނެފަ އެވެ. މިއީ، ހިތްހެޔޮ ބޭފުޅެއްގެ ދީލަތިކަން ގޮތެވެ. އަދި މިއީ ކޮން ފައިސާއެއްކަން ބައެއް މީސްމީހުންނަށް އެނގި ތިބެމެ، އެ ފައިސާގެ ނާޖާއިޒު ފައިދާ ވަނީ ނަގައިފަ އެވެ. ބައެއް ރަށްރަށް ލިބެމުން ދިޔައީ ނުގަވައިދުންކަން އެނގި ތިބެމެ، އެ ކޮރަޕްޝަންގައި ދިޔައީ ބައިވެރިވަމުންނެވެ. އަދީބަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމުގެ ޔަގީންކަން އެތައް ބަޔަކަށް ލިބުމާ އެކު ދަމައިގަނެވެން އޮތް ތަނުގައި ތަންމިނަށް ދިޔައީ ދަމައިގަންނަމުންނެވެ. ފަހުން ކަމެއް ނުވާނެ ކަމުގެ ޔަގީން ކަން ވެސް ގިނަ ބަޔަކަށް އޮތީ ލިބިފައި ކަމަށް ވެ އެވެ.
އިއްޔެ "މިހާރު"ގައި ޝާއިއުކުރި އެސްއޯއެފްގެ އެންމެ ބޭންކް އެކައުންޓެއް ބަލާލުމުން ވެސް އެމްއެމްޕީއާރުސީގެ ތެރޭގައި ހިނގަމުން ދިޔައީ ކޮން ޑީލްތަކެެއްކަން ވަރަށް ސާފުކޮށް އެބަ އެނގެ އެވެ. ބައެއް ދުވަސް ދުވަހު އެތަކެއް މިލިއަން ޑޮލަރުގެ އެތަކެއް ބައިވަރު ޓްރާންސެކްޝަންތައް ހަދާފައި ހުރި އިރު، ރާއްޖޭގެ މާލީ އިދާރާތައް އޮތީ ނިންދަވާލައިފައި ކަމާ ދޭތެރޭ ޝައްކެއް ނެތެވެ. ބޭންކުތަކުގެ ގާނޫނުތަކާ ޚިލާފަށް ކޮށްފައި ހުރި އެ ޓްރާންސެކްޝަންތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ވަރަށް ބޮޑެތި ކުންފުނިތަކާއި ބޮޑެތި މީސްމީހުންނަށް ވަނީ އެކި ވަރުން ފައިސާ ޓްރާންސްފާ ކޮށްފަ އެވެ. މިއީ، އެ ބައެއްގެ ނަޒަރުގައި ޚިޔާނާތެއް ނޫނަސް، އެއްވެސް ކަމެއް ނުކުރާ ކުންފުންޏަކާ އެކު މިލިއަން ޑޮލަރުގެ ޑީލްތައް ހެދިއިރު އެއީ ކޮން ތާކުންް ހޯދާ ފައިސާއެއްތޯ ސުވާލު ނުއުފެދިއެއް ނުހުންނާނެ އެވެ. އެކަމަކު އެންމެން ވެސް ތިބީ ލިބޭތާ ލިބިގަތުމުގެ ވިސްނުމުގަ އެވެ. ގައުމަށް ޓަކައި ވިސްނާލި ހަމައެކަކު ވެސް ނެތެވެ.
ހަގީގަތަކީ، ރައީސް ޔާމީންގެ ދައުރުގައި އަދީބަކީ ރައީސް ޔާމީނަށް ވުރެ ވެސް ބާރުގަދަ ބޭފުޅެއް ކަމެވެ. ރައީސް ޔާމީނަށް ނުވާ ކަންކަން ވެސް އަދީބަށް ކުރެއްވޭނެ ކަމުގެ ޔަގީންކަން އޭނާ އެކި މީސްމީހުންނަށް ދެއްވާފައިވާ ކަމަށް ވެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ފައިސާ އަކީ އެއްވެސް އެއްޗެއް ނޫނެވެ. ކޮތަޅުކޮތަޅަށް ފައިސާ އަޅާފައި ބެއްސެވި ކަމަށް ވެ އެވެ. އަދި އެކަން ރަމްޒީކޮށް ވިދާޅުވުމަށް މަޖިލިހުގެ މެމްބަރަކު ބޭނުންކުރެއްވީ "ގޯނިގޯނީގައި ފައިސާ ބައްސަވާފައިވާ" ކަމުގެ ވާހަކަ އެވެ. އެއީ އަދީބު ދެއްވި ފައިސާ ކަމަށް އޭނާ، އިޚުތިޔާރުން ބޭރުގައި ވިދާޅުވެފައިވެ އެވެ. އަދީބުގެ ނާޖާއިޒު މުއްސަނދިކަން އެއީ ބައެއް މީހުން ހަސަދަވެރިވަމުން އައި ކަމެއް ނަމަވެސް، އަދި އެއީ ކޮން ތާކުން އެމަނިކުފާނު ހޯއްދަވާ ފައިސާއެއްތޯ ސުވާލު ކުރަމުން ދިޔަ ނަމަވެސް އެކަމާ ފާޅުގައި ވާހަކަ ދައްކާކަށް އެކަކަށް ވެސް ނުކުރެ އެވެ. ސަބަބަކީ ރައީސް ޔާމީން ވެސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވެފައިވާ ފަދައިން، އަދީބު ވަނީ ފުލުހުންގެ ބައެއް އިސް ބޭފުޅުންނަށް ވެސް އަދި ބައެއް ފަނޑިޔާރުންނަށް ވެސް ފައިސާ ދެއްވައި އެ ބޭފުޅުން ގަނެލައިފަ އެވެ. ތަހުގީގާއި ހުކުމް ވެސް އޮތީ އަދީބުގެ އަތްމަތީގައިކަން އާންމުންނަށް ކަށަވަރެވެ.
މިވަރުގެ ބާރެއް، މިވަރުގެ ނުފޫޒެއް ލިބިފައި އޮތްކަން ޚުދު ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބައްސަވާކަމާއި ގްރޫޕުތަކަށް ވެސް އަދީބު ޚަރަދު ކުރެއްވި ކަން ރައީސަށް އެނގިވަޑައިގެންފައިވެ އެވެ. ބައެއް ފަހަރު އެ ވާހަކަ ރައީސް އާންމުކޮށް ވެސް ވިދާޅުވެފައިވެ އެވެ. އަދި އެކަމާ ބެހޭ ގޮތުން ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން މައްސަލަ ޖެއްސުމުން އެކަން ދިފާއު ކުރައްވާފައި ވެސް ވެ އެވެ. އޮޑިޓް ރިޕޯޓެއް ނެރުނުކަމާއި އޭގައި އަދީބުގެ ކޮރަޕްޝަން ވެސް ހިމެނޭ ކަން ރައީސަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު އަދީބު ހިންގެވީ އޭރު ކޮރަޕްޝަންކަން އެމަނިކުފާނަށް އެނގިވަޑައިގެންފައި ނެތް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އަދީބުގެ "ސަރުކާރާ"އި އޭނާގެ ނައިބު ރައީސްކަން ވެސް އަދި އަމިއްލަފުޅަށް އުފެއްދެވި "ބޮޑުވަޒީރުކަން" ވެސް ނިމިގެން ދިޔައީ އެވެ. އެއާއެކު ކޮރަޕްޝަންތައް މުލުން ލުހިގެން އައިސް އާންމުން ރޮއްވާލި އެވެ. ހީނުކުރާ ވަރުގެ ވައްކަންތައް ފަޅާއެރި އެވެ. އެކަމަކު މި މުޅި ސީން ނިމިގެން ދިޔައިރު، ކުށްވެރިވީ ދެތިން މީހެކެވެ. އަދީބާ ހަމައިން ހުރިހާ ކަމެއް ނިމުނީ އެވެ. -- މައްސަލައެއް ނެތެވެ؛ އެންމެންނަށް ވެސް ހީވީ ކޮރަޕްޝަންގެ ހާލި މުލުން ލުހިގެން ދިޔައީ ކަމަށެވެ.
އެކަމަކު އެހެން ސުވާލެކެވެ؛ ގައުމު ސިއްސުވާލި ބިލިއަން ރުފިޔާގެ ކޮރަޕްޝަނަށް ފަހު އެ އަޑު ރާއްޖެއިން ކެނޑިއްޖެ ހެއްޔެވެ؟ ކޮރަޕްޝަންގެ ވާހަކަތައް މަދުވެއްޖެ ހެއްޔެވެ؟ ނޫނެވެ؛ ނުވެ އެވެ. ކޮރަޕްޝަންގެ ވާހަކަ އޭރެކޭ އެއްވަރަށް ދެކެވެމުން ދެ އެވެ. ވަރަށް ފާޅުގައި ވެސް ދެކެވެ އެވެ. އަދީބު ފަދަ އެހެން މީސްމީހުން އުފެދޭ ވާހަކަތައް އަނެއްކާވެސް މިއޮތީ ފެންމަތިވެފަ އެވެ. ނުހައްގުން އެކިއެކި މަޝްރޫއުތައް ދޭ ވާހަކަތައް މިއޮއްދަނީ ކޯރެއްހެން ފެތުރެމުންްނެވެ. އަދީބު ކަހަލަ ބާރުގަދަ މީސްމީހުން އަނެއްކާވެސް އުފެދިދާނެ ކަމުގެ ކޮޅުމަތި ވެސް މިދަނީ ފެންނަމުންނެވެ. ހަމަ އެހެންމެ ސަރުކާރުގެ ތެރެއިން އެހެން ކުޑަ "ސަރުކާރެއް" އަނެއްކާވެސް އުފަންވެދާނެ ކަމުގެ ބިރު މިއޮތީ ހީވެފަ އެވެ.
މާނައަކީ މި އެވެ؛ އަދީބާ ހަމައިން މިކަމެއް ނުނިމެ އެވެ.