މެނިންގޯކޮކަލް ކޭސްއާ ގުޅޭ 46 ކޮންޓެކްޓުން، ބަލި ފެތުރޭނެ ކަމަކަށް ނުބެލެވޭ: އެޗްޕީއޭ
މެނިންގޯކޮކަލް ކޭސްއާ ގުޅޭ 46 ކޮންޓެކްޓުން، ބަލި ފެތުރޭނެ ކަމަކަށް ނުބެލެވޭ: އެޗްޕީއޭ

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ރާއްޖެއިން ފެނިގެން ބެލި ބެލުމުން ފާހަގަވެފައި ވަނީ އެ ކޭސްއާ ގުޅޭ 46 ކޮންޓެކްޓު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، ރާއްޖެ އައި ފަހުން އެ ބަލި ޖެހުނު ކަން އެނގުނީ، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަށެވެ. އެ އެ ބަލީގައި ހާލު ސީރިއަސްވެ، އޭނާ ވަނީ ނިޔާވެފަ އެވެ.

ބަލި ފެނުމާ އެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓްވީ މީހުންނަށް މައުލޫމާތު ދީފަ އެވެ. އަދި އެ މީހުން ބަލިން ރައްކާތެރިވުމަށް ޕްރޮފައިލެކްޓިވް ބޭސް ވެސް ވަނީ ދޭން ފަށައިފަ އެވެ.

ބައްޔާ ގުޅޭ އިތުރު މައުލޫމާތު ދެމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ދައުލަތުގެ މީޑިއާއަށް ރޭ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުގެ މި ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

އަޝްރަފް ވިދާޅުވީ މި ބައްޔަށް ބޭހާއި ވެކްސިން ދެނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުންނާއި އެ ކަމަށް ޑޮކްޓަރުން އިރުޝާދު ދޭ މީހުންނަށް އެކަނި ކަމަށެވެ.

ހެލްތް މިނިސްޓްރީން ވެސް ވަނީ މިހާތަނަށް ބެލި ބެލުމުން މި ބަލި އާންމުކޮށް ފެތުރެމުން އަންނަ ކަން ފާހަގަވެފައިނުވާ ކަމަށާއި އެހެންކަމުން އެ ބައްޔަށް އާންމުކޮށް ވެކްސިން ޖަހަން ޖެހޭ ހާލަތެއް ނެތް ކަމަށް ބުނެފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ވެކްސިން ޖަހަން ލަފާ ދެނީ އުމްރާ އާއި ހައްޖުގެ އަޅުކަމަށް ދާ މީހުންނާއި އެ ބަލި ފެތުރޭ ގައުމުތަކަށް ދާ މީހުންނަށެވެ. އަދި، އެހެނިހެން ސިއްހީ ހާލަތްތައް މެދުވެރިވެފައިވާ މީހުން ބަލި ޖެހުމަށް ކަމަށް ހެލްތުން ނެރުނު ބަޔާނުގައި ލަފާ ދީފައިވެ އެވެ.

އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ. ތިން ވަނަ މީހަކީ ބަކާ އެވެ.

މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.

އެއީ ނުރައްކާތެރި ދެ ބައްޔަކަށް ވިއަސް، ވެކްސިން ޖަހައިގެން އެކަމުން ރައްކާތެރިވެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.