އިޒްރޭލުގެ ހަމަލާއެއްގައި ހަމާސްގެ ވެރިޔާގެ އާއިލާއިން 10 މީހަކު ޝަހީދުކޮށްލައިފި
އިޒްރޭލުގެ ހަމަލާއެއްގައި ހަމާސްގެ ވެރިޔާގެ އާއިލާއިން 10 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ހިސާރުކޮށް ހަމަލާ ދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާއަށް އިއްޔެ އިޒްރޭލުން ދިން ހަމަލާތަކެއްގައި ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ އާއިލާގެ 10 މީހަކު ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ދެކުނުގައި ދޭ ހަމަލާތަކުގެ ވަރުގަދަ މަރުހަލާ ނިމުމަކާ ގާތްވެއްޖެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ބުނިތާ ތިން ދުވަސް ފަހުން ދިން މި ހަމަލާގައި ހަނިއްޔާގެ ދައްތައެއް ވެސް ވަނީ ޝަހީދުވެފަ އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ މި ހަމަލާ ދީފައިވަނީ އިއްޔެގެ ފަތިހު ކަމަށެވެ. މި ހަމަލާ ދިނީ އައް ޝާތީ ރެފިއުޖީ ކޭމްޕްގައި ހުންނަ، ހަނިއްޔާގެ އާއިލާގެ ގެޔަކަށް ކަމަށް ވެސް ބުންޏެވެ.

އިޒްރޭލުން ބުނީ ހަމަލާ ދީފައިވަނީ ހަމާސް އިން ހަނގުރާމަޔަށް ބޭނުންކުރާ ސްކޫލެއްގެ ގޯތިތެރެ އާއި އޮކްޓޫބަރު 7 ގެ ހަމަލާގައި ބައިވެރިވި ބަޔަކު އުޅޭ އެހެން ތަނަކަށް ކަމަށެވެ.

ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބަސާލް ވިދާޅުވީ މި ހަމަލާގައި 10 މީހަކު ޝަހީދުވެފައި ވާއިރު އެތައް ބަޔަކު ޒަހަމްވި ކަމަށެވެ.

މީގެ ކުރިން އިޒްރޭލުން ދިން ހަމަލާއެއްގައި ހަނިއްޔާގެ ތިން ފިރިހެން ބޭފުޅަކާއި ކާފަ ވިދާޅުވާ ހަތަރު ބޭފުޅަކު ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ. ހަނިއްޔާ އޭރު ވިދާޅުވެފައިވާ ގޮތުގައި އޭނާގެ އާއިލާއިން ވަނީ 60 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 37،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. ހަމަލާ ދެނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށް އިޒްރޭލުން ބުންޏަސް މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. -- އޭއެފްޕީ