މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދަން ގަރާރެއް ހުށަހަޅައިފި
މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދަން ގަރާރެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގޮތުން މެންބަރުންގެ ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޝުޖާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުން ދިއުމާ މެދު 20 ވަނަ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކަ އެވެ.

މިއަދު މަޖިލީހުގައި އެޖެންޑާ ކޮށްފައި ވަނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ނޫނެވެ. ނަމަވެސް އެއީ އާންމުން ގަބޫލު ކުރާ ކަމަކަށް ވާތީ އެކަމާ ވިސްނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މިދިޔަ ތިން ދައުރަށް ބަލާއިރު 18 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވި އެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ. މި އަހަރު އެ އަދަދު ވަނީ 93 އަކަށް އިތުރުވެފަ އެވެ.

މެންބަރުންގެ އަދަދު އިތުރުވާ އިރު ދައުލަތުގެ ބަޖެޓުން ކޮންމެ މެންބަރެއްގެ މުސާރަ އަށް މަހަކު 82،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ.